ފަސް ބަދަލު ކުރެވޭ އުސޫލުން ބާސާއަށް ލިބޭނީ ގެއްލުން: ބާސެލޯނާގެ ކޯޗު

ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން --- ފޮޓޯ: އޭޕީ

މެދުކަނޑާލައިފައި އޮތް ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށާއިރު ފަސް ބަދަލު ކުރެވޭ އުސޫލު ބޭނުން ކޮށްފި ނަމަ ބާސެލޯނާއަށް އޭގެ ގެެއްލުން ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ތިން މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު ސްޕެނިޝް ލީގުގެ ކުޅުން އަންނަ މަހުގެ 11 ވަނަ ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ކުރިޔާ ޙިލާފަށް ލީގު ފަށާނީ ބޮޑެތި ބަދަލުތަކަކާ އެކު އެވެ. އޭގެ ތެރޭގައި ދަނޑަށް އެއްވެސް ސަޕޯޓަރަކު ނުވެއްދުމާއި، ސޯޝަލް ޑިސްޓެންސްގެ ގަވައިދުތަކެއްގެ އިތުރުން ކޮންމެ މެޗެއްގައި ވެސް ފަސް ބަދަލު ކުރެވޜ އުސޫލަކާ އެކު އެވެ.

މިހާރު ފަށާފައިވާ ޖަރުމަނުގެ ބުންޑެސް ލީގާގައި ވެސް މި ގަވާއިދުތަކަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. ފީފާއިން ހަދާފައިވާ މި ގަވާއިދުތަކަކީ، ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށާއި، ކައިރި ކައިރީގައި މެޗު ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ފިޓްނަސްއަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ހަދާފައިވާ ގަވާއިދު ތަކެކެވެ.

އެހެން ނަމަވެސް ފަސް ބަދަލު ކުރެވޭ އުސޫލުގެ ސަބަބުން ބާސެލޯނާއަށް ފައިދާއެއް ވުރެން ލިބޭނީ ގެއްލުން ކަމަށް އެ ޓީމުގެ ކޯޗު ސެޓިއެން ވަނީ ބުނެފަ އެވެ.

"ފަސް ބަދަލު ކުރާ އުސޫލުގެ ސަބަބުން ބާސެލޯނާގެ ކުޅުމަށް ލިބޭނީ ގެއްލުން. އެއީ ބާސެލޯނާގެ ކުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިދާނެ މިހެން ވެއްޖެ ނަމަ،" ސެޓިއެން ބުންޏެވެ.

ސެޓިއެން ބުނީ ބާސެލޯނާގެ ކުޅުން ބިނާވެފައި އޮންނަ ގޮތުން މެޗުގެ ފަހު ވަގުތަކީ ޓީމަށް މޮޅުވާން ވަރަށް ފުރުސަތު ތަނަވަސް ވަގުތެއް ކަމަށެވެ. ސަބަބަކީ އެ ޓީމުގެ ކުޅުމުގެ ވައްޓަފާޅީގެ ގޮތުން މެޗުގެ ފަހު ވަގުތަށް ދާއިރު އިދިކޮޅު ޓީމުގެ ވަރުބަލިކަން އިތުރަށް ބޮޑުވާނެތީ ކަމަށް ސެޓިއެން ބުންޏެވެ.
"މެޗުގެ ފަހު ވަގުތަކީ ބާސެލޯނާއަށް ސްކޯ ކުރަން ފަސޭހަވާނެ ވަގުތެއް. އެކަމަކު އައު ބަދަލާ އެކު އިދިކޮޅު ޓީމަށް ބަދަލުތައް އިތުރުކޮށް ޓީމް ފްރެޝް ކޮށްލަން ފުރުސަތު ލިބޭނެ. މިއީ ބާސެލޯނާއަށް ލިބޭނެ ބޮޑު ގެއްލުމެއް."

ކޮރޯނާ ވައިރަގު ސަބަބުން ސްޕެނިޝް ލީގުގެ ކުޅުން މިދިޔަ މާޗު މަހު މެދުކަނޑާލި އިރު ބާސެލޯނާ އެއްވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑްއަށް ވުރެން ދެ ޕޮއިންޓް ކުރީގަ އެވެ. އެހެން ކަމުން ލީގު އަލުން ފަށައިގަންނަ އިރު ލީގުގެ ފޯރި އިތުރަށް ގަދަވެ ވާދަވެރިކަން ވެސް ވަނީ އިތުރު ވެފަ އެވެ.

comment ކޮމެންޓް