ބައްދަލުވުމެއްގައި ފޯން ރިންގުވުމުން މީހަކު މަރާލައިފި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު--

އިތިއޯޕިއާގައި އޮތް ބައްދަލުވުމެއްގެ ތެރޭގައި މީހެއްގެ ފޯނު ރިންގުވުމުން އެ ފޯން ގެންގުޅުނު މީހާގެ ގަޔަށް އެގައުމުގެ ސިފައިން ބަޑި ޖަހާ މަރާލައިފައިވާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފި އެވެެ.

އެ ހާދިސާ ހިނގާފައި ވަނީ އިތިއޯޕިއާގެ އޮރޮމިއާ ރީޖަނަލް ސްޓޭޓްގައި 2018 ވަނަ އަހަރުގެ ފަހުކޮޅާއި 2019 އަހަރުގެ ކުރީކޮޅާ ދޭތެރޭކަމަށް ވަނީ ބުނެފަ އެެވެ.

އެ ދުވަސްވަރަކީ އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނު ދުވަސްވަރުވެސް މެއެެވެ.

ބީބީސީން ބުނީ އެ މައްސަލައިގައި އިތިއޯޕިއާގެ ސަރުކާރުގެ ބަހެއް ނުލިބުނު ކަމަށެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެމްނެސްޓީން ބުނީ އެ ހާދިސާގައި މަރާލައިފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށްވާ އަރިތީ ޝުނޫޑޭ ކަމަށެވެ.

އެ ހާދިސާ ހިނގި ދުވަސްވަރަކީ އޮރީމިއާގައި ވަކިވެގެން ގަންނަން އުޅޭ ހަނގުރާމަވެރި ގްރޫޕަކާ ދެކޮޅަށް އިތިއޯޕިއާގެ ސިފައިން އޮޕަރޭޝަނެއް ހިންގި ދުވަސްވަރެކެވެ.

އެގޮތުން އެ ސަރަހައްދުގައި އެ ދުވަސްވަރު އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ސިފައިން ބޭއްވި ކަމަށާއި އަދި އޭގެން ބައްދަލުވުމެއްގައި އަރިތީ ބައިވެރިވި ކަމަށް އެމްނެސްޓީން ބުނެއެެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ބައިވެރިވި ހުރިހާ އެންމެންގެ ފޯނު ހިފެހެއްޓުމަށް ފަހުގައި ކަމަށާއި ނަމަވެސް ބައްދަލުވުމުގެ ތެރެއިން އަރިތީގެ ފޯން ރިންގުވުމުން އޭނާގެ ގަޔަަށް ބަޑި ޖަހާ މަރާލީކަމަށް ވަނީ ބުނެފައެވެ. އަދި ވަގުތުން އޭނާގެ ހަށިގަނޑު ވަޅުލުމަށް އެންގި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

އިތިއޯޕިއާގެ އޮރޮމާ ދަރިކޮޅަކީ އެގައުމުގައި އެންމެ ބައިބޯ ދަރިކޮޅު ނަމަވެސް އެމީހުން "ބާކީ" ވެފައިވާ ކަަމަށް އަބަދުވެސް ބުނެއެެވެ.

އިތިއޯޕިއާގެ މިހާރުގެ ބޮޑުވަޒީރަކީ ވެސް އެ ދަރިކޮޅުގެ ބޭފުޅެކެވެ. އެމަނިކުފާނު ބޮޑުވަޒީރުކަމަށް އައްޔަނުކުރުމުގެ ކުރިން އެ ދަރިކޮޅުގެ މީހުން ވަނީ ވަރުގަދަ މުޒާހަރާާތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެެ.

ބީބީސީ

ގުޅޭ ޓެގު
comment ކޮމެންޓް