ކައުންސިލަރުންގެ މުއްދަތު ދަންމާލަން ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހު ކުރަނީ

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް: ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ ބިލްގައި ދެ އަކުރެއް ހިމެނުމުން އޭނާ ވަނީ ހުށަހަޅާފައި --- ފައިލް ފޮޓޯ/ މަޖިލިސް

އަންނަ މަހުގެ ތިން ވަނަ ދުވަހު މުއްދަތު ހަމަވާ ރާއްޖޭގެ ހުރިހާ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް ގާނޫނު އަސާސީގައި އަކުރެއް އިތުރު ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ތާރީހުގައި ނުބޭއްވުމުން، ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވަނީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

އެ ބިލް ދިރާސާ ކުރަމުން ދަނީ މުޅި މަޖިލީހުގެ ކޮމެޓީއިންނެވެ. މިރޭ ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ބިލްގެ އެއް ވަނަ މާއްދާ އުނި ކުރުމަށްފަހު ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ބ) ގެ ފަހަތަށް ދެ އަކުރު އިތުރުކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ހުށަހެޅުން ވެސް ހުށަހަޅާފައިވަނީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

ހުށަހެޅުންތައް ފާސްކުރުމަށް 63 މެންބަރަކު ވޯޓް ދެއްވާފައިވާއިރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެއެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކުރާ ދެ އަކުރު

  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ޅ) : މި މާއްދާގެ ނ. ގައި އެހެން އޮތް ނަމަވެސް 3 ޖޫން 2017 ގައި އިންތިހާބް ކޮށްފައިވާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އުމުރު ހަމަވާއިރު އެ ކައުންސިލްތަކަށް އާ މެންބަރުން އިންތިހާބް ނުކުރެވިއްޖެ ހިނދެއްގައި އެ ކައުންސިލްތަކަށް މެންބަރުން އިންތިހާބް ކުރަން ބާއްވަން ޖެހޭ އިންތިހާބް ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިހާބް ކުރެވޭ މެންބަރުން އެ މީހުންގެ މަގާމާއި ހަވާލުވަންދެން މިހާރު އިންތިހާބް ކޮށްފައިވާ އަދި މަގާމުގައި ދެމި ތިބި ކައުންސިލްތަކުގައި ތިބި މެންބަރުން އެމީހުންގެ މަގާމުގައި ދެމި ތިބޭނެ އެވެ.
  • ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ(ކ) : މި މާއްދާގެ ޅ. ގައި ބަޔާން ކުރާ އިންތިގާލީ މުއްދަތުގައި މަގާމްގައި ދެމިތިބޭ ކައުންސިލްތަކުގެ މެންބަރުން މަގާމުގައި ދެމިތިބޭއިރު އެ މެންބަރުން އަމަލު ކުރާނެ އިންތިގާލީ އުސޫލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ އެވެ.

ތިން ހުށަހެޅުމާއި އެކު މުޅި މަޖިލީހުގެ ކޮމެޓީން ބިލް ފާސްކޮށްފައިވަނީ ވެސް ވޯޓްގައި ބައިވެރިވެވަޑައިގަތް 65 މެންބަރުންގެ އިއްތިފާގުންނެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ އެބިލާއި ގުޅޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުން އުފެދިފަ އެވެ.މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަދި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ލަފާދެއްވައިފައެވެ. އޭޖީ އަދި ކައުންސެލް ޖެނެރަލް ވެސް ވިދާޅުވެފައި ވަނީ މައްސަލައިގައި އޮތް ހަމައެކަނި ހައްލަކީ ގާނޫނު އަސާސީ އިސްލާހުކުރުން ކަމަށެވެ.

ހިޔާލުތަފާތުވުންތައް ފިނިވެފައިވަނީ ސުޕްރީމް ކޯޓުން ދިން ލަފަޔާއެކު އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މައްސަލަ ދިރާސާކުރައްވައި މިއަދު ލަފާ ދީފައި ވަނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް، ނުވަތަ އެ މާއްދާއަށް އިސްލާހު ގެނައުމުގެ ބަދަލުގައި ގާނޫނު އަސާސީގެ 13 ވަނަ ބާބުގެ ފަހަތުގައި އިންތިގާލީ މާއްދާއެއް ހިމަނައިގެން، ދެން އެންމެ އަވަހަށް ލޯކަލް ކައުންސިލް އިންތިހާބެއް ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެކަމަށް ސަރީހަ ބަހުން ބަޔާންކުރުމަށެވެ.

comment ކޮމެންޓް