ދެ މަހުގެ ނޯޓިސްއެއް ނުދީ ގެއިން ބޭރުކޮށް ނުލެވޭ ގޮތަށް ކޮވިޑްގެ ހާއްސަ ބިލެއް މަޖިލީހަށް

"ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: ކުއްޔަށް އުޅޭ ތަންތަނުން ނޯޓިސް ނުދީ ބޭރު ނުކުރެވޭ ގޮޮތަށް މަޖިލީހަށް ބިލެއް ވަނީ ފޮނުވާފައި -- ފައިލް ފޮޓޯ/ މަޖިލިސް އިދާރާ

ދެ މަސް ދުވަހުގެ ނޯޓިސް އެއް ނުދީ ކުއްޔަށް ދިރިއުޅޭ ތަނުން ބޭރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި 'އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020' ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކޮށްފައިވާ އެ ބިލްގައިވާ ގޮތުން، ބިލްގައިވާ ކަންކަމަށް އަމަލު ކުރަން ޖެހޭނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރީސާގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެ ބިލްގައި ބުނާ ގޮޮތުން ކުއްޔަށް ދިރިއުޅޭ ތަނަކުން ބޭރުކުރެވޭނީ 2 މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު ކަމަށެވެ. އަދި އެފަދަ އެއްވެސް ތަނަކުން އަސާސީ ހިދުމަތެއް މެދުކަނޑާލައިގެން ވެސް ނުވާނެ އެވެ. ކުއްޔަށް ދިިރިއުޅޭ ތަނަކުން އަސާސީ ހިދުމަތެއް ކަނޑާލައިފި ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އެ ކަންކަމާއި ހިލާފްވާ ފަރާތްތަކާ ދެކޮޅަށް ޝަކުވާ ހުށަހަޅަން ޖެހޭނީ ހައުސިންގ މިނިސްޓްރީއަށެވެ. އެކަމަށް ހާއްސަ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލްގައި ވަނީ ބުނެފަ އެވެ.

މީހުން ދިރިއުޅޭ ތަނެއްގެ މައްޗަށް ރަހުނެއްވާނަމަ، އެ ރަހުނު ތަންފީޒު ކުރުމުގެ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތާ 60 ދުވަސް ހަމަވާ ތާރީހްގެ ނިޔަލަށް ހިނގާ މުއްދަތުގައި އެއްވެސް ކަމެއްގެން ނުވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް