ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ކުއްޖަކާއި 89 އަހަރުގެ މީހެއް

މާލޭގެ މަގެއްމަތީގައި އެމްބިއުލައިންސް ތަކެއް: ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ކުއްޖަކާއި 89 އަހަރުގެ މީހެއް ހިމެނޭ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ތުއްތު ކުއްޖަކާއި 89 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ހިމެނޭ ކަމަށް ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ރާއްޖެ އިން މިހާތަނަށް 1513 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 242 މީހަކު ވަނީ އެ ބަލިން ފަސޭހަވެފަ އެވެ. އަދި ކޮވިޑް ޖެހިފައިވާ ފަސް މީހަކު ވަނީ މަރު ވެސް ވެފަ އެވެ.

ކޮވިޑް-19ގެ ތަފާސް ހިސާބު އާންމު ކުރުމަށް ހެލްތް މިނިސްޓްރީން ގާއިމްކޮށްފައިވާ ޑޭޝް ބޯޑް އިން ދައްކާ ގޮތުން މިއަދު ވަނީ 89 އަހަރުގެ އަންހެނަކު އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އަދި އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖަކު ހިމެނެ އެވެ. އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ވަނީ ބުނެފަ އެވެ.

ކޮވިޑް ބަލީގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުނަށާއި ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުނަށެވެ. އެގޮތުން އެ ބަލީގައި މަރުވި ފަސް މީހުންގެ ތެރޭގައި ހިމެނޭ ދެ ދިވެހިންނަކީ ވެސް އުމުރުން ދުވަސް ވެފައިވާ ދެމަފިރިންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގަލަދޭޝްގެ ރައްޔިތުންނެވެ. އެއީ 785 މީހުންނެވެ. ދިވެހީންގެ އަދަދަކީ 529 އެވެ. ތިން ވަނައަށް އެންމެ ގިނައީ އިންޑިއާ މީހުނެވެ. އެއީ 149 އެކެވެ. 23 ނޭޕާލް މީހުން ޕޮޒިޓިވްވެފައިވާއިރު އިޓަލީގެ 11 ފަތުރުވެރިން ހިމެނެ އެވެ. ދެން އެ ބަލި ޖެހިފައިވަނީ ސްރީލަންކާގެ ނުވަ ރައްޔިތަކާއި ޕާކިސްތާންގެ ތިން މީހަކަށެވެ. އަދި އިތުރު ހަތަރު ގައުމަކުން ވެސް ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް