އެމެރިކާއިން ޑަބްލިޔުއެޗްއޯއާ އެކު އޮތް ގުޅުން ކަނޑާލައިފި

އެމެރިކާއިން ވަނީ ޑަބްލިޔުއެޗްއޯއާ އެކު އޮތް ގުޅުން ކަނޑާލައިފި ކަމަށް ބުނެފަ -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ވޮޝިންޓަން (މެއި 30): އެމެރިކާއިން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލައިފި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ ޑަބްލިޔުއެޗްއޯ އޮތީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި ކޮރޯނާވައިރަސް ބަލިމަޑުކަން ފެތުރިފައި ވަނީ އެގައުމުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި ވައިރަހާ ބެހޭ ގޮތުން ދުނިޔެއަށް އޮޅުވާލުމަށް ޗައިނާއިން ޑަބްލިޔުއެޗްއޯއަށް ޕްރެޝަރު ކުރި ކަމަށާއި އެގައުމުގެ ސަބަބުން އެމެރިކާގެ 100،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާ އެކު އޮތް ގުޅުން އަޅުގަނޑުމެން މިއަދު ކަނޑާލުމަށް ފަހު އެ [ޖަމްއިއްޔާއަށް ދޭ] ފަންޑުތައް، އެ ފައިސާ ހައްގުވާ ފަރާތްތަކަށް ދޭނެ ގޮތް ހަދާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް އެ އިއުލާން ކުރެއްވުމުގެ ކުރިން މިމަހުގެ 19ގައި ވަނީ ޑަބްލިޔުއެޗްއޯއަށް ބޮޑެތި އިސްލާހުތައް ގެންނަން ޖެހޭ ކަމަށާއި އެހެން ނޫން ނަމަ އެމެރިކާއިން އެޖަމްއިއްޔާއަށްދޭ އެހީ ކަނޑާލާ، އެޖަމްއިއްޔާ އިން ވަކިވާނެ ކަަމުގެ އިންޒާރު ދެއްވާފަ އެވެ.

އެމެރިކާ އަކީ ޑަބްލިޔުއެޗްއޯއަށް އެންމެ ގިނައިން އެހީ ދޭ ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން އެޖަމްއިއްޔާއަށް 400 މިލިއަން ޑޮލަރު ދީފައިވެ އެވެ.

އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު 1.7 މިލިއަން ހުރަސްކޮށް، ބަލީގައި 104،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް