ސަރުކާރު މުވައްޒަފުންނަށް ހެޔޮގޮތުގައި ދިވެހިބަސް ބޭނުންކުރަން ދަސްކޮށްދެނީ

ސަރުކާރު މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސްކޮށްދިނުމަށް، "އޮފީސް ދިވެހި"ގެ ނަމުގައި އޮންލައިން ކޯހެއް ކުރިއަށް ގެންދަން ދިވެހި ބަހުގެ އެކެޑެމީން ނިންމައިފި އެވެ.

ކޮވިޑް19ގެ ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހިބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވާއިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ދިވެހި ބަހުގެ އެކެޑަމީން އަންނަނީ އެކިއެކި ކޯސްތަކާއި ކިލާސްތައް އޮންލައިނުކޮށް ހިންގަމުންނެވެ

ދިވެހިބަހުގެ އެކެޑަމީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ "އޮފީސް ދިވެހި" ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެ ކޯހުގެ މުއްދަތަކީ 20 ގަޑިއިރު ކަމަށް ބުނެފައިވެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ ކޯހުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކަން ނުޖެހޭއިރު، ކޯހުގައި ބައިވެރިވާން އެދޭ ފޯމު ހުށަހަޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

ދިވެހި ބަހުގެ އެކެޑަމީން ބުނީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން ކޯހުގައި ބައިވެރިވާން އެދޭ މުވައްޒަފުން، ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ޖޫން ހަތެއް ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން އެކެޑަމީއަށް ހުށަހަޅަން ވާނެ ކަމަށެވެ.

އެކެޑަމީން އޮންލައިންކޮށް ކުރިއަށް ގެންދާ އަދަބީ ހުނަރު ޕްރޮގްރާމަތަަކަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 1،100 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް މީގްކުރިން އެކެޑަމީން ވަނީ ބުނެފައެވެ.

comment ކޮމެންޓް