ކެޓްރީނާ ސުޕަހީރޯ އަކަށް

ކާމިޔާބު ބަތަލާ ކެޓްރީނާ ކެއިފް ދެން އެންމެ އަވަހަށް މަސައްކަތްކުރާނީ ސުޕަހީރޯ ފިލްމަކުން ކަމަށް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނެފިއެވެ.

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެ ފިލްމަކުން ކެޓްރީނާ ފެނިގެންދާނެކަން އޭނާ ކަށަވަރުކޮށްދީފައިވާއިރު އެ ފިލްމުގެ ސްކްރިޕްޓްވެސް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ޒަފަރު ބުނީ ފިލްމުގެ ޝޫޓިން ފަށާނީ ލޮކްޑައުން ނިމުނުހާ އަވަހަށް ކަމަށާއި އަންނަ އަހަރުތެރޭ ފިލްމު ގެނެސްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. ފިލްމުގެ ޝޫޓިންތައް ފެށުމުގެ ކުރިން އެކްޓަރުންނަށް ތަމްރީނުތަކެއް ދިނުން އޮންނާނެ ކަމަށާއި އެކްޝަން ގިނަ މަންޒަރުތަކުގެ ޓްރެއިނިންތަކެއް ދިނުމަށް ނިންމާފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ކާމިޔާބު ޑައިރެކްޓަރު ބުނީ މި ފިލްމުވެގެންދާނީ ބޮލީވުޑްގައި އަންހެން ބަތަލާއެއް ސުޕަހީރޯ ރޯލު ކުޅޭ ފުރަތަމަ ފިލްމަށް ކަމަށާއި އެކަމުގެ ސަބަބުން މި ފިލްމު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ބުރަ މަސައްކަތްތަކެއް ހުންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި މި ފިލްމުގެ ފްރެންޗައިޒެއް ވެސް ހަދާނެއެވެ.

ބަތަލާ ކެޓްރީނާ އާއި ޑައިރެކްޓަރު ޒަފަރު އާ މީގެ ކުރިންވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި "ބާރަތު" އާއި "ޓައިގާ ޒިންދާ ހޭ" ހިމެނެއެވެ.

comment ކޮމެންޓް