"ނާގިން 5" ވެސް އަންނާނެ

ނާގިންގެ ޕްރޮޑިއުސަރު އަދި ބައެއް ތަރިން---

މަޝްހޫރު ސުޕަނެޗުރަލް ޑެއިލީ ސޯޕް ކަމަށްވާ "ނާގިން"ގެ ފަސް ވަނަ ސީޒަނެއް އަންނެކަމަށް އެކްތާ ކަޕޫރު ބުނެފިއެވެ.

އޭނާ ބުނީ ނާގިން ހަތަރެއްގެ ނިންމުން ގެންނާނެ ގޮތްވެސް މިހާރު އެއްކޮށް ރާވާލެވިފައިވާ ކަމަށާއި އެ ސީޒަން ދައްކާ ނިމުމުން ނާގިންގެ ފަސް ވަނަ ސީޒަން ފަށާނެ ކަމަށެވެ.

"ނާގިން 4"ގެ ލީޑް ތަރިންނަކީ ނިއާ، ޖޭސްމިން ބާސިންގެ އާއި ވިޖެޔަންދުތަ ކުމޭރިއާ އެވެ. އެކްތާ ބުނީ މިހާރު ނާގިންގެ ސްކްރިޕްޓްގެ މަސައްކަތް މުޅިހެން ނިންމާލެވިފައިވާ ކަމަށެވެ.

"ނާގިން 5" ވަނަ ސީޒަންގެ ޝޫޓިން ލޮކްޑައުން ނިމުނުހާ އަވަހަށް ޝޫޓްކުރަން ފަށާނެ ކަމަށާއި އަދި ޝޫޓްކޮށް ނިމުމުން ސީރީޒް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އެކްތާ ކަޕޫރުގެ ނާގިން އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ. މި ސީރީޒްގެ ފަސް ވަނަ ބައިން ފެނިގެންދާނީ ކޮން ތަރިންނެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.

ނާގިންގެ ފުރަތަމަ ދެ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ މޯނީ ރޯއި އާއި އަދާ ޝަރްމާއެވެ. އަދި ނާގިންގެ ތިންވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެންގޮސްފައިވަނީ ކަރިޝްމާ ތަންނާ އާއި ސުރުބީ ޖްޔޯތީ އަދި އަނީތާ ހަސަންއަންދާނީ އެވެ.

comment ކޮމެންޓް