ޕްރިމިއާ ލީގު ފެށުމަށް ކުލަބަކުން އެއްބަސްވީ ޖޫން 17 އަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީއާއި ޗެލްސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ތިން މަހުގެ މެދުކެނޑުމަކަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު އަންނަ މަހުގެ 17 ވަނަ ދުވަހު ފަށަން ކުލަބުތަކުން އެއްބަސްވެއްޖެ އެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ޔޫރޮޕް ފުޓުބޯޅަ މެދުކަނޑާލީ މިދިޔަ މާޗު މަހުގެ ކުރީކޮޅު އެވެ. އެއަށް ފަހު ގައުމުތަކުގެ ލޮކްޑައުން މަހުން މަހަށް އިތުރުވަމުން ދިއުމާ ގުޅިގެން ބައެއް ގައުމުތަކުގެ ފުޓުބޯޅަ ސީޒަންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އޭގެ ތެރޭގައި ފްރާންސްގެ ލީގާއި، ބެލްޖިއަމްގެ ލީގު އަދި ޑަޗް ލީގުގެ އިތުރުން އާޖެންޓީނާގެ ލީގު ވެސް ވަނީ ނިންމާލައިފަ އެވެ.

ނަމަވެސް ސްޕެއިނާއި، އިޓަލީ އަދި އިނގިރޭސިވިލާތުގެ އިތުރުން ޖަރުމަނުން ފުޓުބޯޅަ ސީޒަން ކުރިއަށް ގެންދާނެ ކަން މީގެ ކުރިން އިއުލާން ކޮށްފައިވާ އިރު އެންމެ ފުރަތަމަ ލީގު ފެށީ ޖަރުމަނުންނެވެ. އެއާއެކު އިޓަލީންނާއި، ސްޕެއިނުގެ ކުލަބުތަކަށް ރަސްމީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ މި މަހުގެ ކުރީކޮޅު ދީފައިވާ އިރު އިނގިރޭސި ކުލަބުތަކަށް ވެސް މިހާރު ވަނީ އެ ފުރުސަތު ދީފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ދާދޮ ފަހުން ގައުމާ މުހާތަބު ކުރަމުން ވިދާޅުވީ ޖޫން 13ގައި ލީގު އަލުން ފެށިދާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޓީމުތައް ޕްރެކްޓިސްތަކަށް ނެރުމަށް ޓަކައި ކުޅުންތެރިންނާއި، އޮފިޝަލުން ވައިރަހަށް ޓެސްޓް ކުރުމުގައި ހަ މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެހެން ކަމުން ތާރީހު ލަސްކުރުމަށް ބައެއް ކުލަބުތަކުން ވަނީ އެދިފަ އެވެ.

މިއަދު ކްލަބްތަކާ އެކު އިނގިރޭސި އެފްއޭ އިން ބޭއްވި ބައްދަލުވުމުގައި މިކަމަށް ގޮތެއް ނިންމާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި މިއަދުގެ ބައްދަލުވުމުގައި ހުރިހާ ބައިވެރިން ވެސް ވަނީ ޖޫން 17 ގައި ލީގު ފެށުމަށް އެއްބަސްވެފަ އެވެ.

އިނގިރޭސި ލީގުގެ ކުޅުން ހުއްޓާލިއިރު އެއް ވަނައިގައި 25 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލް އެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގައި ލިވަޕޫލަށް ބާކީ ނުވަ މެޗު އޮތްއިރު އެ މެޗުތަކުން ހަ ޕޮއިންޓް ހޯދައި ލީގު ކަށަވަރުކުރާނެކަން ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. ލިވަޕޫލަށް އެންމެ ފަހުން އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިބުނީ 1990 ވަނަ އަހަރު އެވެ. މިއީ 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އެޓީމަށް ލިބޭނެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް