އދ. ގެ ސަލާމަތީ މަޖިލިސް ރަހީނު ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނަން: ޗައިނާ

ޗައިނާއިން އދ. ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވީޓޯ ކުރަނީ --- ފައިލް ފޮޓޯ

ބެއިޖިންގް (30 މޭ 2020): އދ. ގެ މުއައްސަސާތަކަށް އަތްގަދަކޮށް ސަލަމާތީ މަޖިލިސް ރަހީނު ކުރުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމަށް ޗައިނާ ބުނެފިއެވެ.

ހޮންގްކޮންގް ގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާ ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއަޅަމުން ޗައިނާއިން ބުނީ ހޮންގްކޮންގުގެ މައްސަލައަކީ ޗައިނާގެ ދާޚިލީ މައްސަލައެއްކަމަށާ އެމައްސަލައާ ގުޅިގެން އދ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ނުބޭއްވޭނެ ކަމުގައެވެ.

ޗައިނާއިން އދ. އަށް ކަނޑައަޅާފައިވާ މަންދޫބު ޖާންގް ޖޮންގް ވިދާޅުވީ ހޮންކޮންގްގެ މައްސަލަ ބަހަނާއަކަށް ހަދައިގެން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަންނަން އެމެރިކާ މަސައްކަތް ކުރާކަމަށާއި ނަމަވެސް އެ ފުރުސަތު އެމެރިކާއަށް ނުދޭނެކަމުގައެވެ. އެމައްސަލާގައި އދ. ގެ މުއައްސަސާތައް މެދުވެރިކޮށް އެމެރިކާ ކުރަންއުޅޭ ކަންކަމަށް ހުރަސް އަޅައި ހުއްޓުވާނެކަމުގެ އިންޒާރުވެސް ޖާންގް ޖޮންގް ދެއްވިއެވެ.

ހޮންގްކޮންގްގައި ކުރިޔަށްދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ޗައިނާއިންވަނީ އެސަރަހައްދުގައި އަމަނާބެހޭ ގާނޫނެއް ތަންފީޒުކުރަން ނިންމާފައެވެ. އެގާނޫނު ތަންފީޒު ކުރުމުން ޗައިނާގެ އެތެރޭގެ ޖާސޫސީ އިދާރާއާއި ޗައިނާގެ ގައުމީ ސަލާމަތާބެހޭ އިދާރާތަކަށް ހޮންގްކޮންގްގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ޗައިނާގައި ވަކި ނިޒާމެއް އޮންނަ އަދި އިދާރީގޮތުންނާއި ހިންގުމުގެ ގޮތުން ޚާއްސަ ސަރަހައްދެއްގެ ގޮތުގައި ހޮންގްކޮންގް އޮންނަ އޮތުމަށް ބުރޫ އަރާނެ ކަމެއް ކަމަށްބުނެ އެމެރިކާ ގެންދަނި އެކަން ހުއްޓުވުމަށް ގޮވާލާ ގަރާރެއް ސަލާމަތީ މަޖިލީހުން ފާސް ކުރަން މަސައްކަތް ކުރަމުންނެވެ.

މިކަމަށްޓަކައި ސަލާމަތީ މަޖިލީހުގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް އެމެރިކާއާއި އިނގިރޭސިވިލާތުން ކުރި މަސައްކަތަށް ޗައިނާ ހުރަސްއެޅުމުން އެކަން ކުރެވޭގޮތްވަނީ ނުވެފައެވެ. އަދި ރަސްމީކޮށް އެ ބައްދަލުވުން ބޭއްވޭނެ ފުރުސަތު ނެތުމުން ނުރަސްމީ ސިފައެއްގައި އެ ބައްދަލުވުން ބޭއްވުމަށް އެމެރިކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ނުރަސްމީ ބައްދަލުވުމެއް ބާއްވައިގެން ސަލާމަތީ މަޖިލީހުން ގަރާރެއް ފާހެއް ނުކުރެވުނު ނަމަވެސް އެފަދަ ބައްދަލުވުމެއްގައި ޗައިނާ ކުށްވެރިކޮށް ވާހަކަ ތަކެއް ދައްކާލެވިދާނެއެވެ. ރަސްމީ ބައްދަލުވުމެއް ބޭއްވޭނީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރަކު އެކަމަށް ދެކޮޅު ނުހަދާ ނަމައެވެ. ޗައިނާއަކީ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރަކަށްވެފައި ޗައިނާ ދެކޮޅު ހަދާތީ އެމެރިކާއަށްވަނީ އެމެރިކާއަށް ކުރެވޭގޮތް ނުވެފައެވެ.

އެމެރިކާ ކުއްލި ގޮތަކަށް ހޮންގްކޮންގެ މައްސަލައިގެ ތެރެއަށް ވަދެފައި މިވަނީ ކޮވިޑް-19 ރޯގާ އެމެރިކާގައި ކޮންޓްރޯލް ނުވެ އެ ރޯގާ ޖެހިގެން އެމެރިކާގެ ލައްކައަކަށްވުރެ ގިނަމީހުން މަރުވެ އެމެރިކާގެ އިގްތިސާދަށް ބޮޑު ހީނަރުކަމެއް އައުމާ ގުޅިގެން އެމެރިކާގެ ބަހުގެ ހަމަލާތައް ޗައިނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ހޮންގްކޮންގްގައި ޗައިނާގެ އަމަނާބެހޭ ގާނޫނު ތަންފީޒު ކުރަން ނިންމި މައްސަލާގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ހޮންގްކޮންގް އާ ދެކޮޅަށް އެޅުމަށް ނިންމަވާފައެވެ. މީގެއިތުރުން ހޮންގްކޮންގް އާ ގުޅޭ ކަންކަމުގައި މަސްއޫލުވާ ޗައިނާގެ މަސްއޫލުވެރިންނާ ދެކޮޅަށް ފަރުދީ ފެންވަރުގައި ބައެއް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުވެސް ޓްރަމްޕްވަނީ ދެއްވާފައެވެ.

އދ. ގެ ސަލާމަތީ މަޖިލީހަކީ ދުނިޔޭގެ އަމަނާއި ސުލްހައަށް ނުރައްކާވާ މައްސަލަތައް ބަލާ މުއައްސަސާއަކަށްވާއިރު ޗައިނާގެ ސަރަހައްދެއްކަމަށްވާ ހޮންގްކޮންގްގައި ޗައިނާގެ މައި ސަރުކާރުން ސަލާމަތާބެހޭ ގާނޫނެއް ތަންފީޒު ކުރުމަކީ ޗައިނާގެ ދާޚިލީ ކަމެއްކަމަށާ އެއީ ސަލާމަތީ މަޖިލީހުގެ އިޚްތިސާސްތަކުގެ ތެރޭގައި ހިމެނޭ ބައިނަލްއަގްވާމީ ކަމެއް ނޫންކަމަށް ޗައިނާގެ މަންދޫބު ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް