ގުޅީފަޅު ހިއްކުމުގެ މަސައްކަތް ވަރަށް ގާތުން ބަލަން: އީޕީއޭ

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ބަލަމުން ދާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފިއެވެ.

ވިޔަފާރި ބަނދަރު ތަރައްގީކުރުމަށްޓަކައި ގުޅީފަޅު ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެ ފަޅަށް އަޅަމުންދާ ވެލި ވިލިމާލެއާ ހަމައަށް ގޮސް ކަނޑު ކިލަނބުކޮށްލާފައި އޮތްތަން ފެންނަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. އެ ވެލީގެ އަސަރު ވިލިނގިލީގެ ފަރަށްކޮށް ދިރުންތައް އެކީ މަރުވެދާނެކަމުގެ ކަންބޮޑުވުން ވިލިމާލޭގެ ވިލިޖޯލި އަދި ސޭވް ދަ ބީޗް ފަދަ ޖަމިއްޔާތަކުން ފާޅު ކުރެއެވެ. އޭގެ އިތުރުން، ވެލީގެ އަސަރުކޮށް، މާލެ އަތޮޅުގެ ތިރީހަކަށް ޑައިވް ޕޮއިންޓަށް ގެއްލުންވެދާނެ ކަމުގެ ބިރު ޑައިވަރުން ފާޅު ކުރެއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން، ބިން ހިއްކާއިރު، ވެލި ކަނޑަށް ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފައިވެއެވެ. އެ ފިޔަވަޅުތައް އަޅާތޯ ގާތުން ބަލަމުންދާ ކަމަށް މިއަދު އީޕީއޭއިން ވަނީ ބުނެފައެވެ.

"އީޕީއޭއިން މިދަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ގާތުން ބަލަމުން އަދި އީއައިއޭގައި ބުނެފައިވާ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާތޯ މި ދަނީ ބަަލަމުން،" އީޕީއޭއިން ބުންޏެވެ.

އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ތިމާވެއްޓަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތައް ވަމުންދާނަމަ މަޝްރޫއު ހުއްޓުމަށް އެންގުމުގެ ބާރު އީޕީއޭއަށް ލިބިގެންވެއެވެ.

ގުޅީފަޅު މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި، އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެ މަޝްރޫއުއިން ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރި އެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ފަރުތަކާއި މުރަތަކަށް ހަލާކުވެމެވެ. މި ކަންބޮޑުވުން ރިސޯޓުތަކާއި ޑައިވަރުން ފާޅު ކުރިއެވެ. އަދި މުރަކަތައް މަރުވެ ރާއްޖޭގެ މޫދުގެ ރީތިކަން ގެއްލުމުގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމުގެ ކަންބޮޑުވުން ރިސޯޓުތަކުން ފާޅު ކުރިއެވެ.

https://sun.mv/137530

އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ. އަދި ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުގެ ސަބަބުން ބޯޓުފަހަރަށް އެތަނުގައި ނަގިލި އަޅަން ދަތިވާނެ ކަމުގެ ކަންބޮޑުވުން ޝިޕް އޮޕަރޭޓަރުން ފާޅު ކުރިއެވެ.

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ހިއްކީ 10 ހެކްޓަރެވެ. އެ ފަހުން 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެ އެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. އެ ބިން ހިއްކާ ނިންމުމަށް ފަހު ގުޅީފަޅު ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހި ކަމަށްވާ ބަނދަރު ހެދުން ކުރިއަށްގެންދަން ޕްލޭނިން މިނިސްޓްރީއިން އޮތީ ނިންމައިފައެވެ.

ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ. ވެލި ނަގާނީ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބޮސްކާލިސް ކުންފުނީގެ ސަކްޝަން ހޮޕާ ޑްރެޖާއެއް ބޭނުންކޮށްގެންނެވެ.

comment ކޮމެންޓް