ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ 54 މީހުން

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން ކޮވިޑް19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް އެކި ބަލިތަކަށް ފަރުވާ ހޯދަމުންދާ 54 މީހުން ހިމެނޭ ކަމަށް އެންއީއޯސީން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދަކީ 1264 ކަމަށެވެ.

"މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުން. އުމުރުން 10 އަހަރުން ދަށުގެ 43 ކުދިން އަދި 54 މީހެއް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ އެކިއެކި ދިގު މުއްދަތުގެ ބަލިތަކަށް ބޭސްކުރަމުންދާ، މި ބަލީގެ ނުރައްކާ ބޮޑު ވެދާނެ ކަމަށް ފެންނަ،" މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިވަގުތު ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދަނީ ޖުމުލަ 13 މީހަކަށް ކަމަށާއި އެ އެންމެން ވެސް ތިބީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އަދި ދެ މީހަކު އައިސީޔޫގައި އެބަތިބި ކަމަށާއި ނަމަވެސް ވެންޓިލޭޓަރުގެ އެހީގައި އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އިއްޔެ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ބްލަޑް ޕްރެޝާ ހުންނަ މީހަކާއި އުމުރުން 50 އަހަރުން މަތީގެ ކޮލެސްޓްރޯލް ހުންނަ މީހެއްގެ އިތުރުން 92 އަހަރުގެ އުމުރުން ދުވަސްވީ މީހެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ކޮވިޑްގެ ނުރައްކާ އެންމެ ބޮޑު ކަމަށް ސިއްހީ މާހިރުން ބުނަނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނެވެ. ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު 1264އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 1672 އެވެ. އަދި 401 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ފަސް މީހަކު މި ބަލީގައި މަރުވެފައިވެ އެވެ.

comment ކޮމެންޓް