އެމެރިކާއަށް ގޮންޖެހުމަށްފަހު ހޮންގްކޮންގްގައި ސަލާމަތާބެހޭ ގާނޫނު ތަންފީޒުކުރަން ޗައިނާ ނިންމައިފި

ވެރިކަމުގެ ޚާއްސަ ނިޒާމެއް އޮންނަ ޗައިނާގެ ސަރަހައްދެއްކަމަށްވާ ހޮންގްކޮންގްގައި އަމަނާބޭހޭ ޚާއްސަ ގާނޫނެއް ތަންފީޒު ކުރަން ޗައިނާގެ ޕާލަމެންޓުން މިއަދު މިވަނީ ނިންމާފައެވެ.

ޗައިނާގެ ޕާލަމެންޓް ކަމަށްވާ "ނެޝަނަލް ޕީޕަލްސް ކޮންގްރެސް"ގެ ބޮޑު އަޣްލަބިއްޔަތަކުން މިއަދު ނިންމާފައިވަނީ ހޮންގްކޮންގްގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށްޓަކައި އަމަނާ ބޭހޭ ޚާއްސަ ގާނޫނެއް ޗައިނާގެ ޕާލަމެންޓުން ފާސްކޮށް އެސަރަހައްދުގައި ތަންފީޒު ކުރުމަށެވެ. ޗައިނާގެ ޕާލަމެންޓްގެ ދާއިމީ ކޮމިޓީއަކުން މިޤާނޫނު ޑްރާފްޓުކުރުމުގެ މަސައްކަތް ދެމަސްދުވަހުގެ ތެރޭގައި ކޮށް ނިންމުމަށް ފަހު ޕާލަމެންޓުގެ ތަޅުމުގައި މަޝްވަރާ ކޮށް އެގާނޫނު ފާސްކުރުމަށްވެސް މިއަދުވަނީ ނިންމާފައެވެ.

ޗައިނާގެ އަމާޒު ހަތަރު ކަމަކަށް

މި ގާނޫނު އަމާޒު ކުރުމަށް ޗައިނާއިން ރާވާފައިވަނީ މައިގަނޑު ހަތަރުކަމަކާ ކުރިމަތިލުމަށެވެ. އެއީ ހޮންކޮންގްގައި މިދިޔަ އަހަރުން ފެށިގެން ހިނގަމުންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ހަރަކާތްތައް ހުއްޓުވުމާއި ބޭރުގެ ބާރުތަކުން ހޮންގްކޮންގްގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަ ވަނުން ހުއްޓުވުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ މައްޗަށެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެއަހަރުގެ ފަހުކޮޅާ ހަމައަށް ހޮންކޮންގްގައި ވަނީ ޗައިނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ. އެ މުޒާހަރާތައް ހޫނުވެ އެތަށް މަހަކަށް ދިގުލައިގެން ދިޔައިރު އެމުޒާހަރާތަކުގައި ވަނީ ހޮންގްކޮންގް ޗައިނާއިން ވަކިވެގަނެ އަމިއްލަ މިނިވަންކަން އިއުލާނު ކުރުމަށްވެސް ގޮވާލާފައެވެ. މީގެއިތުރުން ގާނޫތަކަށް ގޮންޖަހައި ނުކިޔަމަންތެރިކަން ދައްކައި ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖެހުންފަދަ ޓެރަރިޒަމްގެ އެތަށް އަމަލެއްވެސް މުޒާހަރާތަކުގައިވަނީ ހިންގާފައެވެ.

ޗައިނާގެ ޕާލަމެންޓް ނުވަތަ ނެޝަނަލް ޕީޕަލްސް ކޮންގްރެސް

އެންމެފުރަތަމަ މުޒާހަރާތައް ފެށުނީ ހޮންގްކޮންގެ ކުށްވެރިން ޗައިނާއަށް ގެންގޮސް އަދަބު ދެވޭގޮތަށް ކުށްވެރިންނާބެހޭ ހޮންގްކޮންގްގެ ގާނޫނަށް ބަދަލުގެނަމުގެ ބިލެއް ފާސްކުރަން ހޮންގްކޮންގެ ސަރުކާރުން މިދިޔައަހަރުގެ ކުރީކޮޅު އެސަރަހައްދުގެ ޕާލަމެންޓަށް ހުށަހެޅުމުންނެވެ. ނަމަވެސް މުޒާހަރާތައް ހޫނުވުމާއެކު ހޮންގްކޮންގްގެ ސަރުކާރުންވަނީ އެބިލް އަނބުރައި ގެންގޮސްފައެވެ.

މިއާއެކުވެސް މުޒާހަރާތަކަށް ހުއްޓުމެއް ނައިސްކުރިޔަށް ދިޔައެވެ. އަދި އެންމެފަހުން މުޒާހަރާތައް ބަދަލުވީ ހޮންގްކޮންގް ޗައިނާއިން ވަކިވެގަނެ މިނިވަންކަން އިޢުލާނުކުރުމަށާއި ހޮންގްކޮންގްގައި ހުޅަނގުގެ ޑިމޮކްރަސީ ތައާރަފް ކުރުމަށް ގޮވާލާ މުޒާހަރާތަކަކަށެވެ.

އެމުޒާހަރާތަކުގެ ސަބަބުން އެދުވަސްވަރު ޗައިނާ ވަނީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ. މިގޮތުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލައި އެކަމުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުން ހައްޔަރުކުރަން ޖެހިދާނެކަމުގެ އިންޒާރު އެތަށްފަހަރަކު ޗައިނާއިން ދިނެވެ. ނަމަވެސް އެކަން ޗައިނާ ތަންފީޒު ކޮށްފައެއް ނުވެއެވެ.

މުޒާހަރާތައް ކުރިޔަށްދިޔަ ދުވަސްވަރު ޗައިނާއިންވަނީ އެކަމުގެ ފަހަތުގައިވަނީ ބޭރުގެ ބާރުތަކެއްކަމަށް އެތަށްފަހަރަކު ތުހުމަތުކޮށްފައެވެ. އެއީ ކޮންބާރުތަކެއްކަން ސީދާ ނުބުނި ނަމަވެސް ޗައިނާގެ ތުހުމަތުގެ އިނގިލި ދިއްކުރަނީ އެމެރިކާއަށާއި އިނގިރޭސިވިލާތަށެވެ.

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ޓެރަރިޒަމް

އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ގައުމުތަކުގައި ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ހިއްވަރު ދިނުމުގެ ތާރީޚެއް އެމެރިކާއާއި އިނގިރޭސިވިލާތުގައި އޮންނަ ކަމަށް ޗައިނާގެ މީޑިއާއިން އެދުވަސްވަރު ތުހުމަތު ކުރިއެވެ. ހޮންގްކޮންގް ގެ މުޒާހަރާތައް ހުއްޓުމަކަށްއައީ މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ކޮރޯނާ ވައިރަސް ފެނި އެވައިރަސް ހޮންގްކޮންގް އަށްވެސް ފެތުރުމާ ގުޅިގެންނެވެ.

ގައުމީ ސަލާމަތާބެހޭ ގާނޫނުގެ ނަމުގައި ޗައިނާގެ ޕާލަމެންޓުން ހޮންގްކޮންގްގައި ތަންފީޒު ކުރަން މިއަދު ނިންމި ގާނޫނުގެ ހަގީގީ ބޭނުމަކީ ބޭރުގެ ތާއީދާއެކު ހޮންކޮންގްގައި ހިނގަމުން ގެންދާ ވަކިވެގަތުމުގެ ހަރަކާތްތައް ހުއްޓުވުމެވެ. މި ގާނޫނު ހޮންގްކޮންގްގައި ތަންފީޒު ކުރުމަށް ޗައިނާގެ ޕާލަމެންޓުން ނިންމާފައި މިވަނީ އެކަން ނުކުރުމަށް އެމެރިކާއިން ޗައިނާއަށް ހަރުކަށި އިންޒާރު ތަކެއް ދީފައިވަނިކޮށެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯވަނީ ޗައިނާއިން މި ގާނޫނޫ ފާސްކޮށް ހޮންގްކޮންގައި ތަންފީޒު ކުރާނަމަ ހޮންގްކޮންގްއަކީ ވެރިކަމުގެ ޚާއްސަ ނިޒާމެއް އޮންނަ ސަރަހައްދަކަށް ނުވާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ޗައިނާއަކީ ވެރިކަމުގެ ދެ ނިޒާމެއް އޮންނަ ގައުމެއް ކަމަށް މީގެފަހުން އެމެރިކާ ގަބޫލު ނުކުރާނެކަމުގެ އިންޒާރުވެސް ޕޮމްޕެއޯ ދެއްވިއެވެ.

ޗައިނާ އޮތީ އެމެރިކާ ކުރިމަތީގައި ފަހަތަށް ޖެހޭ ގޮތަކަށް ނޫން

ނަމަވެސް ޗައިނާ އޮތީ އެމެރިކާއަށް ދޫދޭ ގޮތަކަށް ނޫނެނެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވަނީ ޕޮމްޕެއޯގެ އިންޒާރަށް ގޮންޖައްސަވައި އެ ގާނޫނު ފާސްކޮށް ހޮންގްކޮންގްގައި ތަންފީޒު ކުރުމުގެ ކަންތައް އަވަސްކުރަންޖެހޭ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ. ގައުމީ ސަލާމަތާބެހޭ ގާނޫނޫ ހޮންގްކޮންގް ގައި ތަންފީޒުކުރަން ޗައިނާގެ ޕާލަމެންޓުގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމުމަކީ ހޮންގްކޮންގެ ކަންކަމާ ނުބެހުމަށް ޗައިނާއިން އެމެރިކާއަށާއި އިނގިރޭސިވިލާތަށް ދޭ އިންޒާރެކެވެ. ޗައިނާގެ ނިންމުމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވަޒީރު ވަނީ ހޮންގްކޮންގް އާ ދެކޮޅަށް ވިޔަފާރީގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދެއްވާފައެވެ.

ހޮންގްކޮޮންގްގައި ޗައިނާއާ ދެކޮޅަށް ކުރާ މުޒާހަރާތައް

ހޮންގްކޮންގްއަކީ 100 އަހަރުވަންދެން އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި އޮތުމަށްފަހު މިނިވަންވި ސަރަހައްދަކަށްވާތީ ހޮންގްކޮންގްގެ އިންވެސްޓްމަންޓާއި ވިޔަފާރީގެ ގާތްގަނޑަކަށް 80 އިންސައްތަ ހިއްސާ ކުރަނީ އެމެރިކާއާއި އިނގިރޭސިވިލާތާ އަދި ޔޫރަޕްގެ ކުންފުނިތަކުންނެވެ. އެމެރިކާއިން ފިޔަވަޅު އަޅައިފިނަމަ އޭގެ ގެއްލުން ބޮޑަށް ލިބޭނީ ހުޅަނގުގެ ކުންފުނިތަކަށެވެ.

ހޮންގްކޮންގްއަކީ ޗައިނާގެ ބިޔަ އިގްތިސާދުގެ އެންމެ 4 އިންސައްތަ ހިއްސާ ކުރާ ސަރަހައްދެކެވެ. އެހެންކަމުން ހޮންގްކޮންގްއާ ދެކޮޅަށް އެމެރިކާ އަޅާ ފިޔަވަޅުތަކުން ޗައިނާގެ އިގްތިސާދަށް އަސަރު ކުރުމުގެ ބަދަލުގައި އަސަރުކުރާނީ އެސަރަހައްދުގެ އިގްތިސާދު ބަރޯސާވެފައިވާ ހުޅނގުގެ ކުންފުނިތަކަށެވެ.

ހަތް މިލިޔަން މީހުންގެ ކުޑަކުޑަ އާބާދީ އެއްއޮންނަ ތޮއްޖެހިފައިވާ ހޮންގްކޮންގްއަކީ ޗައިނާގެ އެހެން ސަރަހައްދުތަކާ ޚިލާފަށް އާންމުންނަށް ގެދޮރުގެ ދަތިކަން ވަރަށް ބޮޑު ސަރަހައްދެވެ. އެކަން އެގޮތަށް ވެފައިވަނީ އިނގިރޭސީންގެ އިސްތިއުމާރުގެ ދުވަސްވަރުގައެވެ.

އިނގިރޭސީންގެ އަޅުވެތިކަމުން ހޮންގްކޮންގް މިނިވަންވީ 1997 ވަނައަހަރު

1997 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވި ހޮންގްކޮންގް އަކީ ޗައިނާގައި އޮންނަ ވެރިކަމާ ޚިލާފަށް ހުޅަނގުގައި އޮންނަ ބާވަތުގެ ވެރިކަމުގެ ނިޒާމެއް އޮންނަ ސަރަހައްދެކެވެ. އެ ނިޒާމު 2047 ވަނަ އަހަރާ ހަމައަށް ބޭއްވުން ހޮންގްކޮންގެ މިނިވަންކަމާބެހޭގޮތުން 1997 ވަނައަހަރު ޗައިނާއާއި އިނގިރޭސިވިލާތުން ސޮއިކުރި އެއްބަސްވުން ބުނެއެވެ.

އެހެންކަމުން ޗައިނާގެ ސިޔާދަތުގެ ދަށަށް ހޮންގްކޮންގް އައުމަށްފަހުވެސް ޗައިނާ އަމަލުކުރަމުން ގެންދަނީ އެއެއްބަސްވުމުގައިވާ ގޮތުގެ މަތިންނެވެ. ހޮންގްކޮންގް ގެ ހުރިހާ ކަމެއްވެސް ހޮންގްކޮންގްގެ ސަރުކާރުން ކުރާ ގޮތަށެވެ. ނަމަވެސް ހޮންގްކޮންގެ އަމަނާއި ސަލާމަތާބެހޭ ކަންތައްތަކާ އަދި ޚާރިޖީ ގުޅުންތަކުގެ ބާރު އެއެއްބަސްވުމުގެ ދަށުން ލިބެނީ ޗައިނާއަށެވެ.

ހޮންގްކޮންގް އަކީ ވެރިކަމުގެ ޚާއްސަ ނިޒާމެއް އޮންނަ އަދި ލާމަރުކަޒީ ބޮޑެތި ބަރުތަކެއް ދީފައިވާ ޗައިނާ ގެ ސަރަހައްދެއް ކަމަށްވާއިރު ހޮންގްކޮންގްގައި އެސަރަހައްދުގެ ރައްޔިތުން އިންތިޚާބު ކުރެވާ ޕާލަމެންޓެއް (ލެޖިސްޓްލޭޓިވް ކައުންސިލެއް) އޮވެއެވެ. ޗައިނާއާއި އިނގިރޭސިވިލާތުން ސޮއިކުރި އެއްބަސްވުމުގައިވާގޮތުން ހޮންގްކޮންގްގައި ތަންފީޒުކުރާ ގާނޫނުތައް އެކުލަވާލާނީ އެ ކައުންސިލުންނެވެ. ނަމަވެސް ހޮންގްކޮންގްގެ ސަރުކާރުގެ ވެރިއާ (ޗީފް އެގްޒެކެޓިވް) އައްޔަން ކުރާނީ ޗައިނާއިންނެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަންބޮޑުވުން

އެމެރިކާއާއި އިނގިރޭސިވިލާތުގެ ކަންބޮޑުވުމަކީ ގައުމީ ސަލާމަތުގެ ނަމުގައި ޗައިނާއިން ހޮންގްކޮންގްގައި ތަންފީޒުކުރަން ނިންމި ޤާނޫނާއެކު ހޮންގްކޮންގުގައި ޗައިނާގެ ބާރާއި ނުފޫޒު އާދަޔާ ޚިލާފަށް ގަދަވެގެންދާނެތީއެވެ. އަދި މި ގާނޫނަކީ ޗައިނާއާއި އިނގިރޭސިވިލާތުން ސޮއިކުރި އެއްބަސްވުމާ ޚިލާފު އަމަލެއްކަމަށް އެދެގައުމުން ދެކޭތީއެވެ.

ހޮންގްކޮންގްއަކީ ޚާއްސަ ސަރަހައްދެއް ނަމަވެސް އެއީ ޗައިނާގެ ބިމުކެވެ. އަދި އެއީ ޗައިނާގެ ސިޔާދަތުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. އެހެންކަމުން މިމައްސަލާގައި ޗައިނާ އޮތީ އެމެރިކާއަށްވެސް އަދި އެހެން ފަރާތަކަށްވެސް ކުޑަވެސް ދުލެއް ދޭގޮތަކަށް ނޫނެވެ. ޗައިނާ އެތަށް ފަހަރަކުވަނީ ހޮންގްކޮންގް ދާޚިލީ ކަންކަމާ ނުބެހުމަށް ބޭރުގެ ފަރާތްތަކަށް އިންޒާރު ދީފައެވެ.

ހޮންކޮންގުގައި މުޒާހަރާ ކުރާ ފަރާތްތަކުންވަނީ ކޮވިޑް-19 ގެ ބިރުވެރިކަމާއެކުވެސް އެ ގާނޫނާ ދެކޮޅަށް އަޑުއުފުލުމަށް މަގުތަކަށް ނުކުމެ ނުރުހުން ފާޅުކޮށްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި މިގާނޫނާ ދެކޮޅަށް ހޮންގްކޮންގްގައި ބޮޑެތި މުޒާހަރާތަކެއް ކުރުމަށްވެސް އެސަރަހައްދުގެ އެކްޓިވިސްޓުން ގެންދަނީ ރާވަމުންނެވެ. ނަމަވެސް ގައުމީ ސަލާމަތާބެހޭ ގާނޫނު ތަންފީޒު ކުރަންފެށުމުން ހޮންގްކޮންގް ގެ އެކްޓިވިސްޓުން ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ޗައިނާއަށް ލިބިގެންދާނެއެވެ. މިކަމުގައި އެހެން ފަރާތެއްގެ ފާޑު ކިޔުމަކަށް ޗައިނާ ނުބަލާނެއެވެ.

comment ކޮމެންޓް