ސަންޗޯގެ ހެޓްރިކާ އެކު ޑޮޓްމަންޑަށް ބޮޑު މޮޅެއް

ޑޮޓްމަންޑުގެ ފޯވާޑް ޖޭޑަން ސަންޗޯ ގޯލު ޖެހުމަށްފަހު --- ފޯޓޯ: ބެން ސްޕްރެޓް

ޖޭޑަން ސަންޗޯގެ ހެޓްރިކާ އެކު އެސްސީ ޕެޑަބޯން އަތުން ބްރޮޝިއާ ޑޮޓްމަންޑް ބޮޑު މޮޅެއް ހޯދައިފި އެވެ.

ޕެޑަބޯންގެ ބެންޓެލާ އެރީނާގައި ރޭ ކުޅުނު މެޗުން ޑޮޓްމަންޑް ކުރި ހޯދީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުން ލިބުނު މޮޅާ އެކު ޑޮޓްމަންޑް މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 19 މެޗުން ލިބުނު 60 ޕޮއިންޓާ އެކު އެވެ. އެ ޓީމަށް ވުރެން ހަތަރު ޕޮއިންޓް ފަހަތުގައި ބުރޮޝިއާ މޮންގްލަބެޝް އޮތް އިރު އެއްވަނައިގައި ބަޔާން މިއުނިކް އޮތީ 67 ޕޮއިންޓާ އެކު އެވެ.

މިދިޔަ ހަފުތާ ވާދަވެރި ބަޔާން އަތުން 0-1 ގެ ނަތީޖާއަކުން ޑޯޓްމަންޑް ބަލިވުމާ އެކު އެ ޓީމަށް ވަނީ އެއްވަނައިގައި ފަރަގު ކުޑަ ކުރުމަށް ލިބުނު ފުރުސަތު ގެެއްލިފަ އެވެ. އެކަމަކު ލީގުގައި ބާކީ އަދި ގިނަ މެޗުތަކެއް ހުރުމުން އުންމީދު ނުގެއްލޭ ކަމަށް ޑޮޓްމަންޑުން ބުނެފައިވާ އިރު ރޭގެ މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އަވޭ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ހާފު އެއްކޮށް ޑޮޓްމަންޑުން އެޓޭކް ކުރި ނަމަވެސް ގޯލެއް ޖެހިފައެއް ނުވެ އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން 54 ވަނަ މިނަޓުގައި އެ ޓީމަށް ގޯލު ހުޅުވައިދިނީ ތޯގަން ހަޒާޑް އެވެ.

އޭގެ ތިން މިނަޓުފަހުން ޑޮޓްމަންޑަށް ލީޑު ފުޅާކޮށްދިނީ ސަންޗޯ އެވެ. ސަންޗޯ ވަނީ އެ މެޗުގައި އިތުރު ދެ ގޯލު ޖަހައި ހެޓްރިކެއް ފުރިހަމަ ކޮށްފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 15 ވަނަ ގޯލެވެ. މި ގޯލާ އެކު ސަންޗޯއަށް ވަނީ ތާރީހީ ރެކޯޑަކާ އަރައި ހަމަކުރެވިފަ އެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ކުޅުންތެރިއަކަށް އެއް ސީޒަނެއްގައި އެންމެ ފަހުން 15 ގޯލާއެކު 15 އެސިސްޓް ފުރިހަމަ ކުރެވިފައިވަނީ 1994-1995 ވަނަ ސީޒަނުގަ އެވެ. ސަންޗޯ ރޭ ޖެހި ގޯލުތަކާއި، އެސިސްޓާ އެކު އޭނާ ވަނީ އޭގެ ފަހުން އެ އަދަދަށް ގޯލް ކޮންޓްރިބިއުޓް ކުރި ފުރަތަމަ ކުޅުންތެރިއާއަށް ވެފަ އެވެ.

ޑޮޓްމަންޑުން އެ މެޗުގައި ބާކީ ޖެހި ދެ ގޯލު ކާމިޔާބު ކޮށްދިނީ އަޝްރަފް ހަކީމީ އާއި، މާސެލް ޝްމެލްޒާ އެވެ. އިދިކޮޅު ޕެޑަބޯންއިން މެޗުގައި ޖެހި ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އުވޭ ހުއެނެމިއާ އެވެ.

ޑޮޓްމަންޑުގެ ކުޅުންތެރިން ރޭގެ މެޗުގައި ގޯލު ޖެހުމަށްފަހު އެމެރިކާގެ މިނިއާޕޮލިސް ސިޓީގައި ފުލުހުންގެ ބެލުމުގެ ދަށަށް ޖޯޖް ފްލޮއިޑް ނަމަކަށް ކިޔައި މީހަކު ގެންދަން އުޅުމުގެ ތެރޭގައި އޭނާ މަރުވި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް ވަނީ ގޮވާލައިފަ އެވެ.

comment ކޮމެންޓް