ފްލޮއިޑްގެ މަރު: މުޒާހަރާ ކުރާ މީހުން މިނިވަން ކުރަން ކްރިސީ 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފި

މަޝްހޫރު މޮޑެލް ކްރިސީ ޓީގަން --- ފޮޓޯ : އެންބީސީ

އެމެރިކާގެ ފުލުހުން އަނިޔާވެރިގޮތަކަށް ޖޯޖް ފްލޮއިޑް މަރާލި މައްސަލައިގައި ފުލުހުންގެ އަނިޔާވެރިކަމަށް އަލި އަޅުވާލައި ކުރަމުންދާ މުޒާހަރާއާ ގުޅިގެން ހައްޔަރުކުރަމުންދާ ފަރާތްތައް މިނިވަން ކުރުމަށް، މަޝްހޫރު މޮޑެލް ކްރިސީ ޓީގަން ނިކުމެ، 200،000 ޑޮލަރު ހަދިޔާކުރަން ނިންމައިފި އެވެ.

އެމެރިކާގެ މިނެސޯޓާގެ ރަށެއްކަމަށްވާ މިނިއޭޕޮލިސްގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް އެގައުމުގެ ކަޅު ނަސްލުގެގެ މީހަކު ކަމަށްވާ ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން ފުލުހުންގެ އަނިޔާވެރިކަމާ ދެކޮޅަށް އާންމުން ނުކުމެ އެސިޓީގައި ވަރުގަދަ ހަމަނުޖެހުންތަކެއް ވަނީ ދާދި ފަހުން ހިންގައިފަ އެވެ.

އެ މައްސަލަ ހޫނުވެ އެއް ބައި ފަރާތްތަކުން ތަންތަނަށް ގެއްލުން ދެމުން ދާއިރު އެ ކަމުގެ ފަހަތުގައި އިތުރު ބައެއް ވާކަމުގެ ފާޑުކިޔުން ދަނީ ލިބެމުންނެވެ.

ތަނަކަށް ނުވަތަ ބަޔަކަށް ގެއްލުން ނުދީ ފެއްޓި މުޒާހަރާ ހޫނުވެ، އެކި ތަންތަނަށް ގެއްލުން ދީ މުޒާހަރާތައް ދަނީ ހޫނުވަމުންނެވެ. އެ މުޒާހަރާ އާ ގުޅޭގޮތުން މީހަކު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ އެ ފަރާތްތަކަކީ ކުށްވެރިން ކަމަށެވެ.

އެއަށް ރައްދު ދެމުން ކްރިސީ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މުޒާހަރާ ކުރަމުންދާ ފަރާތްތަކުންގެ ތެރެއިން ހައްޔަރުކުރާ ފަރާތްތައް މިނިވަން ކުރަން 100،000 ޑޮލަރުގެ ފަންޑެއް ގާއިމުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މުޅި ގައުމުން އެގޮތަށް ހައްޔަރުކުރާ ފަރާތްތައް މިނިވަން ކުރުމަށްޓަކައި ކްރިސީ އެ އަދަދު 200،000 އަށް އިތުރުކުރުމަށް ވަނީ ފަހުން ނިންމައިފަ އެވެ.

ނަމަވެސް ކްރިސީ ފައިސާ ހަދިޔާ ކުރުމުން އޭނާއަށް ދަނީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ރައްދުވަމުންނެވެ. އެގޮތުން މުޒާހަރާކުރަމުންދާ ފަރާތްތައް ދެ ބަޔަކަށް ބެހިގެންދާ ކަމަށާޢި އޭގެ ތެރޭގައި އެއްބައި ފަރާތްތަކަކީ ފްލޮއިޑްގެ ހައްގުގައި އުޅޭ ބައެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެ ފަރާތްތަކުން މަސައްކަތްކުރަނީ ހާލަތުގައި ނާޖާއިޒު ފައިދާ ނަގައި ބައެއްގެ ބޮލުގައި ހަމަނުޖެހުންތައް އަޅުވަން ކަމަށް އެ ފަރާތްތަކުން ބުނެއެވެ. އެ ފަރާތްތަކަކީ ކުށްވެރީން ކަމަށާއި އެ ފަރާތްތައް މިނިވަން ކޮށްގެން ނުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ބުނަމުން ދެއެވެ.

comment ކޮމެންޓް