ބަސް އަހައިފިއްޔާ އިތުރު ފަސޭހަތައް ލިބޭނެ: މޭޔަރު

ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ----

މާލެ ސަރަހައްދުގެ ލޮކްޑައުނަށް މިހާރު ދީފައިވާ ލުއިތަކަށް ހުރިހާ ރައްޔިތުން ވެސް ބޯލަނބައި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށްދާ ނަމަ، ކުރިއަށް އޮތް ތަނުގައި އިތުރު ފަސޭހަަތައް ލިބިގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުން ކޮވިޑް-19ގެ ކޭސްއެއް އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 15ގަ އެވެ. އެ ފަހުން މާލޭ ސަރަހަައްދު ލޮކްޑައުން ކުރުމަށް ފަހު، ފުރަތަމަ ފަހަރަށް ލޮކްޑައުންއަށް ލުއި ދޭން ވަނީ ނިންމައިފައެވެ. ލުއި ދެނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ ގޭބަންދުވެފައި ތިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު ހުރިހާ ރައްޔިތުން ވެސް ތިބީ ބޭރަށް ނުކުމެލަން ކެތްމަދުވެފައި ކަމަށެވެ.

އެހެންކަމުން މިހާރު ލިބިފައިވާ ލުއިތަކާ އެކުވެސް، އެޗްޕީއޭގެ އެންގުންތަކަށް ބޯލަނބައި، ފަރުދީގޮތުން ކޮންމެ މީހަކު ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އެގޮތުގައި ހިފަހައްޓާލެވިއްޖެ ނަމަ އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި މިހާރު އަޅުގަނޑުމެންނަށް ބަސް އަހައިގެން އުޅެވިއްޖެއްޔާ، އެޗްޕީއޭގެ އިއުލާނުތަކާ އެއްގޮތަށް އަދި ރައްޔިތުން އަމިއްލަފުޅަށް ވެސް ރައްކަލަކަށްޓަކައި ކުރަންޖެހޭ ކަންކަން އަދި ލުޔެއް ދިން ކަމުގައި ވިޔަސް، އެކަންކަން ހިފެހެއްޓިއްޖެ ނަމަ ކުރިއަށް އޮތް ތަނުގައި މާ ގިނަ ފަސޭހަތައް ލިބިގެން ދާނެ،" މޭޔަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ލުއި ކުރުމުގެ ފުރަތަމަ ފިޔަވަހީގައި އުމުރުން ދުވަސްވީ މީހުންނަށް އަދި ދެވަނަ ފިޔަވަހީގައި ކުޑަކުދިންނަށް ބޭރަށް ނުކުމެވޭނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

މޭޔަރު ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ވެސް ޕާކުތައް ހުޅުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެހެން ނަމަވެސް، އެކަކު އަތްލާފައި ހުންނަ ތަނެއްގައި އަނެކަކު އަތްލުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީ، ފުރަތަމަ ފޭސްގައި ޕާކުތައް ހުޅުވުމަކީ ރައްކާތެރިކަމެއް ކަމަށް ނުފެނުނު ކަމަށެވެ.

ފޭސްތަކަކަށް ބަހާލައިގެން ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވާއިރު، ފުރަތަމަ ފިޔަވައްސަކީ މާދަމާއިން ފެށިގެން ދެ ހަފްތާއެވެ. އޭގެ ފަހުން އަންނަ ދެ ހަފްތާ އަކީ ދެވަނަ ފިޔަވައްސެވެ.

ފުރަތަމަ ފިޔަވަހީގައި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވަކި ގަޑިތަކެއްގައި ހުއްދައާއެކު ބޭރަށް ނުކުމެވޭއިރު، ޕާމިޓާ އެއްކޮށްވެސް އާއިލާއާ ރައްޓެހިން އެއްވުމާއި، ތިމާގެ މީހުން އުޅޭ ގެއަކަށް ފިޔަވައި އެހެން ގެތަކަށް ދިޔުމަކީ މަނާ ކަމެކެވެ.

ލުއިތަކާ އެކު ޝޮޕިން ޕާމިޓަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ފުރަތަމަ ދެ ހަފްތާގައި ގޭބީސީއަކަށް ތިން ހުއްދަ ލިބޭނެއެވެ. އެއީ ބޮޑެތި މީހުންނަށެވެ. ނަމަވެސް ދެވަނަ ފިޔަވަހީގެ ދެ ހަފްތާގައި ގޭބީސީއަކަށް ފަސް ހުއްދަ ލިބޭނެއެވެ. އަދި އެ ހަފްތާގައި ކުޑަކުދިންނަށްވެސް ވަކި ގަޑިއެއްގައި ބޮޑެތި މީހުންނާ އެއްކޮށް ގެއިން ނުކުމެވޭނެއެވެ.

ލޮކްޑައުނަށް ލުއިތަކެއް ދީފައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި ކޮވިޑް19 ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާނަމަ، ދީފައިވާ ލުއިތައް އަލުން ހަރުކަށި ކުރަން ޖެހިދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް