ނައީމްއަށް އެންގީ ގުޅީފަޅު ޕްރޮޖެކްޓުގެ މައުލޫމާތު ބޮޑަށް ހާމަ ކުރަމުން ދިޔުމަށް: މިނިސްޓްރީ

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމް -- ފޮޓޯ/ އީޕީއޭ

އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމްއަށް އެންވަޔަރަމެންޓް މިނިސްޓްރީއިން އިރުޝާދު ދިނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ވީހާވެސް ބޮޑަށް ހާމަ ކުރުމަށް ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރުގެ އިރުޝާދަށް އަމަލު ކުރަން ދެކޮޅު ހެދި ކަމަށް ބުނެ މިނިސްޓްރީއިން ވަނީ ނައީމްއަށް އިންޒާރު ދީފައެވެ. އެ އިންޒާރުގައި ބުނެފައި ވަނީ އެކަން ތަކުރާރުކޮށްފި ނަމަ ނައީމްގެ ވަޒީފާގެ ފަންތި ދަށް ކުރަން، ނުވަތަ ސަސްޕެންޑު ކުރަން ނުވަތަ ވަޒީފާއިން ވަކި ކުރަން ޖެހިދާނެ ކަމަށެވެ.

ނައީމްއަށް އިންޒާރުގެ ލިޔުން ފޮނުވި އެންވަޔަރަމެންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު ފާހަގަކުރެއްވީ، އީޕީއޭ އަކީ އެންވަޔަރެމެންޓް މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާއެއް ކަމެވެ. އަދި އީޕީއޭއާ ގުޅޭ ކަންކަމުގައި މަޖިލީހުގައި އަދި ރައީސުލްޖުމްހޫރިއްޔާ ގާތުގައި ޖަވާބުދާރީ ވާން ޖެހޭނީ އެންވަޔަރަމެންޓް މިނިސްޓަރުކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އީޕީއޭއިން ދުވަހުން ދުވަހަށް ކުރާ މަަސައްކަތާ މިނިސްޓްރީއިން ނުބެހުނަސް އެ މުއައްސަސާ ހިންގާނީ މިނިސްޓްރީގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީޕީއޭއަށް ހައްލު ކުރަން ދަތި މައްސަލަތަކުގައި މިނިސްޓްރީގެ ބޭފުޅުންވެސް ލަފާ ދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓްރީއިން ނައީމަށް ދިން އިރުޝާދަކީ ގުޅީފަޅު މަޝްރޫއާ ގުޅޭ މައުލޫމާތުތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އާންމު ކުރަމުން ދިޔުމަށް ކަމަށެވެ. އެގޮތުން ޕްރޮޖެކްޓު ކުރިއަށްދާއިރު ހަދަން ޖެހޭ މޮނިޓަރިން ރިޕޯޓު ހަދައި ކޮންސަލްޓެންޓުން ހޯދާ ޑޭޓާއާއި އާންމުކުރުމަށާއި، ޕްރޮޖެކްޓުގެ ސައިޓަށް ގޮސް ހިއްކާ އިރު ތިމާވެއްޓަށް ގެއްލުން ކުޑަވާނެ ފިޔަވަޅުތައް އަޅާތޯ މޮނިޓާކޮށް، އެކަމުގެ މައުލޫމާތުވެސް އާންމު ކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށް އަޖުވަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދެންނެވީ އީޕީއޭއަށް ޕްރޮޖެކްޓު މިގޮތަށް ކުރިއަށްދާއިރު، ތިމާވެށި ދެކެ ލޯބިވާ އެތައް ބައެއްގެ ކަންބޮޑުވުން ހުރީމަ އީޕީއޭއިން އެބަ ޖެހެއާ ޕްރޯއެކްޓިވްކޮށް މައުލޫމާތު ހާމަކޮށްދޭން،" އަޖުވަދު ވިދާޅުވިއެވެ. "އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ބޮޑު ތަނެއް ހިއްކާއިރު، ތިމާވެއްޓަށް ގެއްލުންވާނެ. އެ ކަންތައްތައް ކުޑަ ކުރަން މިޓިގޭޓު ކުރަން ހުރި ކަންތައްތައް ކުރާކަން ކަށަވަރު ކުރަން އަޅުގަނޑުމެން އެދުނީ. ކޮންޓްރެކްޓަރު މަސައްކަތް ކުރާ އިރުވެސް ސައިޓު ރަނގަޅަށް މޮނީޓާކޮށް، ކޮންޓްރެކްޓަރު މެޝާސްތައް ނަގާތޯ ކަށަވަރު ކުރުމަށް އަދި ރައްޔިތުންނަށް އެކަން ހިނގަމުންދާ ގޮތް އޯޕަންކޮށް ޓްރާންސްޕޭރެންޓުކޮށް ކިޔައިދޭން،"

އެ އިރުޝާދުތައް ނައީމްއަށް ދިނީ، ނައީމްއާ ޑރ. ނަސީރުގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަންއާއި އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދާއި އީޕީއޭގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ހަމްދާން ޒުހެއިރު ހުންނެވި ވަޓްސްއެޕް ގްރޫޕެއްގައި ކަމަށް ނައީމްއަށް ދިން އިންޒާރުގެ ލިޔުމުގައިވެއެވެ.

އިރުޝާދުތައް ދިނުމުން ނައީމް ދެއްވި ޖަވާބު އަޖުވަދު ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތަކީ އާންމުކޮށް ހާމަ ކުރެވޭނެ މައުލޫމާތެއް ނޫނެވެ.

ގުޅީފަޅުގައ ބަނދަރެއް ހަދަން އެ ރަށުގެ ފަޅު ހިއްކަން ފަށާފައި ވަނީ މި މަހުގެ ތެރޭގައެވެ. އެ ފަޅު ހިއްކާއިރު ކަނޑަށް ފޭދިގެންދާ ވެލީގެ ސަބަބުން ފަރުތަކާއި މުރަކަތައް މަރުވެދާނެތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުުން ފާޅު ކުރަމުންނެވެ. އެގޮތުން ގުޅީފަޅު ބޭރުގައި އޮންނަ ހިމާޔަތްކޮށްފައިވާ ހާންސް ހެސް ޕޮއިންޓު ހިމެނޭހެން ތިރީހަކަށް ޑައިވް ސްޕޮޓަށް ގެއްލުންވާނެ ކަމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކުރިއެވެ.

އީޕީއޭ މިނިސްޓްރީއާ ވަކިން މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުުގެ ސަރުކާރުން ވައުދުވެފައިވާ ކަމެކެވެ. ނަމަވެސް، އެ ވައުދު ފުއްދާފައި ނުވާތީ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރެއެވެ.

comment ކޮމެންޓް