ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެން ހާއްސަ ޕްރޮގްރާމެއް

ނޮވެމަބަރ 25، 2019: ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން "ފަންނު އެކްސްޕޯ 2019" އަށް ޒިޔާރަތްކުރައްވައި މައުރަޒު ބައްލަވާލެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި އުފެއްދުންތައް ބާޒާރަށް ނެރުމަށް އެހީތެރިވުމަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ބިޒްނަސް ސެންޓަރުން ކުރި އިއުލާނެއްގައި ބުނީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގެ އިސްނެގުމަކަށް، ބިޒްނަސް ސެންޓަރާއި މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން ގުޅިގެން އާ އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރަމުގެ މަގުސަދަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބައިނަލްއަގުވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަގަޅު ދިވެހި އުފެއްދުންތައް ނެރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިން ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗާ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެއް ކަމަށް ބިޒްނަސް ސެންޓަރުން ބުންޏެވެ.

ދުރުރާސްތާގެ އިގްތިސާދީ ތަރައްގީ ހާސިލުކުރުމަށް، އިގްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތެއް ކަމަށް ބިޒްނަސް ސެންޓަރުން ބުންޏެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ޕްރޮގްރާމުގައި ނަން ނޯޓު ކުރުމަށް https://form.jotform.com/201366030096043 އަށްލޮގްއިންވެ، ނަން ނޯޓު ކުރެވޭނެއެވެ

ބިޒްނަސް ސެންޓަރަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް