ސިފައިންނަށް އިތުބާރު ހޯދައިދިނުމުގެ ވައުދު ފުއްދިއްޖެ: މާރިޔާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ -- ފޮޓޯ/ ރައީސް އޮފީސް

ސިފައިންނަށް ދިވެހި ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދިއްޖެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިން ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތާ ގުޅޭ ގޮތުން ހެދި ވީޑިއޯއަކާ އެކު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރު މާާރިޔާ ފާހަގަ ކުރެއްވީ، ރައީސްކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވިކަމެވެ.

އޭނާ ވިދާޅުވީ، މިއަދު ރައްޔިތުން ހިއްސާ ކުރާ އިހުސާސްތަކަށް ބަލާލުމުން އެ ވައުދު ފުއްދިއްޖެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"މިއަދު އެމްއެންޑީއެފްއާ ގުޅޭ ގޮތުން ރައްޔިތުން ހިއްސާކުރާ އިހުސާސްތަކުން ރައީސްގެ މި ވައުދު ފުދިއްޖެ ކަމަށް ގަބޫލުކުރެވޭ،" މާރިޔާ ވިދާޅުވި އެވެ.

ކޮވިޑް-19އާ ދެކޮޅަށް މުޅި ރާއްޖޭގައި ހިނގަމުންދާ ބޮޑު އޮޕަރޭޝަނުގައި ސިފައިންގެ މައިގަނޑު ދައުރަކީ ލޮޖިސްޓިކްސް މަސައްކަތް ނަމަވެސް، ފްރަންޓްލައިންގެ އެހެނިހެން މަސައްކަތްތަައްވެސް ސިފައިން ކުރަމުންދެއެވެ.

https://sun.mv/137572

ކޮވިޑް-19އާ ގުޅިގެން އޮޕަރޭޓު ކުރާ ހުރިހާ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި ސިފައިން ހަރަކާތްތެރިވެއެވެ. ކެއްކުމާ ހަމައިން ފެށިގެން ފެސިލިޓީތައް މެނޭޖުކޮށް ހިންގުމުގައިވެސް ސިފައިން މަސައްކަތް ކުރެއެވެ. ކޮންމެ ފެސިލިޓީއެއްގައި ސިފައިންނާ އެކު ފުލުހުންނާއި ޑޮކްޓަރުން ތިބޭ އިރު، ފެސިލީތަކުގައި އިސްކޮށް ހަރަކާތްތެރިވަނީވެސް ސިފައިންނެވެ.

ހުޅުމާލޭގައި އިމާރާތް ކުރި 290 އެނދުގެ ކޮވިޑް ވިލެޖުގެ މަސައްކަތުގައިވެސް އިސްކޮށް އުޅުނީ ސިފައިންނެވެ. ސިފައިންގެ ދަށުން އެހެން މުވައްސަސާތަކުގެ މުވައްޒަފުންވެސް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރޭގައި ބައެއް ސިފައިންނަށް ކޮވިޑް-19 ޖެހުނެވެ.

ކޮވިޑް-19އާ ދެކޮޅަށް ހިންގާ އޮޕަރޭޝަނުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އާންމުން ސޯޝަލް މީޑިއާގައި ތައުރީފު ކުރެއެވެ.

comment ކޮމެންޓް