ކޮވިޑްއާ ގުޅޭ އަމުރުތަކާ ހިލާފްވާ މީހުންގެ ޖޫރިމަނާ ބޮޑު ކުރަނީ

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ: -- ފޮޓޯ/ ހެލްތު މިނިސްޓްރީ

ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފްވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

'އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020' ގެ ނަމުގައި އެ ބިލް މަޖިލީހަށް ފޮނުވާފައިވަނީ އެޓާރނީ ޖެނަރަލްގެ އޮފީހުންނެވެ.

ބިލްގައި ބުނާ ގޮތުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ޖެހެއެވެ.

އެގޮތުން އެންގުމާއި ހިލާފްވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާ ހިލާފްވާ ފަރާތަކީ ގާނޫނީ ސަހުސެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އެންގުންތައް ތަންފީޒު ކުރުމަށް ފުލުހުންނަށް ހާއްސަ ބާރުތަކެއް:

ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުންނަށް ހާއްސަ ބާރުތަކެއް ދިނުމަށް ވެސް އެ ބިލްގައި ވަނީ ހިމަނާފަ އެވެ.

އެގޮތުން އެންގުމާއި ހިލްފާވާ ފަރާތްތަކަށް އެންގުމަށް އަމަލު ކުރުމަށް އެންގުމުގެ އިތުރުން ވަގުތުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ އެވެ.

އެންގުމާ ހިލާފަށް ތަނެއްގައި އެއްވެއުޅޭ ނަމަ އެއްވުން ރޫޅާލުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ ކަމަށް ބުނެފައިވާއިރު ދެކޮޅުހަދާ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބޭނެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލަށް އަމަލު ކުރާނީ ބިލް ފާސްކުރާ ދުވަހުން ފެށިގެން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ 60 ދުވަހުގެ މުއްދަތަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާތާ ދެ ތިން މަސް ވެދާނެ އެވެ. އެއާއި އެކު ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު އަށް މިހާރު ވެސް ބާރުތަކެއް ވަނީ ލިބިފަ އެވެ.

އެގޮތުން މިހާރު ވެސް އެންގުންތަކާއި ހިލާފްވާ ފަރާތްތައް އަންނަނީ 1000 ރުފިޔާއިން ޖޫރިމަނާ ކުރަމުންނެވެ.

comment ކޮމެންޓް