ދަރިފުޅު ބަނޑަށް މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ކުއްޖާ މަރުވި މައްސަލަ ބެލުމަށް ހުށަހަޅައިފި

މެމްބަރު ޝިޔާމް: އޭނާ ވަނީ މާބނޑު މިހާގެ ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ކުއްޖާ މަރުވި މައްސަލަ ބެލުމަށް ހުށަހަޅާފައި -- ފައިލް ފޮޓޯ/ މަޖިލިސް

މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި ދެ މައްސަލައާއި ހަތަރު މަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލަ މަޖިލީހުން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހުށަހަޅައިފި އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ހުށަހެޅުއްވީ، ށ. ނަރުދޫ މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލައާއި އއ. ތޮއްޑޫ މާބަނޑު މީހާގެ ބަނޑަށް ދަރިފުޅު މަރުވި މައްސަލަ އަދި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން ހަތަރު އަހަރުގެ ތުއްތު ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ މިއަދު ފޮނުވި ސިޓީގައި ބުނީ، މި މޭއި މަސްތެރޭ ހޮސްޕިޓަލުން ފަރުވާ ދިނުން ލަސް ވުމުގެ ސަބަބުން މިފަދަ ހިތާވެރި ހާދިސާތަކެއް ހިނގައިވާ ކަމަށެވެ.

އެހެންކަމުން އޭނާ އެދިވަޑައިގެންނެވީ އެ ތިން މައްސަލަ މަޖިލީހުން ތަހުގީގުކޮށްދިނުމަށެވެ.

ކޮވިޑް19 ގެ ޕޮޒިޓިވް ކޭސް އެއް ފެނުމުން އަރާ ފޭބުން މަނާކޮށްފައިވާ ނަރުދޫގެ އަންހެން މީހާ ބަނޑަށް ދަރިފުޅު މަރުވީ، ދޮޅުމަސްވަންދެން ޑޮކްޓަރަށް ދެއްކުމަށް މަސައްކަތްކޮށް ޑޮކްޓަރަށް ނުދެއްކި އުޅެނިކޮށް ކަމަށް އެއާއިލާއިން ބުނެއެވެ. ދަރިފުޅު މަރުވިކަން އެނގުނީ، މިދިޔަ ހޯމަ ދުވަހު ކުޅުދުއްފުއްޓަށް ގޮސް ސްކޭންކޮށް ބެލުމުންނެވެ. އާއިލާއިން ބުނީ، ރަށް ކައިރީ އޮންނަ ށ. އަތޮޅު ހޮސްޕިޓަލާއި ށ. މިލަނދޫ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނަށް ދެކުމަށް ދޮޅުމަސްވަންދެން މަސައްކަތް ކުރި ނަމަވެސް، ކޮންމެ ފަހަރަކު ފަހު ވަގުތު ޑޮކްޓަރަށް ނުދެއްކޭނެ ކަމަށް އަންގަނީ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިކަމުގައި އާއިލާއަށް ދޭން ޖެހޭ އެއްބާރުލުން ދިން ކަމަށާއި ހޮސްޕިޓަލުން ދިން އިރުޝާދުތަކަށް އާއިލާއިން އަމަލުކޮށްފައި ނުވާ ކަމަށެވެ.

އއ. ތޮއްޑޫގައި މާގަނޑުމީހާގެ ބަނޑަށް ދަރިފުޅު މަރުވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެއާއިލާއިން ތުހުމަތު ކުރާ ގޮތުގައި ދަރިފުޅު ބަނޑަށް މަރުވީ ފަރުވާ ދިނުން ލަސްވުމުންނެވެ. އެގޮތުން މާބަނޑު މީހާ ފަރުވާ ހޯދުމަށްޓަކައި އެ އަތޮޅުގެ މައި ހޮސްޕިޓަލު ހުންނަ ރަސްދުއަށް ދިއުމަށް ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް ހުއްދައެއް ނުލިބުނެވެ. އަދި މާލެ ދިއުމަށް ހުއްދަ ލިބުނީ ވިއްސާ ކޮޓަރިއަށް ވެއްދި ފަހުންކަމަށް އެ އާއިލާއިން ބުނެފައިވެއެވެ.

ނަރުދޫ އަދި ތޮއްޑޫ މާބަނޑު މީހާގެ ދަރިފުޅުވެސް ބަނޑަށް މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހަތަރު މަހުގެ ކުއްޖާ މަރުވީ، މިމަމަހުގެ 21 ވަނަ ދުވަހުއެވެ. އެެއިލާއިންވެސް ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުން ފަރުވާ ދިނުން ލަސްވި ކަމަށެވެ. މިކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނުގައި ބުނީ އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކުރި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް