ފުރަބަންދަށް ދިން ލުއިތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލިހުން މަޝްވަރާކޮށްފި

ރައީސް ސޯލިހު

މާލެ ސަރަހައްދަށް އިއުލާން ކޮށްފައިވާ ފުރަބަންދުގެ ލުއިތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން މަޝްވަރާކޮށްފި އެވެ.

ސަރުކާރުން ވަނީ މިއަދުން ފެށިގެން މީގެކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ފިޔަވަހިތަކަށް ބަހާލައިގެން ލުއިދިނުމަށް ނިންމައިފަ އެވެ. އެގޮތުން ފުރަމަމަ ފިޔަވެއްސަށް ހޭދަވާ ދެ ހަފްތާގެ ލުއިތައް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ރައީސް އޮފީހުން ބުނީ، ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ޓަކައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ފިޔަވަހީގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަޅުއްވަން ނިންމަވައި، މިހާރު އިއުލާނުކުރައްވާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިއަދު މެންދުރު ފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، އެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވައިގެން ހުރިހާ އިދާރާތަކުން ވެސް ކަންކަން ކުރައްވަމުންގެންދެވުމުގެ މުހިންމަމުގެ މައްޗަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިގް ވަޒީރުންނާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކޮންމެހެން ދެއްވަންޖެހޭ ހިދުމަތްތައް ވެސް ކުރިއެކޭ އެއްގޮތަށް ދެއްވުމަށްޓަކައި، އިތުރަށް ކުރައްވަންހުރި ކަންކަމާ ބެހޭ ގޮތުންވެސް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުން މިހާރު ވަނީ އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީ، އެ ލުއިތައް ތަންފީޒުވާނެ ގޮތަށް، މާލެ ސަރަހައްދުގެ ފުރަަބަންދުގެ މުއްދަތު 14 ދުވަހަށް އިތުރުކޮށްފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދޭނެ ލުއިތަކުގެ ތަފްސީލު ވަނީ ދީފަ އެވެ. އެގޮތުން ކޮންމެ ގޭބީސީއަކުން ވެސް ދެ ގަޑިއިރަށް ތިން މީހަކަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ.

ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ބޭރަށް ނުކުމެވޭނީ ވަކި ވަގުތެއްގައެވެ. އެގޮތުން މާދަމާ އިން ފެށިގެން އުމުރުން ދުވަސްވީ މީހުންނަށް ފަތިހުގެ 5:00 އިން ހެނދުނު 8:00 އަށް ގެއިން ނުކުތުމުގެ ހުއްދަ ދިނުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް ކުޑަ ކުދިންނަށް ގެއިން ނުކުމެވޭނީ ފުރަތަމަ ފިޔަވަހީގެ ދެވަނަ ހަފްތާގަ އެވެ. އެއީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ބައެއް ވިޔަފާރިތަކާއި ބޭންކްތައްވެސް ވަކި އިންތިޒާމެއްގެ ދަށުން ވަނީ ހުޅުވުމަށް ނިންމާފަ އެވެ. އަދި ޓެކްސީ ދަތުރު ކުރުމަށްވެސް ވަކު އިންތިޒާމެއްގެ ދަށުން ހުއްދަ ދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 ގެ 1،481 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 242 މީހަކު ރަނގަޅުވި އިރު، ފަސް މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް