ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނުއަސާސީ އިސްލާހުކޮށްފި

މޭ، 26، 2020: "ނިއު ނޯމަލް"ގެ ދަށުން ރައްޔިތުން މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ބޭއްވި ޖަލްސާ: އެޗްޕީއޭގެ ލަފާގެ މަތިން މެންބަރުން ތިއްބަވަނީ މާސްކް އަޅައިގެން އަދި ދުރުދުރުގައި -- ފޮޓޯ/ މަޖިލިސް އިދާރާ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ރައްކާތެރި މާހައުލެއް ގާއިމުކުރެވި، އާ ކައުންސިލްތައްް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންްގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގާނޫނުއަސާސީއިން އިސްލާހު ގެނައުމަށް 74 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

މުޅި މަޖިލީހުގެ ކޮމެޓީން ބިލު ދިރާސާކުރުމަށްފަހު، އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ (ޅ) ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

މިރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ އެ އިސްލާހުތަކާ އެކު އެ ބިލް ފާސްކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ގެނެސް، ބިލުގެ މަސައްކަތް އަވަހަށް ނިންމާލަން މަސައްކަތް ކުރި ނަމަވެސް، މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެގޮތަށް އެއްބަސްވެ ވަޑައިނުގަތުމުން، ގަވާއިދުގައިވާ ގޮތަށް ތިން ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހި، އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމު ކުރެވި އާ ކައުންސިލަރުން އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައި ސަރުކާރުން މަޖިލީހަށް ބިލެއް ފޮޮނުވީ މިދިޔަ މާޗު މަހުގެ 31 ވަނަ ދުވަހު އެވެ.

ނަމަވެސް މި ހާލަތުގައި ގާނޫނު އަސާސީ އިސްލާހު ކުރެވިދާނެކަމާމެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، އަދި ގާނޫނު އަސާސީ އިސްލާހުނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލެވޭނެ ގޮތެއް ހޯދިދާނެ ކަމަށް ބުނެ ވެސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުނެވެ.

އެންމެ ފަހުން މައްސަލައިގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް މަޖިލީހުން އެދުނެވެ. ސުޕްރީމް ކޯޓުން ލަފާދީފައި ވަނީ ގާނޫނު އަސާސީ އިސްލާހުކުރުމަށެވެ. އަދި މަޖިލީހުން ބިލުގެ މަސައްކަތް ނިންމާފައި ވަނީ ވެސް ސުޕްރީމް ކޯޓުން ދިން ލަފަޔާ އެއްގޮތަށެވެ.

comment ކޮމެންޓް