ޗައިނާއިން ހެދި ފެސިލިޓީގައި ފަރުދާވެ ތިިބެ ފެންވެރޭނެ ގޮތް ހަދަން އެޗްއާރްސީއެމްއިން އެދެފި

ޗައިނާއިން އިމާރާތްކޮށްދިން ފެސިލިޓީގައި ހަދާފައި ހުރި ޝަވަރުތައް -- ފޮޓޯ/ އެޗްއާރްސީއެމް

ޗައިނާ ހިލޭ އެހީގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި 800 އެނދުގެ ޖާގަ ހިމެނޭ ބިދޭސީން ބައިތިއްބާ ކަރަންޓީނު ފެސިލިޓީ ހުޅުވައި އެތަނުގައި މީހުން ބޭތިއްބުމުގެ ކުރިން، މީހުންނަށް ފަރުދާވެ ތިބެ ފެންވެރޭނެ ގޮތާއި އިތުރު ހަ ކަމެއް ފުރިހަމަ ކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ޑިފެންސް މިނިސްޓްރީއަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީއަށް ހުށަހަޅައިފިއެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން އެއްވެސް އަގަކާ ނުލައި އިމާރާތްކޮށްދިން އެ ފެސިލިޓީގެ މަސައްކަތް ނިންމާލައި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރީ މީގެ ދެ ހަފްތާ ކުރިންނެވެ. އެޗްއާރްސީއެމްއިން އެ ފަހުން އެތަނަށް ޒިޔާރަތްކޮށް އެތަނުގެ ފެންވަރު ބަލާފައިވެއެވެ. އަދި އެ ޒިޔާރަތަށް ފަހު އެކުލަވާލި ރިޕޯޓުގައި ހަތް ކަމެއް ފުރިހަމަ ކުރަން އެ ކޮމިޝަނުން ހުށަހެޅިއެވެ.

އެޗްއާރްސީއެމްގެ ރިޕޯޓުގައިވާ ގޮތުން ފެސިލިޓީގައި 70 މީހުންނަށް އެއްފަހަރާ ބޭނުން ކުރެވޭ ދެ ފާހާނާ ބަރި ހުރެއެވެ. ކޮންމެ ފާހާނާ ބަރިއެއްގައި 35 ފެންވަރާ މާގަނޑާއި، 42 ފާހާނާ ތަށި އަދި މޫނު ދޮންނަ ތައްޓާ އެކު ހަ އިސްކުރު ވަކިން ބަހައްޓާފައި ހުރެއެވެ. ފާހާނާ ތަށިތައް ބަހައްޓާފައި ހުރި ކޮންމެ ތަނެއްގައި ދޮރުފަތާއި ތަންޑު ހަރުކޮށްފައި ހުރެއެވެ. އަދި މުސްލިމް ޝަވަރުވެސް ހުރެއެވެ.

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ލޭބާ ކުއާޓަރު-- ފޮޓޯ/އެޗްޑީސީ

ނަމަވެސް ފެން ވަރާ އިންތިޒާމު ހަމަޖައްސާފައި ހުރީ އެކަކު އަނެކަކު ކައިރި ކައިރީގައި ތިބެ ފެންވަރަން ޖެހޭ ގޮތަށެވެ. އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ފެންވަރަން ބޭނުން ކުރަން ޖެހޭނީ ތަންތަނެވެ. އެހެންވެ، އެ ފެސިލިޓީ ހުޅުވުމުގެ ކުރިން އެތަނުގައި ތިބޭ މީހުންނަށް ފަރުދާވެގެން ތިބެ ފެންވެރޭނެ ގޮތެއް ހަމަޖައްސައިދޭން އެޗްއާރްސީއެމްއިން ހުށަހަޅާފައިވެއެވެ.

މޫނު ދޮންނަ ތައްޓާއި އިސްކުރު މަދުކަމުން، ފެސިލިޓީގައި ބައިތިއްބާނެ މީހުންގެ އަދާ އެކަށީގެންވާ ވަރަށް މޫނު ދޮންނަ އިސްކުރާއި ތަށި ބަހައްޓަންވެސް އެޗްއާރްސީއެމްއިން ހުށަހެޅިއެވެ.

ކޮންމެ ކޮޓަރިއެއްގައި ހަތަރު ކުޑަދޮރު ހުރިކަން ފާހަގަކޮށްފައިވެއެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ދެ ފަންކާއާއި ދެ ހޮޅިބުރި ހުރި ކަމަށާއި އޭގެ ސްވިޗް ބޯޑުތައް ކޮޓަރިތެރޭގައި ހުރި ކަަމަށް ބުންޏެވެ. އަދި ކޮންމެ ކޮޓަރިއެއްގައި 10 ބަންކު ބެޑް ޖަހާފައި ހުރި ކަމަށާއި ކޮންމެ އެނދެއްގެ ކައިރީގައި ކަރަންޓު ބޭނުން ކުރެވޭނެހެން ސްވިޗް ބޯޑު ޖަހާފައި ހުރި ކަމަށްވެސް ބުންޏެވެ. ނަމަވެސް، ކަރަންޓީނު ފެސިލިޓީތައް މެނޭޖު ކުރުމާ ބެހޭ ގޮތުން އެޗްޕީއޭއިން އެކުލަވާލި ހޭންޑް ބުކުގައިވާ ގޮތާ ހިލާފަށް، އެނދުތައް ހުރީ އެއް މީޓަރު ދުރުގައި ބަހައްޓާފަިއ ނޫންކަން އެޗްއާރްސީއެމްއިން ފާހަގަ ކުރިއެވެ. އެކަން ހައްލު ކުރަން އެމްއެންޑީއެފްއަށާއި އެންޑީއެމްއޭއަށް އެޗްއާރްސީއެމްއިން ހުށަހަޅާފައިވެއެވެ.

ޗައިނާއިން އިމާރާތްކޮށްދިން ފެސިލިޓީގެ ކޮޓަރިތައް: ކޮންމެ ކޮޓަރިއެއްގައި 10 މީހުންނަށް ތިބެވޭނެ -- ފޮޓޯ/ އެޗްއާރްސީއެމް

ހިނގާ ކަސްރަތު ކުރުމަށް ކޮންމެ ބްލޮކެއް މެދުގައި ހުސް ބިމެއް އޮންނާނެ ކަމަށާއި، ފޫހި ވިލުވާލަން ކެރަމް އާއި ރާޒުވާ ފަަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ފެސިލިޓީ ބަލަހައްޓާ ފަރާތުން އެޗްއާރްސީއެމްއަށް އަންގާފައިވެއެވެ. މީހުން ބޭތިއްބުމުގެ ކުރިން މި ކަންކަންވެސް ފުރިހަމަ ކުރަން އެޗްއާރްސީއެމްއިން ހުށަހަޅާފައިވެއެވެ.

އެތަނުގައި ތިބޭ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް، ބަދިގެއަކާއި ސްޓޯރޭޖު ރޫމެއްވެސް ހަދާފައި ހުރެއެވެ. ނަމަވެސް، މިނިސްޓްރީގެ ގައިޑްލައިނާ ހިލާފަށް އެތަނުގައި ބޭސް ރައްކާ ކުރުމަށް ހަދާފައި ނެތްކަން އެޗްއާރްސީއެމްއިން ފާހަގަ ކުރިއެވެ. ފެސިލިޓީ ހުޅުވުމުގެ ކުރިން ބޭސް ރައްކާ ކުރާނެ ތަނެއްވެސް ހަމަޖެއްސުމަށް އެޗްއާރްސީއެމްއިން ހުށަހެޅިއެވެ.

މި ކަންތައްތަކުގެ އިތުރުން އެތަނުގެ ސެކިއުރިޓީ އެންމެ އެދެވޭ ގޮތެއްގައި ބެލެހެއްޓުމަށް ކެމެރާ ހަރުކުރުމަށާއި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ނިއްވާލަން ބޭނުންވާ ސާމާނު އެތަނުގައި ބެހެއްޓުމަށްވެސް އެޗްއާރްސީއެމްއިން ހުށަހަޅާފައިވެއެވެ.

މީގެ ކުރިން ބިދޭސީން ބައިތިއްބަން ތައްޔާރު ކުރި ބައެއް ވަގުތީ ކަރަންޓީނު ފެސިލިޓީތައްވެސް ބިދޭސީންނަށް ކައިރި ކައިރީގައި ތިބެ ފެން ވަރަން ޖެހޭ ގޮތަށް ފަރުމާކޮށްފައި ހުރުމުން ބައެއް އާންމުންގެ ނުރުހުމާއި ފާޑުކިޔުން ކަމާ ބެހޭ ފަރާތްތަކަށް އަމާޒުވިއެވެ.

comment ކޮމެންޓް