ނަސްލީ އިމްތިޔާޒަށް ހިތްވަރުދޭ ކަމުގެ ތުހުމަތު ޓްރަމްޕްގެ މައްޗަށް

ޓްރަމްޕް

ޕެރިސް (31 މޭ 2020): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ނަސްލީ އިމްތިޔާޒަށް ހިއްވަރު ދެއްވާ ބޭފުޅެއްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތު ކޮށްފިއެވެ.

ކަޅުނަސްލުގެ މީހުންނާ ދެކޮޅަށް އެމެރިކާގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ކުށްވެރކޮށް އެމްނެސްޓީން ނެރުނު ބަޔާނެއްގައި ޓްރަމްޕްގެ ވާހަކަތަކާއި ޓްވީޓްތަކުން ނަސްލީ އިމްތިޔާޒަށް ހިއްވަރު ލިބޭ ކަމާއި ދޮންނަސްލު ފިޔަވައި އެމެރިކާގެ އެނޫން ނަސްލު ތަކުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އުނިކަންލިބޭފަދަ ނަފްރަތުގެ ބަސްތައް އެކިފަހަރުމަތިން ޓްރަމްޕް ބޭނުން ކުރައްވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ޓްރަމްޕް ގެ ޒައާމަތުގައި އެމެރިކާގެ ބައިމަދު ނަސްލުތަކުގެ ހިޖްރަވެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެމްނެސްޓީން މި ތުހުމަތު ޓްރަމްޕްގެ މައްޗަށް ކޮށްފައިވަނީ އެމެރިކާގެ މިނިސޯޓާގެ މިނިއާޕޮލިސްގައި ދޮން ނަސްލުގެ ފުލުހަކު ކަޅު ނަސްލުގެ މީހަކު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އަނެއްކޮޅުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެހެން ބައެއް ޖަމްއިއްޔާ ޖަމާއަތްތަކުންވެސްވަނީ އެމެރިކާގެ ބައިމަދު ނަސްލުތަކުގެ މީހުންގެ އިންސާނީ ހައްގުތަކާއި މަދަނީ ހައްގުތައް ހިމާޔަތް ކުރުމުގައި އެމެރިކާގެ ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަމަށް ތުހުމަތު ކޮށްފައެވެ.

ދޮންނަސްލުގެ ފުލުހުން ކަޅުނަސްލުގެ މީހުންނާމެދު އަނިޔާވެރި އަމަލުތައް ހިންގުމަކީ އެމެރިކާގައި އާންމުކަމަކަށްވާއިރު އެކަން އެމެރިކާގެ ސަރުކާރުތަކުން ނުހުއްޓުވުމާއި އަނިޔާވެރިކަމުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ގިނަ ހާލަތްތަކުގައި އިންސާފު ހޯދައިދިނުމުގައިވެސް އެމެރިކާ ނާކާމިޔާބުވާތީ އެމެރިކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑާމެދު ސުވާލު އުފެދޭކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

މިނިއާޕޮލިސްގެ ދޮންނަސްލަށް ނިސްބަތްވާ ފުލުހުންގެ އޮފްސަރެއްކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ 46 އަހަރުގެ ޖޯޖް ފްލޯއިޑް ހައްޔަރު ކުރުމުގެ ތެރޭގައި ވަރަށް އަނިޔާވެރި ގޮތަކަށް އޭނާ މަރާލުމުން އިންސާފަށް ގޮވާލައި އެމެރިކާގެ އާންމުން ކުރަމުން ގެންދާ މުޒާހަރާތައް މިހާރު ވަނީ އެމެރިކާގެ 30 އަށްވުރެ ގިނަ ސިޓީއަށް ފެތުރިފައެވެ.

މުޒާހަރާތަކުގައި އާންމުން އެމެރިކާގެ ފުލުހުންނާ ކުރިމަތިލައި އިންސާފަށް ގޮވާލަމުން ގެންދާއިރު ފުލުހުންނަށް ހަމަލާދީ ފުލުހުންގެ ކާރުތައް ހަލާކުކޮށް ފުލުހުންގެ އިމާރާތެއްގައިވަނީ ހުޅުވެސް ޖަހާފައެވެ.

ޓްރަމްޕްވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވުމަށްޓަކައި އެމެރިކާ ސިފައިންގެ ލަޝްކަރުތައް ނެރެންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް