އެއް ލިޔުމެއް ތިން ނޫހެއްގައި ޖެހި މައްސަލަ ހޫނުވެއްޖެ

ރާއްޖެއެމްވީ، ފެށުން އަދި ސީއެންއެމް ނޫހުގައި އެއް ލިޔުމެއް ޝާއިއުކޮށްފައި: މިހާރު ފެށުން އަދި ސީއެންއެމްއިން ވަނީ ލިޔުން ވެބްސައިޓުން ނަގާފައި --

މި މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު ރާއްޖެއެމްވީގައި "ކޮވިޑް-19އަކީ ރައީސް ސާލިހުގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" މި ނަމުގައި ލިޔުމެއް ޝާއިއު ކުރި އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ދަތި ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދެވާ މަސައްކަތަށް ތައުރީފުކޮށްފައިވާ ލިޔުމެކެވެ. އަދި އެމަނިކުފާނުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މަސައްކަތްވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

އެ ލިޔުން ރާއްޖެ އެމްވީގައި ޝާއިއު ކުރި ދުވަހު މެންދުރުގެ ވަގުތެއްގައި "ފެށުން" ނޫހުގައިވެސް ހަމަ އެ ލިޔުން އަކުރުން އަކުރަށް އޮތް ގޮތަށް ޝާއިއު ކުރި އެވެ. އަދި އޭގެ އަނެއް ދުވަހު "ސީއެންއެމް"ގައިވެސް އެ ލިޔުން ހަމަ އޮތް ގޮތަށް ޝާއިއު ކުރި އެވެ.

މިކަން މާފައްނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ސަމާލުކަމަށް އައުމާ އެކު، 28 ވަނަ ދުވަހު އެކަން ފެންމަތި ކުރައްވާ ޓްވީޓު ކުރެއްވި އެވެ. އޭނާގެ ތުހުމަތަކަށްވީ ސަރުކާރުން، ޕީއާރްގެ ބޭނުމަށް، ރައީސް ސޯލިހަށް ތައުރީފު ކުރާ ލިޔުމެއް ލިޔެ ތިން ނޫހަށްވެސް ދިނީ ކަމަށެވެ.

އިންތިގެ ޓްވީޓާ އެކު ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އަދި އެ ލިޔުން ޝާއިއު ކުރި ތިން ނޫހުންވެސް ކަން ހިނގި ކަމަށް އެ ނޫސްތަކުން ދެކޭ ގޮތް ކިޔައިދީ ބަޔާން ނެރުނެވެ.

ރާއްޖެ ޓީވީއިން ބުނީ އެ ލިޔުމަކީ އެ ނޫހުގެ ނޫސްވެރިޔާ އަމްނާ އިމާދުގެ މަސައްކަތެއް ކަމަށެވެ. އަދި ފެށުން އާއި ސީއެންއެމްއިން އެ ނޫސްވެރިޔާގެ މަސައްކަތް ކޮޕީ ކުރީ ކަމަށް ތުހުމަތު ކުރި އެވެ. އެ ލިޔުމަކީ ޕީއާރްގެ ބޭނުމަށް ސަރުކާރުން ފޮނުވި ލިޔުމެއް ކަމަށް ބުނާ ވާހަކަތައްވެސް އެ ނޫހުން ދޮގު ކުރެ އެވެ.

އެކަމަކު، ސީއެންއެމްއާއި ފެށުންއިން ބުނީ އެ ލިޔުން އެ ނޫހަށް ދިނީ ކޮންޓްރިބިއުޓަރަކު ކަމަށެވެ. ނަމަވެސް، އެ ދެ ނޫހުން ވެސް ކޮންޓްރިބިއުޓަރަކީ ކާކު ކަމެއް ހާމައެއް ނުކުރެ އެވެ.

