އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

"މާޒިން. ފެމިލީ އެންމެން ކައިރީ ބުނެފައި ދެވޭނީ...." އާލިޔާ ފިޔަވަޅުތައް މަޑުކޮށްލައިފިއެވެ.

"ސޮރީ އާލިޔާ ސިސް...." މާޒިންއަށް އޮޅިގެން އެހެން ބުނެވުނީވެސް އޭނަ އަރްސަންއާއި އާލިޔާ ގުޅުވަން ބޭނުންވެފައި ހުރި ވަރުންނެވެ. އާލިޔާއާއިމެދު އެހެން ނަޒަރަކުން ދެކެން ބޭނުންނުވާތީއެވެ.

"ސިސްއޭ؟ " އާލިޔާ ހައިރާންވިއެވެ.

"އެހެންތަ ކިޔުނީ؟ ހެހެ....." މާޒިން ޓިކެޓް ނަގާ ދޮރުމަތީގައި ހުރި އޮފިސަރަށް ދިއްކޮށްލިއެވެ.

އާލިޔާވެސް ހީލިއެވެ. އާލިއާއަށް އެވަރުންވެސް މާޒިންގެ ކުޅިގަނޑުގެ ޚަބަރެއް ރޭކާ ނުލިއެވެ. މާޒިންއާއި އެކު ދަތުރުމަތީ އުޅުމުން އެނގުނީ އެންމެ ކަމެކެވެ. މާޒިންގެ ފަރާތުން އަޅާނުލުމެއް ނުލިބުނުތާ ފާޑަކަށް އޭނަ ބާކީކޮށްލާފައި ވާކަމެވެ. އޭނައަށް ވުރެ މާޒިންއަށް ފޯނުވެސް މުހިއްމެވެ. ފޯނުން އެއްޗެއް ދެއްކިއްޔާ އަރްސަންގެ މޮޅު އެއްޗެކެވެ. އޭނައާއި އަނގައިން ބުނިއްޔާ އަރްސަންގެ ނަން ނުގަނެ ވާހަކައެއް ދެއްކޭކަމަކަށް ނުވިއެވެ. ފްލައިޓަށް އަރާ ހަމަޖެހުނުތަނުން މަހުދީ ގުޅަންފެށީމަ މާޒިން ފޯނު އަތުލިއެވެ.

"ފޯނު ނުނަގައްޗޭ.."

"ކީއްވެތަ؟ "

"ބިކޯޒް އައި ސެޑް ސޯ...."

"އެކަމަކު ސަބަބެއް އޮންނަންވާނެއްނު. ހީޒް މައި ބްރަދާ...." އާލިޔާގެ ހިތުގައި ޝަކުވާ އުފެދުނެވެ.

"އަހަރެމެންގެ ޑެސްޓިނޭޝަންއަކީ އަދި އެހެން މީހަކަށް ނޭގޭ ސިއްރެއް. ލަންޑަނަށް ގޮސްފައި ގުޅާނީ...................." މާޒިން ބުނެލިއެވެ.

"ހޫމް....." އާލިޔާއަށް އެހެން ގޮތެއް ނެތެވެ. މާޒިންގެ ވާހަކަ ގަބޫލުކޮށްގެން ހުންނާނީއެވެ. ލަންޑަނަކީ އޭނަ އެއް އިރެއްގައި ދެކުނު ހުވަފެނެކެވެ. ލަންޑަންގެ ޔުނިވާސިޓީއަކުން ކިޔަވަން އުއްމީދުތަކެއްކުރިއެވެ. ފަހުން އޭނައާއި ހެއްދެވި ފަރާތާއި އޮތް ގުޅުން ގާތްވެ އެފަދަ އުއްމީދުތަކާއި ދުނިޔޭގެ ރީތިކަމަށް ހެއްލުންތެރި ނުވެ އޭނަ ބޮޑަށް ބެލީ އެފަރާތުގެ ގުޅުން ރަގަޅުކޮށް އެފަރާތުގެ ރުއްސެވުން ހޯދުމަށެވެ. އެހެންނޫނީ ރޫހާނީ ހިތްހަމަޖެހުން ދުވަހަކު ހާސިލެއް ނުވާނެއެވެ.

"އަހަންނަށް އެނގޭ ތިވިސްނަނީ ކޮންކަމަކާކަން. މަދީނާ އަށް ގެންދިޔަނަމައޭ ހިތަށް އަރަނީ؟ ޓްރަސްޓް މީ.ލަންޑަންވެސް ވަރަށް ހެޕެނިން....ނިއުޔޯކްވަރު ނުވިޔަސް. އާލިއާވެސް އެންޖޯއި ކުރާނެ. އެތަންތާވެސް ނިގާބު ކޮމިއުނިޓީތައް އުޅޭ. ކޮންމެހެން ބާކީވާކަށްވެސް ނުޖެހޭ. ބާކީނީ ލައިގެން ފަތަންވެސް ދޭ. އެނގެއްނު ބުރުގާ އަޅާ އަންހެންކުދިން ލާ ބިކިނީ........." މާޒިން ފޯނު ހުޅުވާލައިގެން ގޫގުލްކޮށްފައި މުސްލިމް މޮޑެލްއެއްގެ ބާކީނީ އިޝްތިހާރު ދެއްކިއެވެ.

"ފްލައިޓް ކެންސަލްކޮށްފައި ނުދެވޭނެތަ؟ ތެދަށް ބުނަންޏާ ލަންޑަނަށްދާ ހިތެއް ނުވޭ..."

"ނޫން. ސަޕްރައިޒެއް ދޭން މިގެންދަނީ. އޭރުން އެނގޭނެ.." މާޒިން އެއްލޯ މަރައިލިއެވެ.

"އެންމެ ރަގަޅު. ދަތުރު ދުޢާކުރަންވާނެ ދޯ..." އާލިޔާ ފޯނުން ދަތުރު ދުޢާއެއް ދެއްކިއެވެ.

"ފްލައިޓް ވެއްޓިދާނެތީ ބިރުންތަ؟ އައިމް ނޮޓް ސްކެއާޑް އޮފް ފްލައިން..." މާޒިން ހީލިއެވެ.

"އެހެނެއްނޫން. މަރުދެކެ ބިރަކުން ނޫޅެން. އެކަމަކު ކޮންމެ ކަމެއްގައި ދުޢާކުރަން އޮވޭ. ސަލާމަތުން މަންޒިލަށް ފޯރުމަށާއި ބަރަކާތްލެއްވުން އަދިވެސް ކިތަންމެ ކަންތައް އޮންނާނެ. ދުޢާއަކީ އަޅުކަމެއް. ކާއިރު ނިދާއިރު ގެއިން ނިކުންނައިރު ޓޮއިލެޓަށް ވަންނައިރު އެހެންގޮސް ކޮންމެކަމެއްގައިވެސް ދުޢާކުރުމަކީ ސުންނަތެއް. ހަމައެކަނި ބޮޑު ހިތާމައެއް ނޫނީ މުސީބާތެއް ޕެންޑެމިކްއެއް އައީމައެއްނޫން ދުޢާކުރާނީ......" އާލިއާ ބުނެދިނެވެ.

"ހަހަ ސީރިއަސްލީ އާލިއާ..." މާޒިން ހިނިގަނޑެއް ޖަހައިލިއެވެ.

"ކިހިނެއްވީ؟ " އާލިޔާ ލޯ ބޮޑުކޮށްލިއެވެ.

"ހަނީމޫންގައި ދަމުންވެސް ދަރުސް ދިނުން ނޫންކަމެއް ނެތީމަ. އޭ މިހެން ބުނީމަ ދެރަނުވައްޗޭ. އަަހަރެންވެސް ދުޢާކުރަމޭ އެކަމަކު ހިތުން. އެހެންމީހުންނަށް ސިއްރުން އަޅުކަން ކުރީމަ މާ ސަވާބު ލިބޭނެއޭ ތިއްތިވެސް ބުނީ......" މާޒިން ބުނެލީ މާފަށް އެދޭކަހަލަ ރާގެއްގައެވެ.

"ރަގަޅު...."

"އަދި ސިއްރެއް ބުނެފާނަން. ތިއްތިވެސް އަހަރެމެންގެ ލަންޑަން ޓުއާގައި ބައިވެރިވޭ..."

މާޒިން ދިން ޚަބަރަކުން އާލިޔާ ސިހުނީ ބިރެއް ފެނުނު ފަދައިންނެވެ. ނަމަވެސް މޫނުފޮތިކޮޅުގެ ފަހަތުން އެއައި ބަދަލު ނުފެނުނަސް މާޒިންއަށް އެނގުނެވެ. މަޑުމަޑުން ފޮތިކޮޅު ހިއްލާލާފައި ބަލައިލިއެވެ.

"ކީއްވެ ތިއްތިދެކެ ބިރުގަންނަނީ؟ ޑެވިލް ވީމަތަ؟ "

"އޭނަ އެހެން ހެދުނަސް ޝައިތާނާއަކަށް ނުވާނެ. އެކަމަކު ހަނީމޫންގައި ކޮންމެހެން އޭނަ ބައިވެރިވާން ޖެހޭތަ؟ މާޒިން އޭނަ ގާތު އަންނާށޭ ބުނިންތަ؟ ނޫނީ އަމިއްލައަށް ހަމަ އައީ؟ ކޮބާތަ އޭނަ.....އެއާޕޯޓަކުންވެސް ނުފެނޭ..."އާލިޔާ މޫނުފޮތިކޮޅު ވައްޓާލަން ނޫޅެ މާޒިންއާއި ދިމާލަށް ބަލަން އިންއިރު އެ އަޅި ދެލޮލުގައި އެތައް ޝަކުވާއެކެވެ.

"އޭނަ އާދައިގެ މީހުންނާއެކު ދަތުރެއްނުކުރާނެ. ހިޒް އެކްސެލެންސީ ވަޑައިގަންނަވާނީ ޕްރައިވެޓް ޖެޓްކޮޅުގައި....." މާޒިން ސަމާސާރާގަކަށް ބުނެލިއެވެ. އަދި އާލިއާގެ މޫނަށް ބަލައިލިއެވެ. މީރާގެ ހަދާންތަކުން އުދަގޫވާން ފެށިއެވެ. އާލިއާގެ މޫނަށް ބެލުމުން އެހެންމީހެއްގެ ހަދާންވަންޏާ އެކީގައި އުޅޭނީ ކިހިނެއްހެއްޔެވެ.

"އެއްހޮޓަލެއްގައި އުޅޭނީ؟ " އާލިޔާ އެހިއެވެ.

"ހޮޓަލެއްގައެއް ނޫން. އަހަރެމެންގެ ގެއެއް ލަންޑަނުގައި ހުންނާނެ. ނޮޓް އެކްޒެކްޓްލީ މައިން. ކާފަގެ ފްރެންޑެއްގެ ގެ ފަޅަށް ހުރީ. އެދެމަފިރިން ރިޓަޔާ ކޮށްފައި ދުނިޔޭގެ އެތަން މިތާ ދަތުރުކުރަނީ. ކާފައަތުގައި ތަޅުދަނޑިއެއް އޮވޭ. ކާފައާއި މާމަވެސް ދޭތެރެއަކުން ހަނީމޫން ހަދަން އާދޭ. ސްޓިލް ވަރަށް ލޯބިން އެކީ އުޅެނީ. ކުޑައިރުއްސުރެ ރައްޓެހިވީގޮތަށް މަރުވާނީވެސް އެކީހެން ހީވޭ. އެހާ ރޮމެންޓިކް..." މާޒިން ކިޔައިދިނެވެ.

އާލިޔާ ކުރި ސުވާލުގެ ޖަވާބު ނުލިބުނެވެ. އަރްސަން އެގޭގައި އުޅެންޏާ ދެން އޭނަ ޖެހޭނީ ނިގާބުގައި ގޭތެރޭގައި އުޅޭށެވެ. މާޒިންއަށް އެވަރު ނުވިސްނޭ ހެއްޔެވެ؟ ކެތްނުވެގެން އާލިޔާ އެހެން ބުނުމުން މައްސަލައަކަށް ވިއެވެ. މާޒިން ބުނީ ދީނުގައި ކޮންމެހެން މޫނު ނިވާކުރަން ނެތްކަމުގައެވެ. އެއީ ސައުދީމީހުންގެ ސަގާފީ ހެދުން ކަމުގައެވެ. ދަތުރުގެ އެތައް ބަޔެއް އެ ބަހުސްގައި ވޭތުވިއެވެ. އާލިޔާ ދެރަވިޔަސް އޭނަ ވިސްނީ ކޮންމެ ކަމެއް ހިނގާނީ އެންމެ ރަގަޅަށްކަމުގައެވެ. ލަންޑަނަށް ދާހިތް ނުވިޔަސް ލަންޑަނަށްވެސް ދެވެނީއެވެ. މަޖުބޫރީ ހާލަތުގައެވެ. ޔޫރަޕް އެހެން ތަނަކަށް މިފަހަރު ނުދާން ނިންމީ ވިސާ އާއި ނުލާ ދެވޭނީ ލަންޑަނަށް ކަމަށް ވާތީކަމުގައި މާޒިން ބުންޏެވެ.

ދަތުރު ފުދޭވަރަކަށް ދިގެވެ. ދަތުރުކުރީ އެމިރޭޓްސްއިން ކަމަށްވާތީ ދުބާއީގައި ޓްރާންޒިޓް ކުރިއެވެ.

ދަތުރު ދިގުވިޔަސް ފޫހިކަން އިހުސާސްކުރާކަށް އާލިއާއަކަށް ނުޖެހުނެވެ. އޭނަ ގިނަވަގުތު ހޭދަކުރީ ލެކްޗާއެއް ބެލުމުގައި ނޫނީ ގުރުއާން ކިޔެވުންފަދަ ކަމެއްގައެވެ. މާޒިން އެތައް އިރެއްވަންދެން އަރާމު ނިދިގަނޑެއް އަޅާލާފައި ތެދުވުނުގޮތަށް މޯޅިއަކަށް ދެމިލުމުން އޭނަގެ ގައިގާ އަތް ޖެހުނެވެ. އާލިޔާ ހާސްވިއެވެ. ވީގޮތް އެނގުމުން އަދި މާޒިން މާފަށް އެދުނީއެވެ.

"ސޮރީ......ގަޑިން ކިހާއިރެއް.." މާޒިން އަތުގައިވާ އަގުބޮޑު ގަޑިއަށް ބަލައިލިއެވެ.

އާލިއާ އޭރުވެސް އިނީ މާޒިން މާފަށް އެދުނު ސަބަބެއް ނޭގިފައެވެ.

މާޒިން އޭނައާއި ދޭތެރޭ ދެކެނީ ހިލޭމީހެއްކަން އެ ނަޒަރުންނާއި އަމަލުން އިހުސާސްކުރެވުނު ފުރަތަމަ ފަހަރު ކަމުގައި ވުމުން އާލިޔާގެ ހިތަށް ކޮންމެވެސް ކަހަލަ އަސަރެއް ކޮށްފިއެވެ. ފިރިމީހާއާއި ދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލައިލާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މި ދަތުރުގެ ސިއްރު ކަމާއި އަރްސަން ބައިވެރިވުމާއި މާޒިންގެ ވާހަކަ ހުރިގޮތުން މަގުސަދަކީ ކޮބާ ބާވައޭ ހިތަށް އެރިއެވެ. މާޒިންއަށް ފޯނެއް އައިސްގެން އޭނަ މަހުދީއާއި ވާހަކަދެއްކިއިރު އެދެއްކީ ކޮން ވާހަކައެއްކަން އެނގެން އާލިޔާ ބޭނުންވިއެވެ.

"ސާބަހޭ މައިކް. ދެރަގޮތެއް ނަހަދާނެކަން އެނގެއެއްނު. ތީ މާ ކުރީގެ ވާހަކައެއްނު. އެކަންތައް ހަދާން ނައްތާލާ. ހުރިހާކަމެއް ހަަމަ ރަގަޅަށްދާނީ...."

"އާނ ރަގަޅަށް ބަލާނަމޭ."

"ނަތިން ވިލް ހެޕެން އައި ޕްރޮމިސް....."

މާޒިން ފޯނުބޭއްވިއެވެ. ދެންވެސް އޭނަ އިނީ ވަޓްސްއަޕްގަ ޗެޓްކުރުމުގައެވެ. އާލިއާއާއި ވާހަކަދައްކާކަށް ނޫޅުނެވެ.

***

މައިމޫންއާއި ސުކައިނާ ޖިބްރީލް އަދި ރާހިލް އާއިލީ ކުޑަ ޕިކްނިކެއް ހަދައިލަން ރިޒޯޓްގެ އަތިރިމަތީގައެވެ. ކުއިލްޓްމަތީގައި އަތުރާފައި ހުރި ތަށިތަކުގެ މަތި ނެގުމަށްފަހު ރޭގަނޑުގެ ކެއުމަށް އިންސާފުކުރިއެވެ. ފަތުރުވެރިންގެ ޝައުގުވެރިކަން ހުރިވަރު އެހުމުން ރާހިލް ބުނީ އަދި ފެށުން ކަމުގައިވާތީ އެހާ ބޮޑު ތަރުހީބެއް ނުލިބޭކަމުގައެވެ. ހުރިހާ އެނދުތަކެއް އަދި ނުފުރޭކަމަށެވެ. ދެންފެށުނީ ދީނީ ވާހަކައެކެވެ. ރާހިލް އެހާ ބަދަލުވީ ގޮތާއިމެދު ވާހަކަދެކެވުނެވެ. އެކަމުގައި އަޔާޒު ޝާމިލުވާކަން އެނގުމުން ސުކައިނާ ލޯ ބޮޑުކޮށްލިއެވެ. ރާހިލް ބުނިގޮތުން އަޔާޒުއާއި މިސްކިތުން ދިމާވެ ދެއްކުނު ވާހަކަތަކާއި އާލިއާގެ ޕޭޖުން "އިންސްޕަޔާ" ވީކަމުގައެވެ. އިސްލާމިކް ރިޒޯޓް ހެދުމަކީވެސް އަޔާޒުގެ ޚިޔާލެކެވެ.

"ދަރިފުޅު ސީރިޔާ ހަގުރާމަވެރިންނަށް އެހީވަނީ އޭ ކިޔަނީ ތެދު ވާހަކައެއްތަ؟ "ސުކައިނާ ކުއްލިއަކަށް އަޔާޒުއާއިމެދު ޝައްކުވިއެވެ.

"އެހީވަން. އެކަމަކު....."

"ގޯޑް....ރާހިލް އަހުމަދު މައިމޫން. ސޯފީ މަގޭގާތު ބުނި އެކްޒެކްޓް ވޯޑްސް އެނގޭތަ؟ މީހަކު ބުންޏޭ ރައީސްގެ ދަރިއަކީވެސް ނިރުބަވެރިއެކޭ.. އަހަރެންގެ ދަރިއެއް ނިރުބަވެރިއަކަށް ވެއްޖެއްޔާ އެހެންމީހަކު މަރާލަން ކެރޭނީ ފުރަތަމަ މަގޭ ގަޔަށް ބަޑި ޖަހާފައި.........." ސުކައިނާގެ ރުޅިވެރިކަން ފައުޅުކުރި ގޮތުން އެންމެނަށް ސިހުން ލިބުނެވެ.

"މީހުން ދައްކާ ވާހަކަ މަންމަ ގަބޫލުކުރަނީ؟ އޭގައި މުޅިން ދޮގެއްވެސް ނޫން އެހެރީ. އެހީ ދިނިން. އެކަމަކު ހަގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިޔާގެ ނިކަމެތި މުސްލިމުންނަށް. ހަގުރާމަވެރިންނަކަށް ނޫން. ޗެރިޓީއަށް ލިބޭ އެއްޗެއް އެމީހުންނަށް ހުއްދައެއް ނޫންތަ މަންމާ..މަންމަމެން ޚަރަދުކުރާ ޗެރިޓީ ފަންޑުތަކުންވެސް ސީރިޔާއަށް ދެވޭނެ. ހާދަ ހާލެއްގައޭ އެމީހުން އުޅެނީ. ނުކައި ބަނޑަށް ވަންނާނެ ހިޔާ ވަހިކަމެއްނެތި ގަދަ ފިނީގައި އެކުދިންތައް އުޅެނީ. މައިންބަފައިން މަރުވެ މަގުމަތިވެ ހިލަތައް މަތީ ނިދާ. އަޅުގަނޑުމެން ކިތަންމެ އަރާމުކޮށް އުޅުނަސް ހާލުގައި މީހުން އެބައުޅޭ......." ރާހިލްގެ އަޑުގައި ހަމްދަރުދީވިއެވެ.

"އެކުދިންނަށް އެހީވުމަކީ ގޯސްކަމެކޭ މަންމަވެސް ނުބުނަމެއްނު. މަންމަ ބިރުގަންނަނީ އެންމެ ކަމަކާ. ދަރިފުޅާ. މަންމަ އާދޭސްކުރަން. ކޮންމެއަކަސް ޓެރަރިޒަމްއާއި ކައިރިނުވާތި." ސުކައިނާ ހީލިއެވެ.

"ހަގީގީ ޖިހާދެއް ކުރަންޏާ ފަލަސްތީނަށް ދާންވީ. އެކަމަކު ހަމާސް މީހުންވެސް އެހެން މުސްލިމުން އެތާކަށް ގެންދާކަށް ބޭނުމެއްނުވާނެ......." ޖިބްރީލް ބުނެލިއެވެ.

"ވަތަނީ ދޯ.." ރާހިލް ހީލިއެވެ.

"ތި ހަގުރާމަތަކާ ހެދި ދުނިޔެ ވަރަށް ސަފާކޮށްފި. އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހިއްޖެ. މުސްލިމުންގެ ގޮތުގައި ތިބެ ސުލްހަވެ ރަގަޅުމީހުންނަށް ވަމާ.." ސުކައިނާގެ ޚިޔާލު ފާޅުކުރިއެވެ. "މަންމަވެސް މުފްތީ މެންކްގެ ދަރުސް ބަލަން ފަށައިފިން. އާލިޔާ ޅީދަރިއަކަށް ހުރީމަ ދެން ދީނީ ކަންތައްވެސް އެނގެންވާނެތާ..."

"އެއީ ހުޅަނގުގެ ޕަޕެޓެއް. އެމީހުންގެ ރުހުން ލިބޭ އެމީހުންގެ މީހެއް. އޭނަގެ ދަރުސްތަކަށްވުރެ މި ބުނާ އިލްމުވެރިން ރަގަޅުވާނެ......." ރާހިލްގެ ޖުމްލައިން ސުކައިނާގެ ހިތަށް އަނެއްކާ ބިރުވެރިކަން ވަނެވެ. ރާހިލް ހަމަ ރަގަޅަށްވެސް ހަރުކަށި ފިކުރުގެ ކުއްޖަކަށް ބަދަލުވަނީހެއްޔެވެ.

ދެމަފިރިން އެކަނިވުމުން ސުކައިނާއަށް ދެއްކުނީ އެވާހަކަތަކެވެ. ގައުމު ބައިބައިވަނީވެސް ސިޔާސީ އަދި ދީނީ ފިކުރުތައް ތަފާތުވުމުގެ ސަބަބުންނެވެ. މިހާރު ގަބޫލުކުރަން ބޭނުންނުވިޔަސް އާއިލާ ތެރޭގައި އޮންނަ ގުޅުންވެސް ހަމަ މިސަބަބާހުރެ ހީނަރުވަނީއެވެ. ދީނީގޮތުންވެސް ޚިޔާލު ތަފާތުވެ ބައިބައިވަނީއެވެ. ސުކައިނާ ވިސްނަމުން ދިޔައީ އޭނަގެ ހުރިހާ ކުދިންގެ ޚިޔާލު އެއްގޮތްވެ އެންމެން "އަރްސަން" ވުމަށެވެ. އަރްސަން އެއުޅެނީ މުއްސަންޖެއްގެ ދަރިއަކު އުޅެންވީގޮތަށް އުފަލާއި އިއްޒަތުގައެވެ. އެތައް ބަޔެއްގެ ލޯބި ލިބިގެންނެވެ.

***

ލަންޑަނުގައި އެމީހުން ތިބެން ހަމަޖެހިފައިވާ ގެ ފެނުމުން އާލިޔާ އުފާވިއެވެ. ފިލްމުތަކުން ފެންނަފަދަ ކޮޓެޖެކެވެ. ރަތްގަލުން ހަދާފައިވާ ހިތްގައިމު ތަނެކެވެ. ބޯ ވިނަތަކާއި ގަސްތަކެވެ. އެމަގުގައި ދެން ހުރި ގެތައްވެސް ހުރީ އެކަހަލަ ގޮތަކަށެވެ. މަގުތަކުގައި ފާރުތަކުގެ ބަދަލުގައި އިން ވަކިކުރަން ކުޑަ ފެންސްތަކާއި އެއްވަރަކަށް ކޮށާލާފައިވާ ވިނަތަކެވެ. ފެންޑާގައިވާ ގަސް މުށިތަކެވެ. ހުދުކުލައިގެ ފެންސް މައްޗަށް އަރުވާފައިވާ ފެހިކަންގަދަ ފިނިފެންމާ ވެޔޮގައި ބޮޑެތި ރަތް ފިނިފެންމާތަކެވެ. ކޮންމެވެސް ވަރަކަށް ވާރޭ ވެހިފައި އޮތުމުން ފަޒާގައި ފިނީގެ އަސަރު ހިފާލާފައިވީއިރު ގަސްތައް ތެމިފައި ވުމާއެކު އިރުގެ އަލި ބޮސްދޭއިރު ނިކަން ހިތްގައިމެވެ. ތަފާތު މާހައުލަކަށް ވުމުން އާލިޔާގެ ހިތަށް އުފާވެރިކަމެއް އިހުސާސްކުރެވުނެވެ. މާތްﷲގެ ކުޅަދުންވަންތަކަމާއެވެ.

ގޭގެ ދޮރު ހުޅުވާލަފައި ނުކުމެގެން އައި އަރްސަން ފެނުމުން އޭނަގެ ހުރިހާ އުފާތަކެއް ފައިދަށަށް އެޅުނުފަދައެވެ.

"ސުބުހާނަﷲ. ދެން ވާނީ ކިހިނެއްތަ. އަރްސަން ފަހަތަކުން ނުފިލިއެއްނު.."

މާޒިން ކާރު ގަރާޖަށް ލާފައި ފޮށިތައް ހިފައިގެން އައެވެ.

"ތިއްތިމެނަށް ކުރިން އާދެވުނީ ދޯ...."

"އަހަރެންގެ ޖެޓާއި ވާދަކޮށް އެއާބަސްތަކަށް ކުރިއެރޭނެތަ؟ ހައި އާލިޔާ. ދަތުރު ކިހިނެއްތަ؟ " އަރްސަން ހިިނިތުންވެލީ ގާތްގޮތަކަށެވެ.

"އަލްހަމްދުލިﷲ..." އާލިޔާ ބުނެލިއެވެ.

"މޫނު އަޅައިގެންތަ އަދިވެސް؟ " އަރްސަން އެހިއެވެ.

"އާއެކޭ ތިއްތި. ފްލައިޓްތެރޭގައިވެސް މިކުއްޖާ މިހެންނޭ އުޅުނީ..." މާޒިން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ބަގީޗާ ތެރޭ ހުރިކޮށީގައި އޮތް ބޮޑު ކުއްތާ އެއް ގޮވަން ފެށުމުން އާލިޔާގެ ހިތަށް ފިނިވިއެވެ. މިގޭގައި ކުއްތާއެއްވެސް ގެންގުޅެނީ ހެއްޔެވެ؟

"ބިރުނުގަންނާތި. ޗެންޗޭނު ޖަހާފައި..." އަރްސަން އާލިޔާއާއިމެދު މާ ވިސްނާ ކަހަލައެވެ.

"ތިއްތިއަށް އަންހެންކުދިން މޫނު އަޅާފައި ހުންނައިރުވެސް ސްކޭން ކޮށްފައި ފީލިންގްސް ދަނެގަނެވޭ. ކުޅަދާނަ އިނގޭ......." މާޒިންގެ ތައުރީފުގެ ކޮޅެއް ނެތެވެ.

އާލިޔާ އިތުރު އެއްޗެކޭ ނުބުނެ ހިމޭންކަން ޚިޔާރުކުރިއެވެ.

"ކިހިނެއް އަރްސަންއާއެކު މިގޭގައި އުޅޭނީ؟ މޮޔަވެދާނެ. ޔާﷲ ހެލްޕް މީ...." އާލިޔާ ހިތާހިތުން ދުޢާކުރިއެވެ.

ގެއަށް ވަންތަނުން އަދި މިންކާ ގުޅައިފިއެވެ. މިންކާއަށް ކެތްނުކުރެވިގެން މުޅިންވެސް ދެއްކީ އަރްސަންގެ ވާހަކައެވެ. އޭނަ ގެ ހުރިހާވެސް އުފަލަކީ އަރްސަންކަމުގައެވެ. އޭނަ ކުރާހާ ކަމެއްކުރަނީ އޭނައަށްޓަކާ ކަމުގައެވެ. އޭނަ ދުނިޔެއަށް އައީ އަދި ފުރާނަވެސް ގުރުބާން ކުރާނީ އޭނައަށްޓަކާ ކަމުގައެވެ. އެހާވެސް ލޯބިވާ ކަމަށެވެ. ހުރިހާ ވަގުތެއްގައި އަރްސަން މަތިން ހަދާންވާކަމުގައެވެ. އާލިޔާ އެހުރިހާ ވާހަކަތަކެއް އެހިއެވެ. މިންކާގެ ހާލަތާއިމެދު ދެރަވެސްވިއެވެ. އޭނަ ބުނަން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުއްޓެވެ. ލޯބިވެރިޔާއާއިހެދި ދެރަވެދާނެއެވެ. ކަރުނަ އޮއްސަފާނެއެވެ. ނަމަވެސް މިއީ ދެވި ހިފުމެވެ. އަޅުކަން ކުރާ ދަރަޖައަށް ލޯބިވުމެވެ. އެފަދަ ލޯތްބެއް ހައްގުވެގެންވަނީ ތިމާ ހެއްދެވި ފަރާތަށެވެ.

އާލިޔާ މިންކާއަށް ފޮނުވީ ދަރުހެކެވެ. އެބަލަން އޭނަ އެދުނެވެ. އޭރުން މި ދެވިހިފުމުން އެއްކިބާވެ ހެޔޮގޮތުގައި ލޯބިވެވެން ފަށާފާނެއެވެ. މިހެންވާ ލޯތްބަކީ އަދި ހަގީގީ ލޯތްބެއް ނޫނެވެ. ލޯބިވުމަކީ އަޅުކަން ކުރުމެއް ނޫނެވެ. އިންސާނުންދެކެ ލޯބިވާން ޖެހޭނީ ވަކި ހުދޫދެއްގެ ތެރެއިންނެވެ. އަޅުކަން ކުރާ ދަރަޖައަށް ލޯބިވެ އެފަދަ ލޯތްބެއްވެވޭނީ ހަމައެކަނި ޚާލިގުވަންތަ މާތް ރަސްކަލާގެ ދެކެއެވެ. މައިންބަފައިންނާ ފިރިން އަދި ދަރިންދެކެވެސް ލޯބިވާންވާނީ މާތްﷲއަށްޓަކައެވެ. ލޯތްބޭ ކިޔަކިޔާފައި ދުވަސްކޮޅަކުން ފޫހިވެ ދެރަކޮށްލާފައި އެދަނީ އެފަދަ ފުރިހަަމަ ލޯތްބަކަށް އެލޯބިނުވާތީއެވެ.

***

ކޮޓަރިއަށް ވަންގޮތަށް އާލިޔާއަށް ނިދުނީއެވެ. ހޭލެވުމުން މާޒިން ބުނީ ނާސްތާ ތައްޔާރަށް ހުންނާނެކަމުގައެވެ. ކައިގެން އޭނަ ބުނީ ބޭރަށް ދާން ތައްޔާރުވުމަށެވެ. ނަސީބަކުން އަރްސަން ގޭގައި އުޅޭކަމުގެ ހިލަމެއްނުވިއެވެ. ގޭގެ ދޮރުން ނުކުތުމާއެކު ކުއްތާ ހަޅޭއްލަވަން ފެށީ އޭނަ ދެކެ ނަފްރަތުކުރާ ކަހަލަ ގޮތަކަށް ބާރަށެވެ.

"ހީ ހޭޓްސް މީ..." އާލިޔާއަށް ބުނެވުނެވެ.

"ހީޒް ސްކެއާޑް. ހަހަ..ވެއިލް ނެގީމަ ފްރެންޑްވާނެ." މާޒިން ބުނެލިއެވެ.

"ރަގަޅަށް ކެއިންތަ؟ "

"ޖޫސްތަށްޓާއި މޭވާ ކެއީ...." އާލިޔާ ޖަވާބު ދިނެވެ.

"ވަޓް އެބައުޓް ބޭކްން؟ ޕޭންކޭކް....." މާޒިން ކާރުގެ ދޮރު ހުޅުވާލާފައި ދޮރުފަތުގައި އަތް އެޅުވިއެވެ. އާލިޔާ އޭރު ހުރީ ފެންސަށް އަރުވާފައި އޮތް ފިނިފެންމާތަކުގެ ފޮޓޯ ނަގާށެވެ. އެކިކުލަކުލައިގެ މާގަސްތަކުގެ ރީތިކަން އާލިޔާގެ ހިތަށް އުފާވެރިކަން ގެނެސްދިނެވެ. ކޮކާތަކާއި އެކި ވައްތަރުގެ ދޫނިތައް ގަސްތަކުގެ ތެރެއިން އުދުހިއުޅޭއިރު ހާދަ ހިތްގައިމެވެ.

"އެ ނުކަން. ހަލާލުކަން ޔަގީންނުވާތީ... ހަލާލް ސުޕަމާކެޓް މިތާ ހުންނާނެތަ؟ ޝޮޕިންއަށް ނުދެވޭނެތަ؟"

"ހަލާލު ނުޖަހާ އޮތް އެއްޗެއް ކެއީމަ ކޮބާ ތަފާތަކީ؟ " މާޒިން އެހިއެވެ.

"މުސްލިމުންނަށް ބައެއް އެއްޗެހި ހަރާމް ކުރައްވާފައިވޭ. އޫރުމަހާއި ރާފަދަ. އަދި އިންސާނުންނަށް ކަމެއް ދިމާވާ ހިނދު އެއްޗަކަށް އިންތިހާއަށް ބޭނުންވާހިނދު ދުޢާކުރެއެއްނު. އިޖާބަ ނުވެއްޖެއްޔާ ބުނާނެ އިޖާބަ ނުވިއޭ. އެކަމަކު އިޖާބަވުމުގެ ޝަރުތުގެ ތެރޭ ހަލާލު އެއްޗެހި ކެއުންވެސް ހިމެނޭ...." އާލިޔާ ބުނެދިނެވެ.

"އޯ......" މާޒިން ބޯ ހަލާކުވާވަރުވިއެވެ. އޮޅިގެންވެސް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.

އޭނަ މިޖެހުނީ ވަރުގަދަ "ޢެކްސްޓްރީމިސްޓް" ކުއްޖަކާއެވެ. އަރްސަންއަށްވެސް މިކުއްޖާ މައިތިރި ނުވާނެއެވެ. މަހުދީ ބުނިގޮތަށް ހެދުނުނަމައެވެ. މި ކައިވެނި ނުކުރެވުނު ނަމައެވެ. މިހާއަވަހަަށް މިކަމާ އޭނަ ހިތާމަކުރަންފެށީއެވެ. ނަމަވެސް މާޒިން އޭނަގެ ހިތުގައި އޮތް އެއްޗެއް ހާމަނުކޮށް ހީލިއެވެ.

"ވީއިރު ހަލާލު ފިހާރައަކަށް ދަމާ...."

"ތެންކިއު." އާލިޔާ ކާރަށް އަރަން އަންނަނިކޮށް ގާފޮޅެއްގައި އަޅައިގެންފާ ވެއްޓި ފަޔަށްވެސް ތަދުވިއެވެ. އެކަމަކު މާޒިން ބަލަން ހުރީއެވެ. އެހީވާކަށްވެސް ނޫޅުނެވެ.

"ފައި......" އާލިޔާއަށް ވީތަދުން ލޮލަށް ކަރުނަ އައެވެ.

"މިވީގޮތުން ޑޮކްޓަރަށް ދައްކަން ދާން މިޖެހުނީ...." މާޒިން ހުރީ އަދިވެސް ކާރުގައި އަތް އެޅުވިގޮތަށެވެ. އާލިޔާ ފައިތިލައިގާ ހިފަހައްޓައިގެން އިސްޖަހައިގެން އިންދެ ލޯ މަރައިލަމުން ވޭނަށް ކެތްކުރަން މަސައްކަތްކުރިއެވެ. ކޮންމެވެސް އެކަކު އޭނަގެ އަތުގައި ހިފާ ތެދުކޮށްލަދިނެވެ. އޭނަ ހީކުރީ މާޒިންކަމަށެވެ. ބަލައިލުމާއެކު ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. އަތް ދުރުކޮށްލެވުނެވެ.

"އަރްސަން........"

"އެހެން ކިޔަނީ. ކިހިނެއްވީ؟ ވަޓް ހެޕެންޑް. ފަޔަށް ކިހިނެއްވީ" އާލިޔާ ކޮރުޖަހަމުން ހިނގާތީ އަރްސަންއަށް އުދަގޫވިއެވެ.

އާލިޔާ ކާރަށް އެރުމުން އަރްސަން އައިސްޕެކެއްވެސް ގެނެސްދިނެވެ. ދޮރު ލައްޕާލަދިނެވެ. އޭނަ ކާރުގެ ކުރިއަށް އެރިއެވެ. އާލިޔާ ތުންފަތުގައި ބާރަށް ދަތްއަޅާލައިގެން އިނދެ ވިސްނަމުން ދިޔައީ އަރްސަންގެ ކިބައިން ސަލާމަތްވެ އޭނައާއި މާޒިންއަށް އެކަނި މިގޭގައި އުޅެވޭނެގޮތެއް އޮތްތޯ ބެލުމަށެވެ. ނޫނީ އަރްސަންއާއި މިގޭގައި އޮންނަ ކުއްތާ ދޫކޮށްފައި އެދެމީހުން އެހެން ތަނަކަށް ބަދަލުވުމަށެވެ. ހޮސްޕިޓަަލަށް ގޮސްފައި ވީލްޗެއާ ގެނެސްފައި އާލިޔާ އަރުވަން އެެހީވާން އުޅުނީވެސް އަރްސަންއެވެ. އާލިޔާ މިފަަހަރުވެސް އަރްސަންގެ އަތްދުރަށްލާފައި ގޮސް ގޮނޑީގައި އިށީނެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ލިގަމެންޓަކަށް އަނިޔާވީކަމުގައެވެ. ބެންޑޭޖް އޮޅާލައިގެން ދުވަސްކޮޅެއްވާންދެން ހުރުމުން ރަގަޅުވާނެކަމުގައެވެ. ކަށިގަނޑަކަށް ކަމެއް ވެފައި ނެތްކަމުގެ ޔަގީންކަން ދިނެވެ. ދުޅަވެފައި އޮތުމުން އައިސްޕެކް އެޅުމަށާއި ބޭސް ގަވާއިދުން ކާން ބުނެލިއެވެ.

ގެއަށް އައުމަށްފަހު އާލިޔާ ކޮޓަރިއަށް ވަންގޮތަށް އެނދުގައި އޮށޯތެވެ.

"މާޒިން...އަރްސަންއަކީ ތަ ސަޕްރައިޒްއަކީ؟ "

"ހަހަ ނޫނޭ....އަދިކެތްކޮށްލާ..." މާޒިން ހީލިއެވެ.

"މާޒިންގެ ބޭބެ ވިޔަސް އަރްސަން މިގޭގައި އުޅެންޏާ ކިހާ އުދަގޫވާނެ. އަބަދު ނިގާބު އަޅައިގެން އުޅެން ޖެހެނީ. އެހެން ތާކަށް ބަދަލެއްނުވާނެތަ؟ ވަރަށް އުދަގޫ. އެހާ ކްލޯޒްކޮށް އަދި އުޅޭތީ. އަނެއްކާ ބަގީޗާތެރޭ ބޮޑު ޑޯގް އެއް އޮތީމަ އެހާ ފޫހި. އެކަމާއި ހެދި ބަގީޗާތެރޭވެސް ނޫޅެވޭނެއްނު. އައި ލަވް ގާޑެނިން. ދޫނިތަކަށް ކާންދޭންވެސް. އަދި ކޮކާތައް އެހާ ލޯބި. ފޮޓޯނަގަންވެސް ބޭނުން.............."

"ކުޑަކުދިން ލައިކްވާ ކަހަލަ ކަންތައްތައް ތި ހުންނަނީ. އެނީވޭސް ތިކަމާ އެބަވިސްނަން. ބާޒާރުކުރެވޭވަރު ވަންދެން ޕާކިސްތާނު ނޫނީ އަރަބް ރެސްޓޯރެންޓަކުން ކާ އެއްޗެއްސަށް އޯޑަރުދޭނީ. ނޫނީ އެއިން ތަނަކަށްގޮސް ކާނީ...." މާޒިން ގޮތެއް ނިންމިއެވެ.

އެރޭވެސް މާޒިން ކޮޓަރިއަކަށް ނިދަން ނާދެއެވެ. އަރްސަންއާއި ދެމީހުން ސިޓިންރޫމްގައެވެ. ދޭތެރެއަކުން ކުއްތާއެއްގެ ހަޅޭކުގެ އަޑުން އާލިއާއަށް ބިރުވެރިކަން އިހުސާސްކުރެވުނެވެ. ހެނދުނު ހޭލެވިގެން ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު އަރްސަން ހުރީ ފޯނެއްގައެވެ. ކޮންމެވެސް މީހަކާ ދިމާލަށް "ބެވީ"އެވެ. ވާހަކަ ހުރީ އަމުރުވެރި ގޮތަކަށެވެ. ފަހުން އެގޭތެރޭ އުޅުނުއިރު މާޒިންއާއި އަރްސަން ދެއްކި ވާހަކަތައް އޭނައަށް ކޮންމެވެސް ވަރަކަށް އިވުނެވެ. މައިކްރޯޗިޕްގެ ވާހަކައަކާއި ވެކްސިނޭޝަނުގެ ވާހަކައެވެ. ވައިރަސްއެއްގެ ވާހަކައެވެ. އެހުރިހާ އެއްޗެއް ގުޅުވައިގަންނަން ނޭގުނަސް އާލިޔާ ޝައުގުވެރިވިއެވެ. އަރްސަންގެ ވިޔަފާރިއާއި ވެކްސިންތަކާއިވެސް ގުޅުމެއް ހުރީބާވައެވެ. އަރްސަންއަކީ ސިއްރުވެރި ނުރައްކާތެރިމީހެކެވެ. ސިޔާސީ ދީނީ އަދި ވިޔަފާރީގެ ކަންތައްތަކަށްވެސް މެއެވެ.

***

ހަފްތާއެއް ހާ ދުވަސްވީއިރު އާލިޔާގެ ފައި ރަގަޅުވެ ހިނގާ އުޅެވޭވަރުވެއްޖެއެވެ. އެދުވަސްކޮޅު ނަސީބަކުން އަރްސަންގެ ޚަބަރެއްނުވެއެވެ. މާޒިން ބުނިގޮތުން އޭނަ އުޅެނީ ކުންފުނީގެ ކަންތަކުގައެވެ. ހަތިޔާރު އަދި ބޭހާއި ވެކްސިންގެ ވިޔަފާރިއާއި ގުޅިފައި އޮތްފަދަ ގޮތަކަށް މާޒިން ވާހަކަދެއްކިއެވެ. އާލިޔާގެ ކުޑަ އެކްސިޑެންޓާއިހެދި ފުރުން ލަސްކުރި ވާހަކަ ބުނުމުން އާލިޔާގެ މޫނު މިލައިގެން ދިޔައެވެ. ޖިބްރީލްގެ ފެއާވެލް ޕާޓީއަށް ކޮންމެހެން ވެސް ދާނެކަމަށް މާޒިން ވައުދުވިއެވެ. މާޒިން އާލިޔާ ގޮވައިގެން ބާޒާރުކުރަން ގޮސް ކައްކަން ބޭނުންވާ އެއްޗެހި ގަތެވެ. ހެދުން ވިއްކާފިހާރައަކަށް ގެންގޮސް މާޒިންއަށް ރީތިވި ހެދުންތައް ގަނެދިނެވެ. އާލިޔާ ލައި އުޅޭވަރަށް ވުރެ ތަންކޮޅެއް ގަޔަށް ބާރު ހެދުންތަކެވެ. ޓައިޓްތަކެވެ. ކޮތަޅުތައް ހިފައިގެން ގެއަށް ލާފައި ދެން ގެންދިޔައީ ސަޕްރައިޒްއަށެވެ. އޭނަ ގެންދިޔައީ މީރާ ވަޅުލާފައި އޮތް ގަބުރުސްތާނަށެވެ. އަލިޔާ ފަހަރެއްގައިވެސް މިގޮތަށް މީރާއަށް ޒިޔާރަތްކުރަން ލިބިދާނެކަމަކަށް ހިޔެއްނުކުރެއެވެ. އެންމެ ކުރިން ހީކުރީވެސް ގަސްތައް ގިނަކަމުން ޕާކެއް ކަމަށެވެ. އެހެންދީންތަކުގެ މީހުން ހަދާގޮތަށް ހުރިހާ މަހާނައިގާ ހުދު މަރުމަރުހިލައެއް ޖަހާ ލިޔުންކޮޅެއް ލިޔެފައި ހުއްޓެވެ. އަދި މަހާނައަށް މާ އަޅާފައި ހުރިތަން ފެނި ދެރަވެސް ވިއެވެ.

"ޓޯކް ޓު ހާ.. މިއީ މީރާގެ މަހާނަ.. ފެމިލީ މީހުން އެކަނި މިތާ ވަޅުލާފައި......" މާޒިން އަނެއް ފަރާތަށް އެނބުރުމުގެ ކުރިން އެލޮލުން ވެއްޓުނު ކަރުނަތިކި އާލިޔާއަށް ފެނުނެވެ.

މާޒިން އަދިވެސް ލޯބިވަނީ މީރާދެކެއެވެ. އޭނަ ބަހައްޓާފައި ދުރަށް ދިޔުމުން އާލިޔާ މީރާއަށް ހެޔޮ ދުޢާކުރިއެވެ.

އާލިޔާއަށް ސަޕްރައިޒެއް ދޭން މިގޮތަށް ގެނައުމުން ކުރެވުނީ ތަފާތު ތަޖުރިބާއެކެވެ. މީރާއަކީ އޭނަގެ ދައްތައެވެ. ދުނިޔޭގައި ދުވަހަކު ބައްދަލުވުމުގެ ފުރުސަތެއް ނުލިބުނެވެ. އޭނަ އަވަސްއަވަަހަށް އެތަނުން ނުކުމެގެން އައިގޮތަށް މާޒިންގެ އަތުގައި ހިފާލެވުނެވެ.

"ދެރަވީ މަހާނަތަކަށް މާ އަޅާފައި ހުރީމަ. އެހާވަރަށް ހިލަޖަހާ އެގޮތަށް ހެދުންވެސް ހުއްދައެއް ނޫނެއްނު..........." އާލިޔާގެ ވާހަކަތަކުން މާޒިން ހިތްހަމަނުޖެހޭ ގޮތްވިއެވެ. ނަމަވެސް އޭނަ ހުރީ އަރައިރުންވާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އޭނަ އާލިއާއާއި މެދު އަމަލުކުރަން ބޭނުމީ ފަހަރިއެއް ފަދައިންނެވެ.

"އޯ...ތިއްތި އެބަ ގުޅާ ލަސްވެގެން.. ފްރޮސްޓީއާއި އެއްޗެހި ގެނެސްފައި އެބަހުއްޓޯ. ހިނގާ އަވަހަށް ދަމާ...." މާޒިން ޖިންސްގެ ޖީބަށް އަތްޖެހިއެވެ.

މާޒިންގެ އެ ދުރުކަން ފާހަގަކުރެވުނަސް އާލިޔާ މާޒިންއާއިމެދު ޝަކުވާ ކުރާކަށް ބޭނުމެއްނުވިއެވެ.

އޭނަ މާޒިންދެކެ ލޯބިވަނީ މާތްﷲއަށްޓަކައެވެ. ﷲ އަންގަވާފައިވަނީ ފިރިމީހާދެކެ ލޯބިވުމަށެވެ. ވީއިރު މާޒިންގެ ފަރާތުން ބަދަލުގައި އެކައްޗެއް ނުލިބުނަސް އޭނަ ގެ ވާޖިބު އަދާކުރާނެއެވެ. މާޒިންއަށް ހުރިހާ ޚިދުމަތެއް ކުރާނެއެވެ. އަޅާލާނެއެވެ. އާލިޔާ ހިނިތުންވެލާފައި މާޒިންގެ އަތުގައި އަތް އަޅުވައިލިއެވެ.

***

ގެއަށް ވަދެވުމާއެކު މާޒިންވެސް އަރްސަންއާއި ބައިވެރިވެގެން ވެންޑީސް ފްރޮސްޓީ ތަށިތައް ހިފައިގެން ސޯފާސެޓްގައި ކާން އިށީނެވެ. އާލިޔާ އެތަށީގެ ބޭރަށް ބަލަން ފެށުމުން އަރްސަން އެއް ބުމަ އަރުވައިލިއެވެ. ވަރަށް ދަހިކޮށް ސަމުސާ ލޮވެލިއެވެ.

"މީރު އެއްޗެކޭ ކައިބަލަ.."

"ވެންޑީސް ފްރޮސްޓީ ހަލާލު ނުވާނެ. އާލިއާއަކަށް ނުކެވޭނެ...." މާޒިން ހީލިއެވެ. "ތިއްތި އާލިއާއަށް ހަލާލް ގިފްޓްސް ގެނެސްދެއްޗޭ............"

"ކްރޭޒީ ގާލް..." އަރްސަން މާޒިންގެ ތަށިންވެސް އެތިކޮޅެއް ކާލުމުން މާޒިން ތަށި ދުރަށް ޖެއްސިއެވެ.

"އިނަފް އަރްސަން އަހުމަދު މައިމޫން. ފްރޮސްޓީ ޝެއާ ނުކުރެވޭނެ އެހެން ހުރިހާ އެއްޗެއް ދިނަސް.."

"ހުއްދަ ނުދިނަސް ބޭނުންވީމަ ގަދަކަމުން ނަގާނީއޭ..." އަރްސަން ހޭންފެށިއެވެ. އާލިޔާ އޭގެ ބޭރުގައިވާ ލިޔުންކޮޅު ބަލާފައި ތެދުވެގެންގޮސް މާޒިންއަތަށް ދޭން އުޅުނެވެ. އަރްސަން ޖަހައިގަތެވެ. އާލިޔާ އެއްޗެކޭ ބުނަން އުޅެފައިވެސް ހިމޭންވިއެވެ. އަރްސަންއާއި ވާހަކަދައްކަން ކޮންމެހެން އޭނަ ނުޖެހޭނެއެވެ. މާޒިންގެ ބޭބެކަންވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ.

އާލިޔާ ދޮރުމައްޗަށް ނުކުތީ ތާޒާ ވަޔާއި ބަގީޗާގެ ރީތިކަމުން ހިތް އުފާކޮށްލުމަށެވެ. އަރްސަން ގޮވާފައި ބުނި އެއްޗަކުން އާލިޔާގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.

ނުނިމޭ

comment ކޮމެންޓް