ހާލުބޮޑު 33 ބަލި މީހަކު ރާއްޖެއިން ބޭރަށް ގެންދަނީ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހާލު ބޮޑު 33 ބަލި މީހަކު ރާއްޖެއިން ބޭރަށް ގެންދަން މިހާރު މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ކޮވިޑާ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވީ މިވަވަގުތު ކޮންމެހެން ބޭރަށް ދާން ޖެހޭ ހާލުބޮޑު އެތައް ބަޔަކު ބޭރަށް ނުދެވި ރާއްޖޭގައި މިވަގުތު އެބަތިބި ކަމަށެވެ.

" އެ މީހުން ރާއްޖެއިން ބޭރަށް ގެންދިއުމުގެ މަސައްކަތް އެބަކުރަން. ފޮރިން މިނިސްޓްރީން އިންޑިއާ އަދި ސްރީލަންކާ ސަރުކާރާ ވާހަކަ ދެކެވެމުންދަނީ އެމީހުންނަށް ފޮރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ގެންދިއުމަށް." މަރިޔަމް ވިދާޅުވިއެވެ.

އެގޮތަށް ރާއްޖެއިން ބޭރަށް ގެންދާނީ މިވަގުތު އެއްގޮތަކަށްވެސް ރާއްޖެއިން ލިބެން ނެތް ހިދުމަތްތައް ހޯދަމުންދާ މީހުންނަށް ކަމަށާއި އޭގެ ތެރޭގައި ރޭޑިއޭޝަން ދޭ މީހުންނާއި ބޮޑެތި ސާޖަރީތައް ހަދަން ޖެހޭ މީހުން ހިމެނޭކަމަށް މަރިޔަމް ވިދާޅުވިއެވެ.

" މިހާރު އަޅުގަނޑުމެންގެ ކްރިޓިކަލް ލިސްޓުގައި އެބަތިބި ވަރަށް ގިނަ މީހުން ދާން. އޭގެ ތެރެއިންވެސް މިހާރު ފުރާނާލައިގެން އެންމެ ކްރިޓިކަލް 33 މީހަކު ގެންދެވޭތޯ މި މަސައްކަތް ކުރަމުންދަނީ." މަރިޔަމް ވިދާޅުވިއެވެ.

މިމަހުގެ 25 އިން ފެށިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލް އަދި އާސަންދައާ ގުޅިގެން ޓެލެކޮންސަލްޓޭޝަންހެ ހިދުމަތެއްވެސް މިހާރު ފައްޓާފައިވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ. މިއީ ރާއްޖެއިން ބޭރަށް ދާން ޖެހިފައިވާ ވަރަށް ބައިވަރު ބަލިމީހުން ތިބުމާ ގުޅިގެން އެމީހުންނަށް އިތުރު ހިދުމަތެއް ދިނުމުގެ ގޮތުން ފެއްޓިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް