ފެނަކައިން މިހާރު ވައްކަމެއް ނުކުރާނެ، ނުވެސް ކުރެވޭނެ: އެމްޑީ ސައީދު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު --- ފޮޓޯ/ ޕީއެސްއެމް

ވައްކަމުގެ ތުހުމަތުތަކެއް މީގެ ކުރިން ފެނަކަ ކޯޕަރޭޝަނާ މެދު ކުރެވުނު ނަމަވެސް މިހާރު އެފަދަ ތުހުމަތުތަކެއް ނާންނާނެ ކަމަށާއި ފެނަކައިން މިހާރު ވައްކަމެއް ނުކުރާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ފެނަކައިން މިހާރު ކޮރަޕްޝަނުގެ އަމަލެއް ހިންގާތޯ ނޫންތޯ ކަނޑައަޅަން ރައްޔިތުންނަށް ދޫކޮށްލައްވާ ކަމަށެވެ. އަދި ފެނަކައިގައި މިހާރު ވައްކަމުގެ އަމަލެއް ނުވެސް ހިންގޭނެ ކަމަށް ވިދާޅުވި އެވެ.

"ޔަގީނުން ވެސް ފެނަކައަކުން މިހާރު ވައްކަމެއް ނުކުރާނެ. އެޔަގީންކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ފެނަކައިން ކުރިން ހިންގަމުންދިޔަ ވައްކަމުގެ އެއްވެސް މުއާމަލާތެއް މިހާރަކު ނުހިނގާނެ، ނުވެސް ހިންގޭނެ،" ސައީދު ވިދާޅުވި އެވެ.

ކޮވިޑް19އާ ގުޅިގެން އާންމު ދިރިއުޅުމަށާއި މަސައްކަތުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، ފެނަކައިގެ މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތް ސައީދު ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން ލޮކްޑައުން ފަދަ ހާލަތަކަށް ދިޔަ ނަމަވެސް އެއްވެސް މެދުކެނޑުމެއްނެތި ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ކޮވިޑް19ގައި މުޅި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ހަމައެކަނި ފްރަންޓްލައިންގައި މަސައްކަތްކުރާނެ 350އަށް ވުރެ ގިނަ މުވައްޒަފުން. ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން މިނިމަމް ސްޓާފުން ބޭނުންކޮށްގެން މަސައްކަތް ކުރިއަށްގެންދަނީ [ރަށްރަށުގައި]. ރަށެއް މޮނީޓަރިން ނުވަތަ ލޮކްޑައުން ހާލަތަށް ގޮސްފިނަމަ އެރަށެއްގެ އިންޖީނުގޭގެ އޮފީހުގައި ނުވަތަ ފެންޕްލާންޓް ހައުސްތަކުގައި ލޮކްޑައުންކޮށްގެން ހިދުމަތް ދިނީ،" ސައީދު ވިދާޅުވި އެވެ.

ބިލު ދެއްކުމުގައި ފަހިކޮށްދިން ފަސޭހަތައް ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ މި ހާލަތުގައި ބިލު ނުދެއްކުނު ނަމަވެސް އެއްވެސް ގެއަކުން ފެން ނުވަތަ ކަރަންޓުގެ ހިދުމަތް ކަނޑާލާފައި ނުވާނެ ކަމަށެވެ.

"ފައިސާ ދެއްކުމުގައިވަރަށް ބޮޑުތަން ދަށަށް ގޮސްފައިވަނީ. އޭގެ ސަބަބުން ތަފާތު އެކި އުނދަގޫތައް ކުރިމަތިވާ ހިސާބުގައި މާލީ ހާލަތު އޮތީ. 40 ޕަސެންޓު ބިލު ނުދައްކާ ރަށްރަށުގެ. ގެއްލުމަކަށް ވުރެ ދަތިތަކާ ކުރިމަތިވަނީ [ބިލު ނުދައްކާތީ]،"

ފެނަކައިގެ މާލީ ހާލަތު ދަށްވިނަމަވެސް މެދުނުކެނޑި ހިދުމަތްދެމުންދާނެ ކަމުގެ ޔަގީންކަން ސައީދު އެރުވި އެވެ.

