ބްލެކްމެއިލްކޮށް 16 އަހަރުގެ ކުއްޖަކު މާލެ ގެނެސް ރޭޕްކުރި މީހަކު ހައްޔަރުކޮށްފި

އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މި މަހުގެ 28 ވަނަ ދުވަހުގެ ދުވަހުގެ ފަތިހު 05:37 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަދި މައްސަލަ ހުށަހެޅުމާއި އެކު އެކުއްޖާ ހޯދުމަށް ކުރި މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލޭގެ ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގެ ތެރެއިން އެހެން މީހަކާ އެކުގައި ކަމަށެވެ.

އިތުރު މީހަކާއި އެކު އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރުއެވެ.

އަދި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ވެސް ނުދަންނަ މީހެއް ކައިރިއަށް، ކުއްޖާ އެކަނި ކަން އެނގިފައިވާ ކަަމަށެވެ.

އަދި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.

އޮފިޝަލް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ގުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް އަމަލު ކުރާ މީހުންނާއިމެދު ގާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ.

އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއި އެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ މައްސަލަތަކުގެ މައުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި ޖެންޑާ މިނިސްޓްރީގެ ހިލޭ ގުޅޭ ނަމްބަރު 1412 އަށް ހުށަހެޅުމަށް ވެސް އިލްތިމާސްކުރަމެވެ.

މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުުލުހުން ބުންޏެވެ.

comment ކޮމެންޓް