ކޮވިޑް-19 ވައިރަހާ ގުޅިގެން ކަަރަންޓީނު ނުވަތަ އައިސޮލޭޓު ކުރާ މީހުންގެ މަރުކަޒުތައް ހެދުމުގެ މަސައްކަތަށް ސްޓެލްކޯއިން މިހާތަނަށް ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުޣުނީ ވިދާޅުވީ، ކަރަންޓީން ފެސިލިޓީތައް ހެދުމަށް ސްޓެލްކޯއިން ބޮޑު އެހީތެރިކަމެއް ވެފައި ވާނެ ކަމަށެވެ.
"ގާތްގަނޑަކަށް ފަސް މިލިއަނާއި ހަ މިލިއަނެއްހާ ރުފިޔާއާ ދޭތެރޭގެ އަދަދެއް އަޅުގަނޑުމެންނަށް ސްޓެލްކޯގެ ފަރާތުން އެކަމަށް ކޮންޓްރިބިއުޓް ކުރެވިފައި ވާނެ،" މުޣުނީ ވިދާޅުވިއެވެ.
އިޖުތިމާއީ ޒިންމާގެ ތެރެއިން ކޮވިޑް-19އާ ދެކޮޅަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ނަޒީރު ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ކޮވިޑް ވިލެޖު ފެސިލިޓީއާއި، ގުޅީފަޅު ފެސިލިޓީއާއި، ވިލިވަރު ފެސިލިޓީގެ ކަރަންޓުގެ ނިޒާމު ގާއިމްކޮށް ހިދުމަތް ދެނީ ސްޓެލްކޯއިންނެވެ.
"ހުޅުމާލޭގައި ސަރުކާރުން ގާއިމްކޮށްދިން ކޮވިޑް ވިލެޖުގެ ކަރަންޓުގެ ފެސިލިޓީސްތައް ގާއިމްކޮށްދިނުމާއި ހަމައެއާ އެކީގައި ގުޅިފަޅުގައި ގާއިމްކޮށްފައިވާ ބިދޭސީންގެ އެކޮމަޑޭޝަންއަށް ކަރަންޓުގެ ހިދުމަތާއި ސަޕްލައި، އަދި ޑިސްޓްރިބިއުޝަން ނިޒާމް ގާއިމްކޮށްދިނުމަށާއި ވިލިވަރުގައި ގާއިމްކޮށްދިން ކަރަންޓީން ފެސިލިޓީސްތަކަށްވެސް ބޭނުންވާ ކަރަންޓުގެ ވަސީލަތްތައް ގާއިމްކޮށްދިނުމަށް ޓަކައި ކުރަން ޖެހޭ މުހިންމު މަސައްކަތްތައް އަޅުގަނޑުމެންގެ މުވައްޒަފުން ނުކުމެ ސީއެސްއާރްގެ ތެރެއިން ކުރަމުން އެ ދަނީ،" ނަޒީރު ވިދާޅުވިއެވެ.
ކުރިއަށް އޮތްތަނުުގައިވެސް ކޮވިޑް-19އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސްޓެލްކޯއިން އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީ މުޣުނީ ވިދާޅުވީ، މި ދުވަސްވަރު ކުންފުނީގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑެތި ޕްރޮޖެކްޓުތައް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދިވެސް އެހެނިހެން ދާއިރާތަކުން ހަރަދު ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިންގާ ބޮޑެތި ޕްރޮޖެކްޓްތަކެއް މަޑުޖައްސާލައިފައި އެބަ ހުރި ހަމަ ހަރަދު ކުޑަ ކުރުމުގެ ގޮތުން. މީގެ އިތުރުން ވެސް ހަރަދު ކުޑަކުރެވެން ހުރި އެހެން އޭރިއާތައް ކަނޑައަޅައި، އެ އޭރިއާތަކުން ވެސް ހަރަދުތައް ކުޑަ ކުރެވިފައި މިހާރު ހުރީވެސް،" މުޣުނީ ވިދާޅުވި އެވެ.
މުޣުނީ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އައުމަށް ފަހުވެސް ކުންފުނީގެ ހަރަދުތައް ވަރަށް ބޮޑުތަން ކުޑަކުރެވޭތީ މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން އެއްޗެހި ގަތުމުގެ ނިޒާމުގެ ތެރެއިން ހަރަދު ކުޑަކުރުން އޭނާ ފާހަގަކުރެއްވިއެވެ.
ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރި ފަހުން ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށްފައެވެ. އެގޮތުން ބިލުތައް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.