ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީވެފައިވާ މުވައްޒަފުންނަށް

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް: ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހުރިހާ ވިޔަފާރިތަކެއްގައިވެސް މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ދޫކުރާނެ އުސޫލު އާންމުކޮށްފައެވެ.

ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ އޮފީސްތަކުން ހުއްދައަށް އެދި ހުށަހަޅާނީ،
އިއުލާނާއިއެކު ޝާއިއުކޮށްފައިވާ އެކްސެލް ޝީޓުގައި ބަޔާންކުރާ މައުލޫމާތު ފުރިހަމަކުރުމަށްފަހު، މިނިސްޓްރީގެ އީމެއިލް
އެޑްރެސް mv.gov.trade@supplies_covid19 އަށެވެ.

މިގޮތުން ހުއްދަ ދޫކުރެވޭނީ، ކަސްޓަމަރުންނަށް ހުޅުވާނުލައި، ހަމައެކަނި ވިޔަފާރިކުރާ ފަރާތުން ރަޖިސްޓަރީކޮށްފައިވާ އޮފީހެއްގައި މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންނަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެ އުސޫލުގައި ބުނެފައި ވަނީ ހުއްދަ ދޭނީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައިިވާ މުވައްޒަފުންނަށް ކަމަށާއި، ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ހުއްދަ ދޫކުރާނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަށް ކަމަށެވެ.

އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 10 އަށްވުރެ މަދު ނަމަ، ހުއްދަ ދޭނީ ދެ މުވައްޒަފުންނަށެވެ. މުވައްޒަފުންގެ އަދަދު 10 އާއި 30 އާ ދެމެދުގެ އަދަދެއްނަމަ، ފަސް މުވައްޒަފުންނަށެވެ. އަދި މުވައްޒަފުންގެ އަދަދު 30 އަށްވުރެ މަތިނަމަ، 20 ޕަސެންޓު މުވައްޒަފުންނަށެވެ.

މިނިސްޓްރީން ބުނީ މުވައްޒަފުންގެ ޖުމްލަ އަދަދު ކަނޑައެޅުމުގައި ބަލާނީ، ޕެންޝަން އޮފީހަށް ހުށަހަޅާފައިވާ މުވައްޒަފުންގެ މައުލޫމާތު އަދި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފުންނަށް ކަމަށެވެ.

އަދި ޕެންޝަން އޮފީހުގައި ނުވަތަ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިނުވާ މުވައްޒަފުންނަށް ހުއްދަ އަށް އެދެންވާނީ އެ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުން ރަޖިސްޓްރީކުރުމަށް ފަހުގައި ކަމަށާއި ބިދޭސީ މުވައްޒަފުންގެ ތެރެއިން މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީ މުވައްޒަފުންނަށް ހުއްދަ ހޯދުމަށް ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެއެވެ.

އުސޫލުގެ ދަށުން ދޫކުރެވޭ ހުއްދައިގެ އަދަދުތަކަކީ އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތް ދިނުމުގައި އެކަށީގެންނުވާ އަދަދެއް ކަމަށް ފެންނަކަމުގައިވާނަމަ، ހުއްދައިގެ އަދަދު އިތުރު ކުރުމަށް އެދި ހުށަހެޅިދާނެ ކަމަށާއި އަދި މިގޮތަށް އިތުރު ކުރުމަށް އެދޭ ހުއްދަތައް މިނިސްޓްރީން ރިވިއު ކުރުމަށްފަހު، ވިޔަފާރި ހަރަކާތްތަކަށް ރިއާޔަތްކުރުމަށް ފަހު އިތުރު ކޮށްދިނުމުގައި ގޮތެއް ނިންމާނެ ކަމަށެވެ.

comment ކޮމެންޓް