ފެނަކައިން ކުރިއަށްގެންދާ މަސައްކަތްތައް

ފެނަކައިން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސައީދު ވިދާޅުވީ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށެވެ. ނަމަވެސް ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓުމަކަށް ނުގެންނާނަން. ކޮވިޑް19ގެ މި ހައްސާސް ދަނޑިވަޅުގައި ވެސް އަޅުގަނޑުމެން ކުރިއަށްގެންދާ ބައެއް ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް އެކި ރަށްރަށުގެ އެކި ދިމަދިމާލުގައި މިހާރު ވެސް ކުރިއަށްދާނެ. އިންޖީނުގެތައް އަޕްގްރޭޑްކޮށް، އާ އިންޖީނުގެތައް އެޅުމާއި، އޮފީސް އެޅުމާއި ނެޓްވޯކް އަޕްގްރޭޑް ކުރުމާއި ޓްރާންސްފޯމާ ބެހެއްޓުމާއި އިންޖީނު ބެހެއްޓުމާއި ފެން ޕްލާންޓް ބެހެއްޓުމާއި ފެން ނެޓްވޯކުގެ މަސައްކަތްތައް މިހާރުވެސް ކުރިއެކޭ އެއްފަދައިން ކުރިއަށްދާނެ. ތަފާތުވާ ކަމަކީ ކުރިން ކުރިއަށްދިޔަ ސްޕީޑުގައި މިހާރު ނުދާނެ،" ސައީދު ވިދާޅުވި އެވެ.

މާލެ ފިޔަވައި އެންމެ އާބާދީބޮޑު އައްޑޫ ސިޓީގައި ފެނަކައިން ކުރިއަށްގެންދިޔަ މަސައްކަތް ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެ ސިޓީގައި ބޯދާ ނެޓްވޯކަކުން ކަރަންޓުން ދެމުން އަންނަތާ 27 އަހަރުވެފައިވާ ކަމަށެވެ.

"17 އިންޖީނު ހިންގަމުން އަންނަ ތަނަކަށް މިހާރު އެހެރީ ހަ އިންޖީނަށް ބަދަލުކޮށް، މި ޒަމާނުގެ ސިސްޓަމަކަށް މި ޒަމާނުގެ ނެޓްވޯކަކަށް އެތަން ބަދަލުކުރެވިފައި އެހެރީ. އައްޑޫ ސިޓީގައި ކުރިން ދިމާވިފަދަ މައްސަލަތައް މިހާރު ކުރިމަތިނުވާނެކަމުގެ ޔަގީންކަން އެބައޮތް،" ސައީދު ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ވެސް އިންޖީނުގެތައް އެބަހުރި ކަމަށާއި ނަމަވެސް އިންޖީނުގެތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރަން މި ސަރުކާރުން އިސްކަން ދިނުމުގެ ސަބަބުން ގިނަ ރަށްރަށުގައި އެ މަސައްކަތް މިހާރުވެސް ނިމިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިހާރު ވެސް 44 ރަށެއްގެ އިންޖީނުގެ/ ޕަވާހައުސް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދަނިކޮށް މި ހާދިސާ [ކޮވިޑް19] މި ދިމާވީ. އެހެން ނަމަވެސް ބައެއް ރަށުގައި މަސައްކަތް ކުރިއަށް އެބަދޭ. ކުރިން އަމާޒު ހިފާފައިހުރީ މިއަހަރު 40 އިންޖީނުގެ ހުޅުވައި އިތުރު 20 ރަށއެްގެ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުން." ސައީދު ވިދާޅުވި އެވެ. "20 ރަށުގެ އިންޖީނުގޭގެ މަސައްކަތް ފެށުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ. ޔަގީނުން ވެސް މިހާރު ބިންގާ އަޅައިގެން ކުރިއަށްގެންދާ 44 އިންޖީނުގޭގެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން."

comment ކޮމެންޓް