ފުރަބަންދު ޖޫރިމަނާ މާފްކުރުމަކީ ރަނގަޅު ގޮތެއް ނޫން: އޭސީޕީ ފައިރޫޝް

މީގެ ކުރިން މާލޭގައި އިއުލާން ކުރި ކާފިއުގެ ވަގުތުގައި މަގުތަކަށް ނުކުމެ އުޅުނު މީހުން ޖޫރިމަނާ ކުރަނީ: ޖޫރިމަނާ މާފްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދަށް އިިއުލާންކޮށްފައިވާ ފުރަބަންދާ ހިލާފުވެގެން ޖޫރިމަނާކޮށްފައިވާ މީހުން މާފުދިނުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

މިދިޔަމަހު 14 ވަނަ ދުވަހު މާލެ ސަރަހައްދަށް އިއުލާން ކުރި ފުރަބަންދުގެ އަމުރާ ހިލާފުވެގެން ފުލުހުން ވަނީ މިހާތަަނަށް 5،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައެވެ.

ރޭ އިސްކަންދަރުކޮށީގައި އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިރޫޝް ވިދާޅުވީ، ފުރަބަންދުގައި ޖޫރިމަނާ ކުރަން ފެށީ އެކަށީގެންވާ ފުރުސަތުދީގެން ކަމަށާއި އެ ޖޫރިމަނާ މާފުކުރުމަށް ދެންނެވުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

"ޖޫރިމަނާ ކުރަން ފެށީ، ދެފަހަރު ނަސޭހަތް ދީފައި، އެއަށްފަހު އިންޒާރެއް ދިނުމަށްފަހު، އޭގެ ފަަހުން ފުރަތަމަ ޖޫރިމަނާ ކުރަން ފެށީ. އެހެންވީމަ ފުދޭވަރެއްގެ ފުރުސަތުތަކެއް ދެވިގެން ޖޫރިމަނާތައް ކުރެވެން ފެށީ. ޖޫރިމަނާތަކާ ހިލާފުވެގެން މީހުން ހައްޔަރުވެސް ކުރެވިފައި އެބަހުރި. އެހެންވީމަ އެއީ ފުލުހުންގެ މުއައްސަސާއިން ނިންމަން އެންމެ ރަނަގަޅު ނިންމުމެއް ކަމަށް އަޅުގަނޑު މި ދެކެނީ ޖޫރިމަނާ މާފުކުރުމަށްވެސް އެހެން ގޮތަކަށް ދެންނެވުންވެސް،" ޖޫރިމަނާ މާފު ކުރުމަށް މީރާގައި ދަންނަވާނަންތޯ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައިރޫޝް ވިދާޅުވިއެވެ.

ފައިރޫޝް ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން ނިންމުމެއް ނިންމަވާނީ ސަރުކާރުގެ އެކަމާ ގުޅޭ އިދާރާތަކުން ކަމަށާއި އެ އިދާރާތަކުން ނިންމާނީ އެންމެ ރަނގަޅަށް ކަމަށެވެ.

"ފުލުހުންނަކީ ތަންފީޒީ އިދާރާއެއް. ފުލުހުންނަކީ ސިޔާސަތު ކަނޑައަޅާ ބައެއް ނޫން. އެ ފަރަގު އަޅުގަނޑުމެން ގަބޫލު ކުރަން، އެ ފަރަގު ތެރޭ އަޅުގަނޑުމެންގެ ސިޔާސަތު ބައްޓަން ކުރަންވެސް އަޅުގަނޑުމެން ބޭނުންވޭ،" ފައިރޫޝް ވިދާޅުވިއެވެ.

މިހާތަނަށް ފުރަބަންދުގެ އަމުރާ ހިލާފުވެހެން 5،774 މީހުން ވަނީ ޖޫރިމަނާކޮށްފައެވެ. ކޮންމެ މީހަކުވެސް ޖޫރިމަނާ ކުރަނީ 1،000 ރުފިޔާއަށެވެ. އެއީ ޖުމްލަ 5.77 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް