ސާޅީސް އަހަރު

--- ފޮޓޯ/ މަޖިލިސް

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަ ސައްލަމަޔަށް ނަބީކަން ދެއްވެވުނީ އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ވުމުންނެވެ. މިއީ އިލާހީ އަމަލުފުޅެކެވެ. ނަމޫނާއެއްގެ ގޮތުގައި ބަލާކަށް މިޔަށްވުރެ މޮޅު ގޮތެއް ނޯންނާނެއެވެ.

އިންސާނެއްގެ ބުއްދި އެކަށޭނަ މިންވަރަކަށް ތަރައްގީ ވަނީ ވަކި މިވަނި އުމުރެއްގައޭ ބުނުމަކީ ކުރެވޭނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެއް ސަބަބަކީ ބުއްދިޔަކީ، މީހާޔަށް ލިބޭ އިލްމާއި، ކުރެވޭ ތަޖުރިބާތަކުގެ އަލީގައި، އަބަދު ވެސް ތަރައްގީ ވަމުން ދާ އެއްޗަކަށް ވުމެވެ. ދެވަނަ ސަބަބަކީ، އެކި މީސްމީހުންގެ ބުއްދި އެކަށޭނަ މިންވަރަކަށް ފުރައިފުރިހަމަ ވާނީ އެކިއެކި އުމުރުތަކުގައި ކަމަށް ވުމެވެ. ކަން މިހެން އޮތުމާ އެކުގައިމެ، ބުއްދިޔާ ބެހޭ ދިރާސާތައް ކުރާ ދިރާސާވެރީން އެއް ކަމަކަށް އެއްބަސް ވާ ކަމަށް ފެނެއެވެ. އެ ކަމަކީ، އާއްމު ގޮތެއްގައި އިންސާނެއްގެ ބުއްދި ފުރައިފުރިހަމަ ވަނީ، އޭނާގެ އުމުރުން ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ވާ ހިސާބުގައި ކަމެވެ.

ފެށުނީއްސުރެ އިންސާނުންގެ ތެރޭގައި އޮތް އާދީ ހިކުމަތުގެ މައުގިފަކީ ވެސް މިއެވެ. ދުނިޔޭގެ ހުރިހައި ހިސާބުތަކެއްގައި ވެސް، އިޖުތިމާއީ ބޮޑެތި ޒިންމާތައް ނެގުމަށް ފުދޭ ވަރަށް މީހާ ތަސައްރަފު ފުދެނީ އުމުރުން ސާޅީހަކަށް އަހަރު ވުމުން، ނުވަތަ ބޮލުގައި ނުރަ ޖެހުމުން ކަމަށް ބަލައެވެ. ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އައްސިޔަރަތުއް ނަބަވިއްޔާ ވިދާޅުވާ ނުވަތަ އައްސަވާ ބެއިފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، ޖާހިލިއްޔަ ޒަމާނުގައި މައްކާގެ އަހުލުވެރީން، އެމީހުންގެ ބޮޑެތިބޮޑެތި ކަންކަން ނިންމުމަށް ޓަކައި ބާއްވާ މަޝްވަރާ މަޖިލިހުގައި ބައިވެރި ވުމުގެ ހުއްދަ ދެނީ އުމުރުން ސާޅީސް އަހަރު ފުރިފައި ވާ މީހުންނަށެވެ. ޞަލާޙުއްދީނުގެ އިބާރާތުން ދަންނަވާ ނަމަ، މައްކާގެ ޤުރައިޝުން އެމީހުންގެ މަޝްވަރާ މަޖިލިސް ބާއްވާ ދާރުއްނަދުވާޔަށް އުމުރުން ސާޅީސް އަހަރު ނުވާ މީހަކު ނުވައްދައެވެ.

