ގޭބިސީއަކަށް ތިން ޝޮޕިން ޕާމިޓް ދޫކުރަން ފަށައިފި، ކޮންމެ ހިސާބަކަށްވެސް ދެވޭ

މެއި 27، 2020: ބިދޭސީއަކު ވިޔަފާރިކުރުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ސަރަހައްދުގެ އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއި ދީ، މާލޭގެ ކޮންމެ ހިސާބަކަށްވެސް ދެވޭ ގޮތަށް ކޮންމެ ގޭބިސީއަކަށް ވިޔަފާރިކުރަން ތިން ޝޮޕިން ޕާމިޓް ދޫކުރަން ފަށައިފިއެވެ.

މާޗް 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވުމުން މުޅި މާލެ ލޮކްޑައުންއަށް ގެންދިޔަ ގޮތަށް އަދިވެސް މާލެ ލޮކްޑައުންއިން ނަގާފައި ނުވެއެވެ. ނަމަވެސް، ބުދަ ދުވަހުގެ ރޭ ސަރުކާރުން ވަނީ ލޮކްޑައުންއަށް ލުއިތަކެއް ދޭން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

މީގެ ކުރިން ގޭބީސީއަކަށް ދޫކުރަމުން ދިޔައީ އެއް ޝޮޕިން ޕާމިޓެވެ. ނަމަވެސް، ލޮކްޑައުންއަށް ގެނައި ލުއިތަކުގެ ތެރޭގައި ގޭބީސީއަކަށް ތިން ޝޮޕިން ޕާމިޓް ދޫކުރުން ހިމެނޭ ކަމަށް ސަރުކާރުން ބުންޏެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެކަން މިއަދުން ފެށިގެން ތަންފީޒު ކުރަން ފަށާފައިވާ ކަމަށެވެ. ގެއަކަށް ތިން ޝޮޕިން ޕާމިޓު ދޫކުރަން ނިންމާފައިވާއިރު، އެ ޕާމިޓް ބޭނުންކޮށްގެން ދެ ގަޑިއިރު ބޭރުގައި އުޅެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

އަދި ދެން ޕާމިޓު ނެރޭނީ މާލޭގެ ހުރިހާ ސަރަހައްދަކަށްވެސް ގޮސް ވިޔަފާރި ކުރެވޭހެން ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިން ޝޮޕިން ޕާމިޓު ދޫކުރީ ވަކި ސަރަހައްދެއްގެ ތެރޭގައި އުޅެވޭ ގޮތަށް އެކަންޏެވެ.

ފުލުހުން ބުނީ އާ އުސޫލުގެ ދަށުން ޕާމިޓަށް ރިކުއެސްޓްކުރާ އިރު ގޭބިސީގެ ކަރަންޓު މީޓަރު ނަމްބަރު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މާލޭގެ ލޮކްޑައުންއަށް ލުއި ދޭން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އޭގެ ފުރަަތަމަ ފިޔަވަހި ފެށުނީ އިއްޔެއިން ފެށިގެންނެވެ. ދެ ހަފްތާއަށް ދެމިގެންދާނެ މި ފިޔަވަހި ނިމުމުން ހާލަތައް ރިއާޔަތްކޮށް އިތުރު ލުއިތަކެއް ދޭން ފެންނަ ނަމަ އިތުރު ލުއިތަކެއް ދޭނެއެވެ.

comment ކޮމެންޓް