ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވާ ދެން މަސައްކަތް ނުކުރުވޭނެ: މޭޔަރު ޝިފާ

މެއި 26، 2020: ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ދޯނީގައި މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ތަނުގައި، ރާއްޖޭގައި މަސައްކަތް ކުރުމަށް ހޯދަން ޖެހޭ ހުއްދަތައް ނެތި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރުވުމުގެ ފުރުސަތު އެއްވެސް ކުންފުންޏަކަށް ނުދެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވިދާޅުވީ ރާއްޖޭގައި ގަވާއިފާ ހިލާފަށް އުޅޭ ބިދޭސީންގެ ސީދާ އަދަދެއް ބުނަން ނޭނގޭ ކަމަށެވެ.

އެހެން ނަމަވެސް ކޮންސްޓްރަކްޝަން ސައިޓުތަކުގައި މީގެ ކުރިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަަމަށެވެ. އަދި ރަނގަޅަށް ހުރިހާ ޕާމިޓްތަކެއް ބަލަހައްޓާ ކުންފުނިތައް ވެސް ގިނަކަން މޭޔަރު ފާޖަގަކުރެއްވިއެވެ.

"އެހެން ނަމަވެސް އަދި އެބަހުރި ތަންތަނުން މީހުން ނަގައިގެން ގެންގޮސް މަސައްކަތްތައް ކުރުވާ ފަރާތްތައް ވެސް. އެއީ މިއަދު ހުރިހާ ރައްޔިތުންނަށް އެނގޭ މައުލޫމާތެއް،" މޭޔަރު ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 43،000 އެއްހާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާފައިިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި، ގަވާއިދުގެ ތެރެއަށް ވައްދާފައިވާ ބިދޭސީން ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ހުރިހާ ކުންފުނިތަކަކަށް މޭޔަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.

މޭޔަރު ވިދާޅުވީ ބިދޭސީންގެ ކަންކަން ބޮއްސުންލައިގެން ދިޔައީ ގަވާއިދުތައް ހެދިފަައި ނެތިގެން ނޫން ކަމަށެވެ. ބިދޭސީން ރާއްޖެ ގެނެސް އެމީހުން ލައްވައި މަސައްކަތްް ކުރުވުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް މާކުރިން ފެށިގެން ހެދިފައި ހުރި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ކޮން ހިސާބަކުންތޯ އަޅުގަނޑުމެން ގެއްލިގެން މި އުޅެނީ، ދިވެހިންނަށް ދިވެހިން ގެއްލިގެން މި އުޅެނީ. ދިވެހީންނަކީ ފެށުނީއްސުރެ ވެސް ގާނޫނުތަކާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މަސައްކަތް ކުރަމުން އައި ބައެއް،" މޭޔަރު ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ ކޮވިޑް19 އަށް ފަހު ދެން އެއްވެސް ކުންފުންޏަކަށް ބޭނުންހާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ގެއްލިފައި އޮތް މާލެ އަލުން ހޯދުމަށް ހުރިހާަ ދިވެހީން ވެސް ބޭނުންވާ ކަމަށާއި، ބިދޭސީންގެ ބަދަލުގައި މަސައްކަތްތަކަށް ދިވެހީން ނެރެން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ކަމާބެހޭ ފަރާތްތަކާ ރައްޔިތުން އަތުގައި ހިފައިގެން، މި މައްސަލަ ހައްލުކުރުމަށް ނުކުންނަން ޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ.

"އިތުރަށް މިކަންކަން ކުރާއިރު އަޅުގަނޑުމެން ހިނގާށޭ ހުރިހާ ރައްޔިތުން އެކުގައި އަތުގައި ހިފައިގެން، މިކަންކަން ތާކު ޖައްސަން. ކޮޅެއްގައި ޖައްސަން މަސައްކަތް ފަށަމާ ހިނގާށޭ. އަޅުގަނޑަށް އެނގޭ ވަރަށް ގިނަ ބޭފުޅުން އެދޭ މާލެ ތެރެ ހަމަ މަގަށް އަޅުވަން. އަޅުގަނޑުމެން މާލެ ސިޓީއަށް، މާލެ ތެރެ ހަމަ މަގަށް އެޅުވޭނީ ރައްޔިތުން އަޅުގަނޑުމެންގެ އަތުގައި ހިފައިގެން،" ޝިފާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ބިދޭސީން މަސައްކަތަށް ނެރޭއިރު، އެމީހުންނަކީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގާފައިވާ ބައެއްކަން ކަށަވަރު ކުރުމަށް ޝިފާ ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

"އަޅުގަނޑުމެންނަށް ދެން ކޮވިޑަށް ފަހުގައި، އަޅުގަނޑުމެންނަކަށް ނޯންނާނެ، މި ދަންނަވާހެން ބޭނުންހާ ގޮތަކަށް ކަންތައްތައް ކުރުމަށް ދޫކޮށްލެވޭނެ ފުރުސަތެއް [ދެވޭކަށް]،" މޭޔަރު ވިދާޅުވިއެވެ.

ކޮވިޑް19 ރާއްޖޭގައި ފެތުރެމުން ދާ އިރު، މިހާތަނަށް ފެނުނު 1،591 ކޭސްގެ ތެރެއިން 800 އަށްވުރެ ގިނަ ކޭސްއަކީ ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅެން ހަދާފައިވާ ކުއާޓަރުތަކަކީ ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ ތަންތަން ކަމުން، އެންމެ ބޮޑަށް ބަލި ފެތުރިފައި ހުރީ އެތަންތަނުގައި އުޅޭ ބިދޭސީންގެ މެދުގައެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިދިޔަ ހަފްތާގައި ބުނި ގޮތުގައި، ބިދޭސީ ކުއާޓަރުތަކުގައި ދިރިއުޅޭ ބައެއް މީހުންގެ އެންޓިބޮޑީޒް ޓެސްޓު ހެދި އިރު، އޭގެ ތެރެއިން 75 ޕަސަންޓު މީހުންގެ ގައިގައި ކޮރޯނާވައިރަހުގެ އެންޓިބޮޑީޒް ހުރިކަން ފެނިފައި ވެއެވެ.

ކޮވިޑް19 ބަލި ރާއްޖޭގައި ފެތުރެން ފެށި ފަހުން، ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތުން އަންނަނީ އަނބުރާ ގައުމަށް ފޮނުވާލަމުންނެވެ.

މީގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

comment ކޮމެންޓް