އިޝާރާތް މި ކުރެވެނީ ގައުމުގެ ގިޔާދަތުގެ ޒިންމާދާރު އަދި އިސް މަގާމުތަކަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމެވެ. ނާއިބު ރައީސާއި ވަޒީރުކަމުގެ މަގާމެވެ. މަތީ ކޯޓުތަކުގެ ފަނޑިޔާރުކަމުގެ މަގާމެވެ. ރައްޔިތުން ތަމްސީލު ކުރުމަށް ޓަކައި ރައްޔިތުންގެ މަޖިލިހަށް އިންތިޚާބު ކުރެވޭ މެންބަރުންގެ މަގާމެވެ. އަތޮޅުތަކާއި ރަށްރަށް ހިންގާ ކައުންސިލުތަކުގެ މެންބަރުންގެ މަގާމެވެ. މި މަގާމުތަކަކީ މީހާގެ އަޑު ގަދަ ވެގެން، އަދާ ކުރެވޭ މަގާމުތަކެއް ނޫނެވެ. މި މަގާމުތައް އަދާ ކުރުމަށް ޓަކައި މީހާގެ ކިބައިގައި ވަރަށް ވަރުގަދަ ޖައުހަރެއް ހުންނާން ޖެހެއެވެ. އިލްމުތަކެއް ލިބިފައި ހުރި މީހަކު ކަމުގައި ވާން ޖެހެއެވެ. އެ އިލްމުގެ ބޭނުން ހިކުމަތްތެރިކަމާ އެކުގައި ހިފޭ ވަރަށް، ބުއްދިޔާއި ހިކުމަތް ހުރި މީހަކު ކަމުގައި ވާން ޖެހެއެވެ. ދުނިޔެ ދަސް ވާހައި ދުވަހު ދުނިޔޭގައި އުޅެ، ތަޖުރިބާގެ ތެރެއިން މީހާގެ ވިސްނުން ތަސައްރަފު ފުދިފައި ވާ މީހަކު ކަމުގައި ވާން ޖެހެއެވެ. މި ކަންކަން ފުރިހަމަ ނުވާ މީހެއްގެ އަތްމައްޗަށް، މި ދެންނެވި މަގާމުތަކުގެ ތެރެއިން މަގާމެއް ދޫ ކޮށްލައިފި ނަމަ، ގިނަ ފަހަރު ނަތީޖާ ގޯހެވެ. ވަރަށް މަދު އިސްތިސްނާ ހާލަތެއްގައި މެނުވީ، މި މަގާމުތަކަކީ ތަޖުރިބާ މަދު ޒުވާނުންނަށް އަދާ ކުރެވޭ ކަހަލަ މަގާމުތަކެއް ނޫނެވެ.

ޒުވާނުންނަކީ ކަންކަމުގައި އަވަސް އަރައިގަންނަ ބައެކެވެ. ބުއްދިޔާއި ހިކުމަތަށް ވުރެ ބޮޑަށް، ޖޯޝާއި ފޯރީގައި ކަންކަން ކުރުމުގެ މިޒާޖު ވަރުގަދަ ބައެކެވެ. އަގުލީ އަސާސުގައި ނިންމުންތައް ނިންމުމަށް ވުރެ ބޮޑަށް، ޖަޒުބާތުތަކާއި ޝުއޫރުތަކުގެ މަތީގައި އަމަލު ބިނާ ކުރުމުގެ ގޮތް ގެންގުޅޭ ބައެކެވެ. ކަންކަމުގައި ކެތްތެރިކަން އިސް ކޮށް، އެންމެން ބައިވެރި ކޮށްގެން މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި، ރުޅި އިސް ކޮށް، ކުރިމަތިލުމުގެ ގޮތް ކުރިޔަށް ނެރޭ ބައެކެވެ. މިއީ އިންސާނީ ތަބީއަތެވެ. ޖޯޝާއި ފޯރިޔާއި، މީހާގެ ތައައްސުބުތަކާއި، ހިތުގެ ޖަޒުބާތުތައް ކޮންޓްރޯލު ކޮށް، އެ ކަންކަމަށް ފުރަގަސް ދީ، ބުއްދިޔާއި ހިކުމަތާއި އިލްމުގެ އަލީގައި ކަންކަން ނިންމުމަށާއި ފިޔަވަޅުތައް އެޅުމަށް މީހާގެ ނަފުސު ހާނުވައި ތަރުބިއްޔަތު ކުރުމަކީ ބުރަ ކަމެކެވެ. ދިގު މުއްދަތަކުން ކުރެވޭ ކަމެކެވެ. ގިނަ މީހުންނަށް މިކަން ކުރެވެނީ ޒުވާން އުމުރުގެ "ގޯސްތައް" ހަދައި، އެ ގޯސްތަކުން ފިލާވަޅު ލިބިގަނެ، އަނބިން ފިރިން ދަރިންގެ ކިބައިން ވެސް ފިލާވަޅުތަކެއް ލިބިގަތުމަށް ފަހުގައެވެ. އެހެން ގޮތަކަށް ދަންނަވަންޏާ، އުމުރުން ސާޅީހަކަށް އަހަރު ވާ ހިސާބުގައެވެ.

ގައުމުގެ އެންމެ މަތީ މަގާމުތައް ޒުވާނުންނާ ހަވާލު ކުރުމުގެ ސަބަބުން ގިނަ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮވެއެވެ. އިސް ވެ ދެންނެވި ފަދައިން، ބުއްދި ރަނގަޅަށް ފުރައިފުރިހަމަ ނުވާ ބައެއްގެ އަތްމައްޗަށް ގައުމު ދޫކޮށްލުމުގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. މީގެ އިތުރުން، ވަރަށް މުހިއްމު ދެ ނުކުތާއެއް ވެސް އެބައޮތެވެ. ފުރަތަމަ ކަމަކަށް، ޒުވާނުންގެ ކިބައިގައި އާއްމު ގޮތެއްގައި ހުންނާނީ ތިމާގެ އަމިއްލަ މުސްތަގުބަލް ބިނާ ކުރުމުގެ އެދުންތަކާއި ހުވަފެންތަކެވެ. ޒުވާނުންގެ ވިސްނުން ވަރަށް "މަވެތި" ވާނެއެވެ. އަމިއްލަ "އެމްބިޝަންތަކުގެ" ވިސްނުމާއި ފިކުރު ވަރަށް ވަރުގަދަ ވާނެއެވެ. އެހެންކަމުން، ޒުވާނުންގެ އަތްމައްޗަށް ގައުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތުތައް ދޫ ކޮށްލުމަކީ އެއް ގޮތަކުން ވިސްނާ އިރު މަސްލަހަތު ފުށުއަރާ ހާލަތެއް އުފެދޭނެ ކަމެކެވެ. ވަރަށް ގިނަ ޒުވާނުން، އަޅުގަނޑުމެންގެ ތެރޭގައި ވަޒީރުކަމާއި މަޖިލިސް މެންބަރުކަން ލިބުމުން، އަމިއްލަ ވިޔަފާރިތައް އުފައްދައި، ރިސޯޓުތަކުން ހިއްސާ ގަނެ، ހުޅުމާލެއިން ނުވަތަ ރާއްޖެއިން ބޭރުން ގެދޮރު ގަނެ ހަދާތަން ފެނޭ ނޫންތޯއެވެ؟ އެއީ މި ދަންނަވާ ނުކުތާގެ ތެދުކަމުގެ ހެއްކެވެ. ދެވަނަ ކަމަކަށް، އިންސާނީ ދިރިއުޅުމުގެ އާއްމު ހަމަތަކާއި ގޮތްމަގަށް ބަލާ އިރު، މީހަކަށް ދަރީން ލިބެނީ އުމުރުން ގާތްގަނޑަކަށް 25 ވަރަކަށް އަހަރުގައި ކަމަށް ބެލެވިދާނެއެވެ. އެ ދަރީން އެކަށޭނަ ވަރަކަށް ބޮޑެތި ވެ، މަންމަ ނުވަތަ ބައްޕަޔަށް މުޅީން ބަރޯސާ ވުން ހުއްޓި، ކޮންމެވެސް ވަރަކަށް ތަސައްރަފު ފުދޭނީ، އަދި މައިންބަފައިން ދަރީންގެ ކަންކަމަށް ސައުވީސް ގަޑި އިރު ސަމާލުކަން ދޭން ޖެހޭ ދިނުމަށް ދުލެއް އަންނާނީ، މައިންބަފައިންގެ އުމުރުން ސާޅީހަކަށް އަހަރު ވާ ފަހުންނެވެ. އިސްތިސްނާ ހާލަތުތައް ހުންނާނެއެވެ. ނަމަވެސް އާއްމު ހަމަޔަކީ މިއީ ނޫންތޯއެވެ؟ މި ނުކުތާ ސިކުނޑީގައި ބަހައްޓައިގެން ވިސްނައިލުމުން، ސާފު ވާނެ ކަމަކީ ޒުވާނުންނަށް ގައުމުގެ ބޮޑެތި މަގާމުތައް ދިނަސް، އެމީހުންނަށް އަމިއްލަ ދަރީންގެ ކަންކަމާ މެދު ވިސްނާން ޖެހޭ ވިސްނުންތައް ވިސްނައިފައި، ގައުމާ މެދު ފޯކަސް ކުރުމަށް ލިބޭ ވަގުތު ވަރަށް މަދު ވާނެކަމެވެ.

