ބަލި ފެތުރޭ މިންވަރު އިތުރުވިޔަސް އިންޑިއާއިން ފުރަބަންދަށް ލުއިދެނީ

އިންޑިއާ ލޮކްޑައުންގައި---

އިންޑިއާގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވިޔަސް އެގައުމުގައި އަޅާފައިވާ ފުރަންބަންދުގެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފި އެެވެ.

ފުރަބަންދަށް ތިން ފޭސްއެއްގެ ދަށުން ލުއި ދޭން އިންޑިއާއިން ވަނީ ނިންމައިފައެެވެ. އެގޮތުން ފުރަތަމަ ފޭސްގައި އަންނަ މަހުގެ އަށަކުން ފެށިގެން އިންޑިއާގެ ރެސްޓޯރެންޓްތަކާއި ހޮޓާތަކާއި ޝޮޕިން ސެންޓަރުތަކުގެ އިތުރުން އަޅުކަންކުރާ ތަންތަން ހުޅުވަން ވަނީ ނިންމައިފަ އެެވެ.

އޭގެ އިތުރުން ޖުލައި ހިސާބުގައި ސްކޫލްތައް ހުޅުވާލާނެކަމަށް ވަނީ ބެލެވިފަ އެވެެ.

އެހެން ނަމަވެސް ކޮވިޑް އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތައް އަދިވެސް ފުރަބަންދުކޮށްފައި ބާއްވަން ވަނީ ނިންމައިފަ އެވެ.

އިންޑިއާގައި އެ ބަލި އެންމެ ބޮޑަށް ފެންނަމުންދަނީ ފަސް ސަރަހައްދެއްގައެެވެ. އޭގެ ތެރޭގައި މަހާރަޝްތާ، ޓެމިލް ނާޑޫ، ދިއްލީ، ގުޖުރާތު އަދި މަދްޔާ ޕްރަދޭޝް ހިމެނެ އެެވެ.

ފުރަބަންދަށް ލުއި ދޭން ނިންމިއިރު އިއްޔެ އެކަނިވެސް 8000 ކޭސް ވަނީ އިންޑިއާއިން ފެނިފަ އެވެ.

ކޮރޯނާ ޖެހިފައިވާ 174،500 މީހަކު އިންޑިއާއިން ފެނިފައިވާއިރު 5000 މީހުން ވަނީ މަރުވެސްވެފަ އެެވެ.

އެހެން ނަމަވެސް އެހެން ގައުމުތަކާ އަޅާ ބަލާއިރު އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު އެހާ ގިނައެއް ނޫނެެވެ.

އިންޑިއާއިން މީގެ ދެ މަސް ކުރިން ފުރަބަންދުކުރިއިރު އެގައުމުގައި ކޮރޯނާ ފެންނަމުން ދިޔައީ ސަތޭކައިން ގުނާ ލެވޭހާ މަދު އަދަދެެކެވެ. އިންޑިއާގެ އޮފިޝަލް ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި ފުރަބަންދުކުރުމުން 37،000 އާއި 78،000 އެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރެވުނެވެެ.

އެހެން ނަމަވެސް ފުރަބަންދުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކޮށް އެތަކެއް މިލިއަން މީހުންގެ ވަޒީފާތައް ވަނީ ގެއްލިިފަ އެވެެ. -- ބީބީސީ

comment ކޮމެންޓް