މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލް ބްރާންޗުތައް ހުޅުވަނީ

ބޭންކް އޮފް މޯލްޑިވްސް--- ފޮޓޯ: ބީއެމްއެލް

ކޮވިޑް19އާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތައް ފިޔަވައި، އެހެން ހުރިހާ ރަށްރަށުގައި އަންނަ ހޯމަ ދުވަހުން ފެށިގެން އޮންލައިން އަދި އޭޓީއެމް މެދުވެރިކޮށް ލިބެން ހުރި ހިދުމަތްތައް ފިޔަވައި އެހެން ހިދުމަތްތައް ހުޅުވާލުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ޖޫން މަހުގެ އެކެއްވާ ހޯމަ ދުވަހުން ފެށިގެން 13 ވަނަ ދުވަހާ ހަމައަށް ކޮންމެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 14:00 އަށް އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށެވެ. އަދި ހޯމަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކާޑު ދޫކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މީގެ އިތުރުން ޖޫން މަހުގެ އަށްވަނަ ދުވަހުން ފެށިގެން މާލޭ ސިޓީގެ ކަނޑައެޅޭ ބައެއް ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް ވެސް ބީއެމްއެލްއިން ވަނީ ނިންމާފަ އެވެ. އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ ކުރިން އެޕޮއިންޓްމަންޓް ހައްދަންޖެހޭ ގޮތަށެވެ. އަދި މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އެންޑް އެކައުންޓް އޯޕަނިން ސެންޓަރުގެ އިތުރުން ބިޒްނަސް ސެންޓަރު ވެސް ހުޅުވާނެ ކަމަށް ބުނެ އެވެ.

ވިލިމާލެ އަދި ހުޅުމާލެ ބްރާންޗުން ވެސް އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން ކާޑު ދޫކުރުމުގެ ހިދުމަތް ލިބިގެންދާނެ އެވެ.

ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރާނަމަ ޓީޓީ އެޕްލިކޭޝަން ފޯމާއެކު ބޭނުންވާ އެހެނިހެން ލިޔުންތައް މެއިލް މެދުވެރިކޮށް ފޮނުވޭނެ އެވެ. އެގޮތުން މެންދުރު 13:00 ގެ ކުރިން ލިބޭ ޓީޓީ/ ލެޓާ އޮފް ކްރެޑިޓް އެ ދުވަހު ޕްރޮސެސް ވާނެ އެވެ.

މީގެ އިތުރުން ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރުފަހު 13:30 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ އެވެ. އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެ ދުވަހު ޕްރޮސެސް ކުރެވޭނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުން ހެނދުނު 11:00 ގެ ކުރިން އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ އެވެ. އަދި މެންދުރުފަހު 14:00 ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކުތައް ވެސް ހަމަ އެ ދުވަހު ޕްރޮސެސް ވާނެ އެވެ.

comment ކޮމެންޓް