ގައުމީ ބޮޑެތި މަސްއޫލިއްޔަތުތައް އުފުލުމަށް މީހާ ތައްޔާރު ވާނީ، އަމިއްލަ ދިރިއުޅުން ސަމާލު ވެ، ގެދޮރާއި އާއިލާ ބިނާ ވެ، އިލްމާއި ތަޖުރިބާގެ ތެރެއިން، އެ މަސްއޫލިއްޔަތުތަކަށް މީހާ ތައްޔާރު ވުމުންނެވެ. އެފަދަ ތައްޔާރީއެއް ވެވޭނީ އުމުރުން ސާޅީހަކަށް އަހަރުގައި ކަމަށް ގަބޫލު ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް، އިސްލާމް ދީނަށް ގޮވައިލެއްވުމުގެ ބޮޑު ޒިންމާ ހަވާލު ކުރެއްވެވުން، އެކަލޭގެފާނުގެ އުމުރުފުޅުން ސާޅީސް އަހަރު ވާންދެން ލަސް ކުރެވުނު ސަބަބަކީ ވެސް މިއީ ކަމުގައި ވެދާނެ ނޫންތޯއެވެ! މާތްރަސްކަލާނގެ ކޮންމެ ކަމެއް ވެސް ކުރައްވަނީ އެކަލާނގެ އަޅުތަކުންގެ ހާލަތު ފުރިހަމަޔަށް ދެނެވޮޑިގެންވާ ޙާލު، އެންމެ ފުރިހަމަ ގޮތުގައެވެ. އެ ކަމަކުން އިންސާނުންނަށް، މުސްލިމުންނަށް ފިލާވަޅުތަކެއް ދެއްވުމުގެ ގޮތުންނެވެ.

އެހެންކަމުން، އަޅުގަނޑުމެން ވެސް ގައުމުގެ ބޮޑެތި މަގާމުތަކަށް ހޮވާ މީހުންނަކީ އުމުރުން ސާޅީސް އަހަރު ފުރިފައި ވާ މީހުން ކަމުގައި ހެދުން ކިހިނެއް ވާނެތޯއެވެ؟ އިސް މަގާމުތަކޭ މި ދަންނަވަނީ، ކުރީން ވެސް ދެންނެވި ފަދައިން، ރައީސުލްޖުމްހޫރިއްޔާ އާއި، ނާއިބު ރައީސާއި، ވަޒީރުންނާއި، ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނާއި، ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ ވާހަކައެވެ. އިސްލާމީ އިސްތިލާހެއް ބޭނުން ކޮށްގެން ދަންނަވާ ނަމަ، މުޖުތަމައުގެ އަހްލުލް ޙައްޤު ވަލްޢަޤްދުގެ ގޮތުގައި ހިމެނޭ މީހުންގެ ވާހަކައެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނެސްގެން، މި މަގާމުތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން ސާޅީސް އަހަރު ފުރިފައި ވުން ހިމަނަމާތޯއެވެ! އަޅުގަނޑު ހިތުން، މިފަދަ ބަދަލެއް ގެނައުމުން، އޭގެ ސަބަބުން ހެޔޮ ނަތީޖާއެއް ނޫނީ ނުނުކުންނާނެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ޒުވާނުންނަކީ ގައުމެއްގެ މައިބަދައެވެ. މައްސަލަޔަކީ، ޒުވާނުންނަކީ ގައުމުގެ ސިކުނޑި ކަމަށް ބެލުމެވެ. ގައުމުގެ ސިކުނޑި ވާން ޖެހޭނީ، ގައުމުގައި ތިބި ހަރު، ދުވަސްވީ، މުސްކުޅީންނެވެ. ޒުވާނުން ވާން ވާނީ އެ ސިކުނޑި ދައްކާ ހެޔޮ މަގުތަކުން ގައުމު ކުރިޔަށް ގެންދިޔުމުގައި، އަމަލީ މަސައްކަތްތަކުގައި އިސް ވާ ބަޔަކަށެވެ. އެ ބައެއްގެ ހަރު އަދި ދުވަސް ވީ މުސްކުޅީންނާއި ތަޖުރިބާކާރުން އެއްފަރާތް ކޮށް، އެމީހުން ދުރަށް ލައި، ކުރީ ސަފަށް ޅަކުދީން އަރައިގެންފި މުޖުތަމައެއް ކާމިޔާބު ވާނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. މައިންބަފައިންގެ މައްޗަށް ދަރީން އިސް ނުވާނެ ފަދައިން، ގައުމުގެ ހަރު މުސްކުޅީންގެ މައްޗަށް ޒުވާނުން އިހެއް ނުކުރެވޭނެއެވެ. އިސް ކޮށްގެން ވެސް ނުވާނެއެވެ.

އަޅުގަނޑު މި ދަންނަވަނީ، ޒުވާނުންނަކީ އެއްވެސް އަގެއް ނެތް ބަޔެކޭއެއް ނޫނެވެ. އަދި ބައެއް ހާލަތުތަކުގައި ޒުވާނުންގެ ފަރާތުން އާދަޔާ ޚިލާފު ވިސްނުންތޫނުކަމާއި، ހިކުމަތްތެރިކަމާއި، ގާބިލުކަން ނުފެންނަ ވާހަކައެއް ވެސް ނޫނެވެ. އިސްލާމީ ތާރީޚުން ފެންނަ ރީތި މިސާލެއް ނަގަމާ ހިންގަވާށެވެ. އުމަވީ ޚިލާފަތުގެ ދުވަސްވަރު، އިސްލާމީ ލަޝްކަރަކާއިގެން ހިންދުސްތާނަށް ވަޑައިގެން، މިހާރުގެ ޕާކިސްތާނުގެ ބޮޑު ބައެއް ފަތަހަ ކުރައްވައި، މުސްލިމުންގެ ވެރިކަމުގެ ދަށަށް ގެންދެވި މަތިވެރި ބަޠަލް މުޙައްމަދު ބިން ޤާސިމަކީ އުމުރުފުޅުން ސޯޅަ އަހަރުގެ ބެއިފުޅެކެވެ. އެމަނިކުފާނުގެ ކިބަފުޅަކުން، ސޯޅަ އަހަރުގެ ކުއްޖެއްގެ އާއްމު "ކުޑަކުދީންވަންތަކަމެއް" ނުފެނެއެވެ. ތާރީޚު އެމަނިކުފާނުގެ ފަރާތްޕުޅުން ދުށީ ދުނިޔޭގެ އެންމެ ތަޖުރިބާކާރު ޖެނެރަލުންގެ ކިބައިން ވެސް ފެނުނު ފަދަ ހަރުކަމެވެ. ވިސްނުންތޫނުކަމެވެ. ތަސައްރަފު ފުދުމެވެ. ނަމަވެސް އެއީ އިސްތިސްނާއެވެ. އާއްމު ހާލަތެއް ނޫނެވެ. އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރާން ވާނީ އާއްމު ހާލަތަށް ބޮޑަށް އަމާޒު ކޮށްގެންނެވެ. އިސްތިސްނާ އަބަދު ހިނގާނޭ ކަމަށް ބަލައިގެންނެއް ނޫނެވެ.

comment ކޮމެންޓް