ނުރައްކާތެރި ބައްޔެއްގައި މަރުވާ މީހުން ހިނެވޭނީ 60 އަހަރުން ދަށުގެ މީހުންނަށް

އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް، ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހުން ހިނަވައި، ކަށުކަމާކެމީގެ ކަންތައް ކުރުމުގައި ބައިވެރިނުވެވޭ ގޮތަށް ގަވާއިދު އެކުލަވާލައިފި އެވެ.

ނުރައްކާތެރި ބައްޔެއް ޖެހިގެން މީހަކު މަރުވެއްޖެ ހިނދެއްގައި، މައްޔިތާ ތަންތަނަށް އުފުލުމުގައްޔާއި، މައްޔިތާއަށް އަޅައިލުމުގައްޔާއި، މައްޔިތާ އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައްޔާއި، މައްޔިތާ ވަޅުލުމުގައި އަމަލުކުރާނެ ގޮތާއި، ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވެފައިވާ މީހަކު ވަޅުލައިފައިވަނިކޮށް އެ މީހަކު ކަށްވަޅުން ނަގައި، އެހެން ތަނަކަށް ގެންގޮސް އެހެން ތަނެއްގައި، ނުވަތަ އެ ނެގި ތަނެއްގައި އަލުން ވަޅުލުމުގައި އަމަލުކުރާނެ ގޮތްތަކާއި، އެ ކަންކަމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް އެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ ބަލީގެ ސަބަބުން، އެ މައްޔިތާ ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންނަށާއި މުޖުތަމައަށް ހުރި ސިއްހީ ނުރައްކާ ވަނީ ގިންތިކޮށްފައެވެ.

ފުރަތަމަ ގިންތިއަކީ އިންސާނުންނަށް ނުރައްކާތެރި ބައްޔަކަށް
ވުމާއެކު، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައި، މުޖުތަމައަށް އެ ބަލި ފެތުރުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވުމާއެކު، އާންމުގޮތެއްގައި އެ ފަދަ ބަލިބަލިން ދިފާއުވުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ހުރުމާއި، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާ ހުންނަ ހާލަތެވެ.

ދެވަނަ ގިންތިއަކީ އިންސާނުންނަށް ނުރައްކާތެރި ބައްޔަކަށް ވެފައި، ވަޅުލުމުގައި މަސައްކަތްކުރާ މީހުންނަށާއި މުޖުތަމައަށް އެ ބަލި ފެތުރުމުގެ ނުރައްކާ ބޮޑުކަމަށް ގަބޫލުކުރެވުމާއެކު، އެ ބަލިން ރަނގަޅުވުމަށް ދެވޭނެ ފަރުވާއެއް ހޯދިފައި ނެތް ހާލަތެވެ.

ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހުން ހިނެވުމާއި ކަށުކަމާކެމީގެ ކަންތައްތައް ކުރާ މީހުންނާ ގުޅޭގޮތުން ކަށަވަރުކުރަންޖެހޭ ކަންތައްތަކެއް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން އެމީހުންނަކީ އުމުރުން 60 އަހަރުން ދަށުގެ މީހުން ކަމަށް ވާންޖެހޭނެއެވެ. އަދި ބައްޔެއްގެ ސަބަބުން، ނުވަތަ އެހެން ސަބަބަކާހުރެ، ދިފާއީ ނިޒާމު ބަލިކަށިވެފައިވާ ބަޔަކަށް ނުވުމާއި އެ ބައްޔެއްގެ ޒާތުން، ބަލިޖެހުމުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހަކަށް ނުވުން ހިމެނެއެވެ.

ނުރައްކާތެރި ބައްޔެއް ޖެހިގެން، ސިއްހީ ހިދުމަތްދޭ ތަނެއްގައި މަރުވާ މީހުން ހިނަވައި، ކަށުކަމާކެމީގެ ކަންކަން ކުރާނީ އެމީހާ މަރުވި ވޯޑެއްގައެވެ. އެއަށްފަހު އެތަނުން މައްޔިތާ ނެރެން ވާނީ ބޮޑީބޭގެއްގައެވެ.

ބޮޑީބޭގަށް މައްޔިތާ ލުމަށްފަހުގައި، ސައިބޯނި ލައިފައިވާ ފެން
ފޮތިގަނޑަކުން، ބޮޑީބޭގުގެ ބޭރު ސާފު ކުރަން ވާނެއެވެ. އަދި ބްލީޗް ސޮލިއުޝަނުން ޑިސްއިންފެކްޓު ކުރަންވާނެއެވެ.

އަދި މައްޔިތާ ވަޅުލުމަށްޓަކައި ސަންދޯކަށް ލުމަށްފަހު، ސަންދޯން ބަންދުކޮށް، ސައްދޯކުގެ ބޭރުވެސް ބްލީޗް ސޮލިއުޝަނުން ޑިސްއިންފެކްޓު ކުރަންޖެހޭނެއެވެ.

އެ ކަންކަން ކުރުމުގައި ހަރަކާތްތެރިވާ އެންމެން ތިބެންޖެހޭނީ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ލައިގެންނެވެ.

ސިއްހީ ހިދުމަތްދޭ ތަނެއް ފިޔަވައި އެހެން ތަނެއްގައި މީހަކު މަރުވެއްޖެނަމަ، މައްޔިތާއާ ކައިރިނުވެ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އަންގަން ޖެހޭނެއެވެ.

އަދި މަރުވި މީހާގެ ހަށިގަނޑު އޮތް ތަނުން، ސިއްހީ ހިދުމަތް ދޭ ތަނަކަށް ގެންދިއުމުގެ ބަދަލުގައި ގެންދަންވާނީ، ސީދާ އެ ފަދަ މީހުން ވަޅުލުމަށް ކަނޑައަޅާފައިވާ ތަނަށް ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ފެތުރޭ ދުވަސްވަރެއްގައި، މަރުވެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިގެންކަން ނޭނގި މަރުވެފައިވާ މީހެއްގެ ހަށިގަނޑާ އެއްވެސް މީހަކު ކައިރިވެފައިވާ ނަމަ، އެ މީހެއްގެ ގައިގައި އެ ބަލީގެ ޖަރާސީމު ނެތްކަން ކަށަވަރު ކުރުމަށް ޓަކައި އެ މީހަކު އެކަހެރި ކުރާނެއެވެ.

އެއްވެސް ސަބަބަކާހުރެ ވަޅުލުން ލަސްކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ކަމަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެނިއްޖެނަމަ، ކަނޑައެޅޭ މުއްދަތަކަށް މައްޔިތާ މޯޗަރީގައި ބާއްވަން، ޑިރެކްޓާ ޖެނެރަލަށް ނިންމިދާނެއެވެ.

ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހެއްގެ ހަށިގަނޑު ހަލާކުނުވެ ގިނަ މުއްދަތަށް ބޭއްވޭގޮތަށް "އެމްބާމް" ކުރުމަކީ އެދެވިގެންވާ ކަމެއް ނޫންކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގައި ބުނެފައިވަނީ ނުރައްކާތެރި ބައްޔެއް ޖެހިފައިވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރުމުގައި އަމަލު ކުރަން ވާނީ، އިސްލާމިކް މިނިސްޓްރީގެ ލަފާގެ މަތިން، ޑިރެކްޓާ ޖެނެރަލް ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.

ނުރައްކާތެރި ބައްޔެއް ޖެހިގެން މަރުވާ މީހުންގެ މޫނު ދެއްކުމުގެ ކަންކަން ބާއްވައި އިންތިޒާމު ކުރާނީ، ނުރައްކަލުގެ ގިންތިއަށާއި، އެ ވަގުތެއްގައި މީހުން އެއްވެ އުޅުމާ ގުޅޭގޮތުން ޑިރެކްޓާ ޖެނެރަލް ނިންމައިފައިވާ ނިންމުންތަކަށް ބިނާކޮށް އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިންނެވެ.

އަދި ހާލަތަށް ރިއާޔަތްކޮށް އިސްލާމިކް މިނިސްޓްރީގެ މަޝްވަރާގެ މަތިން، މަރުވެފައިވާ މީހާގެ މައްޗަށް ކުރެވޭ
ކަށުނަމާދުގައި ބައިވެރިވެވޭނެ މީހުން، ކަނޑައަޅާނީ ޑިރެކްޓާ ޖެނެރަލް އެވެ. އަދި މައްޔިތާ ވަޅުލުމުގައި ވެސް ހަރަކާތްތެރިވާން ވާނީ ވީ އެންމެ މަދު އަދަދެއްގެ މީހުންނެވެ.

ކަށުނަމާދުގައި ބައިވެރިވާ މީހުންނާއި ވަޅުލުމުގައި ހަރަކާތްތެރިވާ އެންމެން، އެޗްޕީއޭއިން ކަނޑައަޅާ މިންގަނޑަކާ އެއްގޮތްވާ ގޮތުގެ މަތިން ޕީޕީއީ ބޭނުންކުރަން ޖެހޭނެއެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ތަހުލީލެއް ކުރުމަށް، ނުވަތަ ތަހުގީގެއް ކުރުމަށް، ނުވަތަ ސިއްހީ ގޮތުން ބަލަންޖެހޭ ކަމެއް ބެލުމަށް ވަޅުލައިފައި އޮތް ތަނުން ނަގައި، އެހެން ތަނަކަށް ހަށިގަނޑު ގެންދެވޭނެ ހާލަތްތަކާއި އެކަމުގައި އަމަލުކުރަން ޖެހޭނެ އުސޫލުތައް ވެސް ގަވާއިދުގައި ބުނެފައިވެއެވެ.

comment ކޮމެންޓް