ފުރާވަރު އުމުރުގެ ކުއްޖަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

މާލޭ މަގުމަތީގައި ފުލުހުން ހަރަކާތް ތެރިވަނީ: މެދު ރާއްޖެތެރޭ ރަށެއްގައި ފުރާވަރު އަންހެން ކުއްޖެއް ރޭޕް ކުރަން އުޅުނު ކަމުގެ މަައްސަލައެއް ވަނީ ފެންމަތިވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެދު ރާއްޖެތެރޭ ރަށެއްގައި 18 އަހަރުން ދަށުގެ، ފުރާވަރު އުމުރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕް ކުރަން އުޅުނުކަމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ، ކ. އއ. އދ. އަދި ވ. އަތޮޅު ހިމެނޭ ފުލުހުންގެ ޑިވިޝަނަށް ކަމަށެވެ. އެ މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. އަދި ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގޭގައި ހުއްޓައި، އޭނާއަށް ގޮވައި ބޭރަށް ނެރެ ބަދުއަހްލާގީ އަމަލު ހިންގަން މަސައްކަތް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހްގީގް ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަަކަށް ވާތީ ކުއްޖާގެ އަޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން އެ ކުއްޖާ ނިސްބަތްވާ އަތޮޅާއި ރަށް ފުލުހުން ހާމައެއް ނުކުރެ އެވެ.

ޖިންސީ ގޯނާގެ އިތުރު މައްސަލައެއްގައި އިއްޔެ އައްޑޫ އިން ވެސް ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ.

comment ކޮމެންޓް