ވަޒީފާތައް އިއާދަކޮށް ވިޔަފާރިތައް ކޮޅަށް ޖެހުމަކީ ފަތުރުވެރިކަމުގެ ބިންގާ: އަލީ ވަހީދު

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

ގެއްލިފައިވާ ވަޒީފާތައް އަލުން އިއާދަކޮށްދިނުމާއި އިނދަޖެހިފައިވާ ވިޔަފާރިތައް ކޮޅަށްޖެހުމަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ބިންގާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު އެހެން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އުފައްދާފައިވާ ކްރައިސިސް ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ޔޫއެންޑަބްލިއުޓީއޯ ގެ ސައުތު އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ ކަން ވެސް ކުރައްވަމުން ގެންދަވާ މިނިސްޓަރ ޢަލީ ވަޙީދު ވަނީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ ފައިސާ ނުވަތަ ލިކުއިޑިޓީ އާއި އެ ސިނާޢަތުގެ މުވައްޒަފުންގެ ވަޒީފާ އަލުން އިޢާދަކުރުމާއިމެދު ވާހަކަދައްކަވާފައެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯ އިން އުފައްދާފައިވާ ކްރައިސިސް ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޓުއަރިޒަމް މިނިސްޓްރީ

އެގޮތުން، ކޮވިޑް-19ގެ ދެވަނަ ރާޅެއްގައި ވިޔަފާރިތަކާއި އިޢާދަކުރެވޭ ވަޒީފާތައް ހިމާޔަތްކުރުމަށް ފައިސާ ބޭނުންވާނެކަން ފާހަގަކުރެއްވިއެވެ. އަދި، ދެވަނަ ރާޅަކަށް ތައްޔާރުވުމުގެ ގޮތުން އިޖާދީ ކަންކަމާއި އާ ފަންނިއްޔާތުތަކުގެ މުޙިއްމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

ބަލިމަޑުކަމުން އަރައިގަނެ ބޯޑަރުތައް ހުޅުވައި އަލުން ދަތުރުފަތުރު ފެށުމަށް ޔޫއެންޑަބްލިއުޓީއޯ ގެ އިސްވެރިންނާއި އެހެނިހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައި އެ ފަރާތްތަކަށް މިނިސްޓަރ ޢަލީ ވަޙީދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބޯޑަރުތައް ހުޅުވާލުމަށްޓަކައި ހުރިހާ ގައުމަކުންވެސް ރައްކާތެރިކަމަށް އިސްކަންދީގެން އެންމެންނަށް އެއްބަސްވެވޭ މިންގަނޑުތަކެއް ކަނޑައެޅުމަށް ވެސް މިނިސްޓަރު ގޮވާލެއްވިއެވެ. އެގޮތުން، ރައްކާތެރިކަމުގެ މިންގަނޑުތައް ކަނޑައަޅައި މި ޖުލައި މަހުގައި ބޯޑަރުތައް ހުޅުވާލުމަށް ރާއްޖެއިން ތައްޔާރުވަމުންދާކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، އެ މިންގަނޑުތައް ކޮންމެ 14 ދުވަހަކުން ސިނާޢަތުގެ މަސްލަހަތުވެރިންނާއި ކަމާއިގުޅޭ އިދާރާތަކުގެ މަޝްވަރާގެ މަތިން މުރާޖަޢާކުރާނެ ކަމަށެވެ.

ޔޫއެންޑަބްލިއުޓީއޯގެ ސެކްރެޓަރީ ޖެނެރަލް ޒޫރަބް ޕޮލޮލިކަޝްވިލީ ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދުގެ އިތުރުން ސްޕެއިންގެ މިނިސްޓަރ އޮފް އިންޑަސްޓްރީ، ކޮމާސް އެންޑް ޓޫރިޒަމް ރެޔެސް މަރޯޓޯ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓަރ އެޑްވައިޒަރ ފޮރ ޓޫރިޒަމް އެފެއަރޒް މުޙައްމަދު އަލް މައިރީ، ގްރީސްގެ މިނިސްޓަރ އޮފް ޓޫރިޒަމް ހެރީ ތިއޮހާރިސް އަދި ކެންޔާގެ ކެބިނެޓް ސެކްރެޓަރީ ފޯރ ޓޫރިޒަމް އެންޑް ވައިލްޑްލައިފް ނަޖީބް ބަލަލް ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް