ބަންގްލަދޭޝްގެ އިތުރު 198 މީހަކު ފުރުވާލައިފި

ބަންގްލަދޭޝް ރައްޔިތުން ގައުމަށް ފުރަން އެއާޕޯޓުގައި -- ފޮޓޯ/މޯލްޑިވިއަން

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން އިތުރު 198 މީހަކު އަނބުރާ ގައުމަށް ފުރުވާލައިފިއެވެ.

އެ މީހުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ފުރުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މިއީ ބަންގްލަދޭޝް ރައްޔިތުން ގެންދާ ހަ ވަނަ ފްލައިޓެވެ.

މޯލްޑިވިއަން އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުރި ފްލައިޓުގައި ބަންގްލަދޭޝްގެ 198 މީހަކު އެމީހުންގެ ގައުމަށް ފުރުވާލާފައިވާ ކަމަށެވެ.

މިހާތަނަށް އެގައުމުގެ 1،000 އެއްހައި ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލާފައި ވާއިރު، އޭގެ ތެރޭގައި މޯލްޑިވިއަންގެ ފްްލައިޓުތަކުގައި ގެންދިޔަ މީހުންނާއި ދިވެހި ސަރުކާރުން ޗާޓަރު ކުރި ބަންގްލަދޭޝްގެ އެއާލައިނެއްގެ ފްލައިޓެއްގައި ގެންދިޔަ މީހުންގެ އިތުރުން އެގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައި ދެ ފަހަރެއްގެ މަތިން ގެންދިޔަ މީހުން ހިމެނެއެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ފުރުވާލި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ގަވައިދާ ހިލާފަށް، ސައްހަ ލިޔެކިޔުން ނެތި އުޅޭ މީހުންނެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުންތެތި 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެއެވެ. ރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުަގއި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްތެރޭ، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

comment ކޮމެންޓް