ސީއެންއެމްގެ ބަޔާނުގައި ބުނީ އެ ލިޔުން ސީއެންއެމްގައި ޝާއިއު ކުރި އިރު، ލިޔުން ދިން ކޮންޓްރިބިއުޓަރު އެ ލިޔުން އެހެން ނޫހަކަށް ދީފައިވާ ކަމެއް ނޭނގޭ ކަމަށެވެ. އަދި އެހެން ނޫހެއްގައި ޝާއިއު ކުރި ކަމެއްވެސް ނޭނގޭ ކަމަށެވެ. އެކަން ކޮންޓްރިބިއުޓަރު ހާމަ ކުރި ފަހުން އެ ލިޔުން އެ ނޫހުގެ ވެބްސައިޓުން ނަގާފައިވާނެ ކަމަށް ސީއެންއެމްއިން ބުންޏެވެ.

ފެށުން ނޫހުން ނެރުނު ބަޔާނުގައި ރާއްޖެއެމްވީއަށް ރައްދު ދިނެވެ. އެ ނޫހުން ބުނީ އެ ލިޔުމަކީ ފެށުންއިންވެސް އަދި ރާއްޖެއެމްއިންވެސް ލިޔުނު ލިޔުމެއް ނޫން ކަމަށެވެ. އަދި އެއީ އެ ނޫހުގެ ކޮންޓްރިބިއުޓަރު ލިޔުނު ލިޔުމެއް ކަމަށް ބުނެފައިވެ އެވެ. އެ ލިޔުމަކީ އަމްނާ ލިޔުނު ލިޔުމެއް ކަމަށް ބުނެ ރާއްޖެއެމްވީއިން ދައްކާ ވާހަކަތައް އެ ނޫހުން ދޮގު ކުރި އެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔާ އަމްނާ އިމާދު އޭނާގެ ސޯޝަލް މީޑިއާތަކުގައި ބުނެފައި ވަނީ އެ ލިޔުމަކީ ސީދާ އޭނާ ކުރި މަސައްކަތެއް ކަމަށެވެ. އަމްނާއާ އެއްކޮށް މަސައްކަތް ކުރާ އަދި މަސައްކަތް ކޮށްފައިވާ ނޫސްވެރިންވެސް ބުނާ ގޮތުގައި އޭނާ އަކީ އެހެން މީހެއްގެ މަސައްކަތެއް އަމިއްލަ މަސައްކަތަކަށް ހަދާނެ މީހެއް ނޫނެވެ. އެ ނޫސްވެރިން އޭނާގެ ވާހަކަތަކަށް އިތުބާރު ކުރެ އެވެ.

އަމްނާ ބުނީ އޭނާ ލިޔާ ލިޔުންތައް ޝާއިއު ކުރުމުގެ ކުރިން ކުށް ފިލުވަން ނޫނީ އޭގެ ފެންވަރު ރަނގަޅު ކުރަން އިތުބާރު ކުރެވޭ އެހެން މީހުންނަށް ލިޔުންތައް ފޮނުވާ ކަމަށެވެ.

މި މައްސަލަ ހޫނުވެ، މައްސަލަ ތަހުގީގު ކުރުމަށް ރާއްޖެއެމްވީއިން ވަނީ އެދިފަ އެވެ. ރާއްޖެއެމްވީއިން ނެރުނު ބަޔާނުގައި ބުނީ އަމްނާ އެ ލިޔުން ލިޔަން ފެށި ތާރީހާއި، ނިމުނު ތާރީހާއި، އެއަށް ގެނައި ބަދަލުތައް އެނގޭހެން އެކަމާ ގުޅޭ ލިޔުންތަކާއި ހެކި އެބަ ހުރި ކަމަށެވެ.

"މިކަމުގައި ތަހުގީގު ހިންގަން ޖެހޭ ސީރިއަސް މައްސަލަތަކެއް ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށް ގާނޫނީގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މައުލޫމާތަށްޓަކައި ދެންނެވީމެވެ." ރާއްޖެއެމްވީއިން ނެރުނު ބަޔާނުގައިވެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިހާރު ދަނީ އެ މައްސަލަ ބަލަމުންނެވެ.

comment ކޮމެންޓް