އުތުރު ކޮރެއާގައި ހުންނަ ޔޫކޭ އެމްބަސީ ބަންދުކޮށްފި

އުތުރު ކޮރެއާއިން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް ރިޕޯޓުކޮށްފައި ނުވޭ -- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 29): އުތުރު ކޮރެއާގައި ހުންނަ އިނގިރޭސިވިލާތުގެ އެމްބަސީ ވަގުތީ ގޮތުން ބަންދުކޮށްފި ކަމަށް އިނގިރޭސި ފޮރިން އެންޑް ކޮމަންވެލްތު އޮފިސް (އެފްސީއޯ)އިން ބުނެފި އެވެ.

އެފްސީއޯއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމްބަސީ ބަންދު ކުރަން ޖެހުނީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އުތުރު ކޮރެއާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިނގިރޭސި މުވައްޒަފުންނަށް އެގައުމަށް ވަދެ ނުކުމެ އުޅުމަށް ހުރަސް އެޅިފައިވާތީ އެވެ.

"އިނގިރޭސިވިލާތުން ވަނީ ޕިޔޮންގްޔަންގުގައި ހުންނަ އިނގިރޭސި އެމްބަސީ ވަގުތީ ގޮތުން ބަންދުކޮށްފަ އަދި އެމްބަސީ މުވައްޒަފުން ވަނީ އެގައުމުން ފުރާފަ. އެފަދައިން ނިންމީ އުތުރު ކޮރެއާއަށް ވަދެނުކުމެ އުޅުމާ ބެހޭ ގަވާއިދުތައް ހަރުކަށިކޮށް އެގައުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމްބަސީގެ މުވައްޒަފުން ބަދަލުކޮށް، އެމްބަސީ ހިންގުމުގެ ކަންތައްތައް ކުރިއަށް ނުގެންދެވޭތީ،" އެފްސީއޯގެ ބަޔާނުގައި ވެއެވެ.

އެފްސީއޯއިން ވަނީ ދެ ގައުމުގެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުންތައް އަދިވެސް ދަމަހައްޓާނެ ކަމަށާއި ވީހާވެސް އަވަހަކަށް އެމްބަސީ ހިންގުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށް ބުނެފަ އެވެ.

އުތުރު ކޮރެއާއިން ކޮރޯނާވައިރަސް ފެނިފައިވާ ކަމަށް އެގައުމުން އަދި ރިޕޯޓުކޮށްފައި ނުވެ އެވެ. ނަމަވެސް އެގައުމުން ފިލައިގެން ދެކުނު ކޮރެއާގައި ދިރިއުޅޭ މީހުން ހިންގާ ޑެއިލީ އެންކޭ ނޫހުން ވަނީ އުތުރު ކޮރެއާއިން ކޮވިޑް-19 ޖެހުނު 100އަށް ވުރެ ގިނަ ސިފައިން މިއަހަރުގެ ފުރަތަމަ ދެ މަސް ތެރޭ މަރުވެފައިވާ ކަމަށާއި އެތައް ހާސް މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.

comment ކޮމެންޓް