މުރަކަ ފަރުގެ ރައްކާތެރިކަން ކަށަވަރުކުރަން ނަޝީދުގެ ޖަމިއްޔާއިން މަޖިލީހަށް ގޮވާލައިފި

ގުޅީފަޅު ހިއްކުމުގެ ތެރެއިން ބޭރުވާ ވެލި ވިލިނގިއްޔާ ހަމައަށް ގޮސް ކަނޑުގެ ފެން ކިލަނބުކޮށްލާފައި -- ފޮޓޯ/ ސޭވް ދަ ބީޗް

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށް އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދާތީ އެތަނުގެ ވަށައިގެންވާ ފަރުތަކަށް ގެއްލުންވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށް، މުރަކަ ފަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ރަށްތައް ތަރައްގީ ކުރުމުގައި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަކޮށް މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމާއި، ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ގުޅީފަޅު ހިއްކާތީ ފަރުތަކަށް ގެއްލުންވާކަމުގެ ކަންބޮޑުވުން މަދަނީ ޖަމިއްޔާތަކުން ފާޅުކުރަމުންދާއިރު މިއަދު ކޮރަލް އިންސްޓިޓިއުޓުންވެސް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ގުޅީފަޅު ހިއްކުމުގެ ސަބަބުން ވަށައިގެންވާ ފަރުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ވަމުންދާތީ ކަންބޮޑުވާ ކަމަށެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ބޭއްވި ކޮރަލް ފެސްޓިވަލްގައި އެ ޖަމިއްޔާގެ ޗެއާ ކުރީގެ ރައީށް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އެ މަޝްރޫއުގެ ސަބަބުން 30 ޑައިވްސައިޓަކަށް ގެއްލުންވަމުންދާކަންވެސް އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. އެގޮތުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ގުޅީފަޅު ކައިރީގައި އޮންނަ ހާންސް ހާސް ޑައިވް ޕޮއިންޓުވެސް ނުރައްކަލަށް ހުށަހެޅިފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

ގުޅީފަޅަށް އަޅަމުންދާ ވެލި ވިލިމާލެއާ ހަމައަށް ގޮސް ކަނޑުގެ ލޮނުގަނޑު ކިލަނބުކޮށްލާފައި އޮތްތަން ފެންނަ ފޮޓޯތައް ދަނީ ދައުރުވަމުންނެވެ. ހިއްކާ ސަރަހައްދުން ވެލި ބޭރުވިޔަ ނުދޭން އަޅާ ސިލްޓް ސްކްރީން، މޫސުމުގެ ސަބަބުން މަސައްކަތް ނުކުރާކަމަށް ކޮރަލް އިންސްޓިޓިއުޓްއިން ބުންޏެވެ. އެހެންކަމުން، ވިލިމާލޭ ފަރަށް ލިބޭނެ ގެއްލުންތަކާ މެދުވެސް އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅު ކުރިއެވެ.

އަދި މި މަސައްކަތް ކުރަމުން ދަނީ ކޮރަލް ބްލީޗިން ނުވަތަ މުރަކަ ހުދުވަމުންދާ ދަނޑިވަޅެއްގައި ކަމަށާއި، އޭގެ އިތުރުން ވެލީގެ ސަބަބުން ގެއްލުން އިތުރުވެ، މުރަކަތައް އަލުން އިޔާދަވުމުގެ ފުރުސަތު ކުޑަވާ ކަމަށްވެސް ކޮރަލް އިންސްޓިޓިއުޓްއިން ބުންޏެވެ.

ތިމާވެއްޓަށް އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތައް ވަމުންދާ ހިނދެއްގައި ބަދަލު ދިނުމަކާ ނުލައި މަޝްރޫއެއް ހުއްޓުވުމުގެ ބާރުކަމާ ބެހޭ ފަރާތްތަަކަށް ލިބޭކަން ތިމާވެށީގެ ގާނޫނާއި، އީއައިއޭ ރިޕޯޓު ހެދުމާ ގުޅޭ ގަވައިދުން އެނގޭކަންވެސް އެ ކޮރަލް އިންސްޓިޓިއުޓްއިން ފާހަގަކުރިއެވެ.

ކޮރަލް އިންސްޓިޓިއުޓްއިން ބުނީ، ބިން ހިއްކުން ފަދަ މަޝްރޫއުތައް މިހާތަނަށް ހިންގާފައި ވަނީ މުރަކަތަކާއި ކަނޑުގެ އެހެނިހެން ދިރުންތަކަށް ގެއްލުން ނުވާނެހެން ފިޔަވަޅު އަޅައިގެން ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ފަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ.

އަދި ތިމާވެއްޓަށް ގެއްލުން ނުވެ، ތިމާވެއްޓަށް ފައިދާ ވާނެ ގޮތްތަކަށްވެސް ގައުމު ތަރައްގީ ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެހެންކަނުން، މުރަކަތަކާއި، ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން ގާނޫނާއި ގަވައިދު ވަރުގަދަ ކުރަން ރައްޔިތުންގެ މަޖިލީހަށާއި، ކަމާ ބެހޭ އެހެން އިދާރާތަކަށް ގޮވާލާ ކަމަށްވެސް ކޮރަލް އިންސްޓިޓިއުޓްއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި، ކޮންޓްރެކްޓަރުންނާއި، އެންވަޔަަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާއި، އެންވަޔަރަމެންޓް މިނިސްޓްރީއާއި، އީއައިއޭ ކޮންސަލްޓެންޓުން ޒިންމާދާރު ކުރުވެން ޖެހެއެވެ. އަދި ތަރައްގީ ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުވާ ހުރިހާ ފިޔަވަޅެއް އަޅަން ލާޒިމު ކުރަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ކަނޑު ހޫނުވެ މުރަކަ ބްލީޗްވާއިރު ގެއްލުންދެނިވި މަޝްރޫއުތައް ހިންގުން ހުއްޓުވަން ޖެހޭ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ގުޅީފަޅުން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު -- ޑައިގްރާމް/ އީއައިއޭ ރިޕޯޓު

އެންމެ ފުރަތަމަ ގުޅީފަޅު ހިއްކީ 2010 ވަނަ އަހަރު އެވެ. އެ ފަހަރު ހިއްކީ 10 ހެކްޓަރެވެ. އެ ފަހުން 2013 ވަނަ އަހަރު އިތުރު 20 ހެކްޓަރު ހިއްކާފައިވެ އެވެ. މިހާރު ކުރިއަށްދާ ޕްރޮޖެކްޓުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ފަޅުން ގާތްގަނޑަކަށް 192 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. ގުޅީފަޅު ހިއްކަން ވެލި ނަގަން ހަމަޖެހިފައި ވަނީ ގުޅީފަޅުން ފެށިގެން މާލެއާ ހަމައަށް އޮތް ކަނޑުގެ 13.75 އަކަ ކިލޯމީޓަރުގެ ސަރަހައްދަކުންނެވެ.

https://sun.mv/137530

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހިން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، އެކަމުގެ އިޖުތިމާއީ އަސަރުތައް ބަލަން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި، އެ މަޝްރޫއާ ގުޅޭ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން އެ މަޝްރޫއުއިން ކުރާނެ ނޭދެވޭ އަސަރުތަކާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރި އެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، ފަރުތަކާއި މުރަތަކަށް ހަލާކުވެމެވެ. އެކަމުގެ އަސަރު ޓޫރިޒަމަށް ކުރާނެ ކަމުގެ ކަންބޮޑުވުން ރިސޯޓުތަކުން ފާޅު ކުރިއެވެ. އޭގެ އިތުރުން މަޝްރޫއަށް ވެލި ނަގާ ސަރަހައްދުން ވެލި ނެގުމުން އެ ސަރަހައްދުން އެން ލިބުން ދަތިވާނެކަމުގެ ކަންބޮޑުވުން މަސްވެރިންވެސް ފާޅު ކުރިއެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުން، ވެލި ފެތުރިޔަ ނުދިނުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެފައިވެއެވެ. އެ ފިޔަވަޅުތައް އަޅާތޯ ގާތުން ބަލަމުންދާ ކަމަށް މިއަދު އީޕީއޭއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް