ހޯމައިގައި ހުޅުވާނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރާއި ރަށްރަށުގެ ބްރާންޗްތައް

އޭޕްރީލް 2، 2020: ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ އޭޓީއެމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭންކިން ހިދުމަތް ދޭ ދުވަސްތައް އިތުރު ކުރަން އެޗްޕީއޭއިން ފުރުސަތު ދީފައިވާ ނަމަވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހޯމަ ދުވަހު ހުޅުވާނީ ކަސްޓަމާ ސާވިސް ސެންޓަރާއި ރަށްރަށުގެ ބްރާންޗްތައް ކަމަށް އެ ބޭންކުން ބުނެފި އެވެ.

މާލޭގެ ފުރަބަންދު ދެ ހަފްތާއަށް އިތުރުކޮށް ދިން ލުއިތަކުގެ ތެރޭގައި ހަފްތާގެ ތިން ދުވަހު ބޭންކިންގް ހިދުމަތަށް ބޭންކުތައް ހުޅުވޭނެ އެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ އަންނަ ޖޫން 1-16 އަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވަން ނިންމައިފަ އެވެ.

ބީއެމްއެލްއިން ބުނީ އެ އުސޫލާ އެއްގޮތަށް އަންނަ ހޯމަ ދުވަހު މާލޭގައި ހުޅުވާ ހިދުމަތް ދޭން ފަށާނީ އަމީނީ މަގުގައި ހުންނަ އެ ބޭންކުގެ ކަސްޓަމާ ސާވިސް ބްރާންޗުންނެވެ.

އެގޮތުން ކުރިއަށް އޮތް ދެ ހަފްތާގެ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 2:00 އަށް ކަސްޓަމާ ސާވިސް ސެންޓަރުން ކާޑު ދޫކުރުމުގެ ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ. ނަމަވެސް އެ ހިދުމަތް ދެމުން ގެންދާނީ އެޕޮއިންޓްމަންޓް ހައްދައިގެން ގައިދުރުކުރުމުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބޭންކުން ބުންޏެވެ.

ކާޑާ ހަވާލުވާން އައުމުގެ ކުރިން، އެޕޮއިންޓްމަންޓް ހެދުމަށް 455 އަށް އެސްއެމްއެސް ކުރަން ޖެހެ އެވެ. އެގޮތުން އެސްއެމްއެސް ކުރާއިރު ފޮނުވަން ޖެހޭ މައުލޫމާތުތަކަކީ؛

  • 9990200 ނުވަތަ ކީވޯޑް
  • އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)
  • ނަން
  • މިހާރު އުޅޭ އެޑްރެސް

މީގެ ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައި ލިޔުމަށް ބީއެމްއެލްއިން ވަނީ އިރުޝާދު ދީފަ އެވެ.

އެޕޮއިންޓްމަންޓު ހަމަޖެހޭ ކަސްޓަމަރުން ކާޑާ ހަވާލުވާ އަންނައިރު ހުންނަ ޖެހޭނީ މާސްކު އަޅައިގެންނެވެ. މީގެ އިތުރުން ކަސްޓަމާ ސާވިސް ސެންޓަރުގައި ބަހައްޓާފައިވާ ގައިދިރުކަމުގެ ނިޝާންތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.

މީގެ އިތުރުން ބޭންކުން ބުނީ އަތޮޅުތެރޭގައި ގާއިމުކޮށްފައި ހުރި ބީއެމްއެލްގެ ބްރާންޗުތައްވެސް، އެ ރަށެއް މޮނީޓަރިން ހާލަތުގައި ނެތް ނަމަ، އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ އެހެން ހިދުމަތްތައް ދިނުމަށް ހޯމަ ދުވަހު ހުޅުވާލާނެ ކަމަށް ބޭންކުން ބުނެ އެވެ.

ބޭންކުން އިތުރަށް ބުނީ ޖޫން އަށް ވަނަ ދުވަހުން ފެށިގެން މާލޭގެ ބައެއް ބްރާންޗުތަކާއި ސެންޓަރުތައްވެސް ހުޅުވާނެ އެވެ. އެގޮތުން ބީއެމްއެލް މެއިން ބްރާންކް، ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިން ސެންޓަރު އަދި ބިޒްނަސް ސެންޓަރު ހުޅުވުމަށް ހަމަޖަހިފައި ވެއެވެ.

ބޭންކުން އޮންލައިންކޮށް ބައެއް ހިދުމަތްތައް މިހާރު ދެމުން ގެންދާ އިރު، އޮންލައިންކޮށް އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިން އެޕޮއިންޓްމަންޓް ހައްދަންޖެހޭ ގޮތަށް ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ޖޫން އަށްވަނަ ދުވަހު ވިލިމާލޭ އަދި ހުޅުމާލޭ ބްރާންޗް ހުޅުވާ އިރު، އެ ދުވަހުން ފެށިގެން އެ ދެ ބްރާންޗުން ކާޑު ދޫކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް