ނިއުސް ކޯޕް އޮސްޓްރޭލިއާއިން 112 ނޫހެއް ޗާޕު ކުރުން ހުއްޓާލަނީ

ނިއުސް ކޯޕްއިން ހިންގާ 100އަށް ވުރެ ގިނަ ނޫސް ޗާޕު ކުރުން ހުއްޓާލަން ވަނީ ނިންމާފަ -- ފޮޓޯ: ނިއުސް ކޯޕް

ކެންބެރާ (މެއި 29): އެމެރިކާގެ މީޑިއާ ކުންފުނި ނިއުސް ކޯޕްގެ އޮސްޓްރޭލިއާގައި ހުންނަ ސަބްސިޑަރީން ހިންގާ 100އަށް ވުރެ ގިނަ ނޫހެއް ޗާޕު ކުރުން ހުއްޓާލަން އެ ކުންފުނިން ނިންމައިފި އެވެ.

ނިއުސް ކޯޕް އޮސްޓްރޭލިއާގެ އެގްޒެކެޓިވް ޗެއާމަން މައިކެލް މިލާ ނެރުއްވި ބަޔާނެއްގައިވާ ގޮތުން އެ ބަދަލު ގެންނަން ޖެހިފައި ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމާ ގުޅިގެންނެވެ. އެގޮތުން މި ބަލިމަޑުކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ކޮމިއުނިޓީ އަދި ސަރަހައްދީ ފެންވަރުގައި ނޫސް ޗާޕު ކުރަމުން ގެންދިޔުމަށް ހުރަސް އެޅިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އޭގެ ސަބަބުން ބައެއް ވަޒީފާތައް ގެއްލޭނެ ކަން ފާހަގަ ކުރި ނަމަވެސް ވަޒީފާ ގެއްލޭނީ ކިތައް މުވައްޒަފުންގެ ކަމެއް މިލާ ވިދާޅުނުވެ އެވެ.

ގާޑިއަން ނޫހުގައިވާ ގޮތުން ނިއުސް ކޯޕުގެ ދަށުން ހިންގާ އޮސްޓްރޭލިއާގެ 112 ނޫހެއް ޗާޕު ކުރުން ހުއްޓާލަން އެކުންފުނިން ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން 36 ނޫހެއް އެއްކޮށް ހުއްޓާލާއިރު 76 ނޫހަކުން ދެން މުޅިންވެސް ރިޕޯޓު ކުރާނީ އޮންލައިންކޮށެވެ.

މިލާ ވިދާޅުވި ގޮތުގައި ނިއުސް ކޯޕްގެ ރިވިއުއަކުން ދެއްކި ގޮތުގައި ގިނަ މީހުން މިހާރު ސަބްސްކްރައިބްކޮށް، ކިޔަނީ އޮންލައިން ނޫސްތަކެވެ. އެގޮތުން މި ބަލިމަޑުކަމުގެ ތެރޭގައި އެކުންފުނީގެ ޑިޖިޓަލް އޯޑިއެންސް ވަނީ 60 ޕަސެންޓު އިތުރުވެފަ އެވެ. އަދި އިޝްތިހާރުތައް ވެސް މިހާރު ދަނީ އޮންލައިން ނޫސްތަކަށެވެ.

އެހެންކަމުން މުސްތަގުބަލުގައި އެ ކުންފުނިން އޮންލައިންކޮށް މަސައްކަތް ކުރާ އިތުރު ނޫސްވެރިން ހޯދާ، އޮންލައިންކޮށް އިޝްތިހާރު ކުރާ މިންވަރު އިތުރު ކުރުމަށް އިންވެސްޓު ކުރާނެ ކަމަށްވެސް މިލާގެ ބަޔާނުގައިވެ އެވެ.

އޮސްޓްރޭލިއާގައި ނޫސްވެރިކަމުގެ ސިނާއަތަށް އަންނަ ބަދަލުތައް ބަލަމުންދާ އޮސްޓްރޭލިއަން ނިއުސްރޫމް މެޕިން ޕްރޮޖެކްޓުން ލަފާ ކުރާ ގޮތުގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެގައުމުގައި ހިދުމަތްތައް ކުޑަކޮށް، މެދުކަނޑާލި ނުވަތަ އެއްކޮށް ހުއްޓާލި ނިއުސްރޫމްތަކުގެ އަދަދު މިހާރު 150އަށް ވުރެ އިތުރު ވާނެ އެވެ.

comment ކޮމެންޓް