ރާއްޖެއިން ދިޔަ ލަންކާ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ލަންކާ އެއާޕޯޓު --

ރާއްޖެއިން ސްރީލަންކާއަށް އެނބުރި ދިޔަ ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވެފައިިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ލަންކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނެފައި ވަނީ އިއްޔެ އެގައުމުން ކޮވިޑް19ގެ 62 ކޭސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 37 މީހުންނަކީ އެހެން ގައުމުތަކުން އެނބުރި އައި އެ ގައުމުގެ ރައްޔިތުން ކަމަށެވެ.

އޭގެ ތެރޭގައި ރާއްޖެއިން އެނބުރި ދިޔަ ތިން މީހުންގެ އިތުރުން ދެން ހިމެނެނީ މުޅިން ވެސް ޤަތަރު އަދި ކުވައިތުން އެނބުރި ލަންކާއަށް ދިޔަ މީހުންނެވެ.

އަލަށް ފެނުނު 62 ކޭސްގެ ތެރޭގައި ދެން ހިމެނެނީ ލަންކާ ނޭވީގެ 25 މީހެކެވެ.

މިހާތަނަށް ލަންކާގައި 1,628 މީހަކަށް ކޮވިޑް19 ޖެހިފައި ވާއިރު، 801 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 10 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ލަންކާގައި ކޮވިޑް19 ފެތުރޭ މިންވަރު ކޮންޓްރޯލުވެ، އެގައުމުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅަށް މިހާރު ވަނީ ލުއިދީފައެވެ. މިދިޔަ އޭޕްރީލް 30 އިން ފެށިގެން ލަންކާގައި ކޮމިޔުނިޓީ ސްޕްޑެއް ނޫޅޭ ކަމަށާއި މިހާރު ފެންނަ ކޭސްތައް ފެންނަނީ ކަރަންޓީނު ފެސިލިތީތަކާއި ނޭވީ ކްލަސްޓާ އިން އެކަނި ކަމަށް ޓާސްކް ފޯހުން ވަނީ ބުނެފަ އެވެ.

އަދި އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ގައުމުގެ އެއާޕޯޓު ހުޅުވާލުމަށް ވެސް ލަންކާގެ ކޮވިޑް19 ޓާސްކްފޯހުން އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖްޕަކްސަ އަށް ވަނީ ލަފާދީފައެވެ.

ސްރީލަންކާއަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ކާމިޔާބު ގައުމެއްގެ ގޮތުގައި ޑަބްލިޔޫއެޗްއޯ އިން ފާހަގަކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ރާއްޖެއިން ލަންކާ ދިޔަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް ރާއްޖެއިން ބަލިޖެހުނު މީހުންގެ ތެރޭގައި ލަންކާގެ ނުވަ މީހަކު ހިމެނެއެވެ.

comment ކޮމެންޓް