ޖާބިރު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ

ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދަތުރުކުރައްވަމުން ގެންދެވި ސަޕްލައި ދޯންޏެއް ފަރަށް އަރައިފި އެވެ.

ޑީއާރްޕީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ފަރަށް އަރާފައި ވަނީ "މާގޯ" ސަޕްލައިން ދޯނި ކަމަށެވެ. އެ ދޯނި އަރާފައި ވަނީ ލ.ހުޅެމެންދޫ ފަރަށް ކަމަށް ޓުވީޓުގައިވެ އެވެ.

ޑީއާރްޕީން ބުނީ ޖާބިރު ދަތުރުކުރެއްވި ދޯނި ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް އިން މިހާރު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އެމްއެންޑީއެފް ސެންޓްރު ކޮމާންޑުގެ ކާނަލް މުހައްމަދު އިބްރާހިމްގެ ކޮމާންޑުގެ ދަށުން، ސެންޓްރަލް ކޮމާންޑުގެ ޓީމުން ކޮށްދެއްވި ބުރަ މަސައްކަތަށް ޖާބިރު ޝުކުރުއަދާކުރައްވާފައިިވާ ކަމަށް ބުނެފައިވެ އެވެ.

"އަދި މިކަން ތަރުތީބުވެފައިވާލެއް ފުރިހަމަ ކަމަށްޓަކައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ޑިފެންސް މިނިސްޓަރު މާރިިޔާ ދީދީއަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ޝުކުރު ދަންނަވައެވެ." ޑީއާރްޕީން ބުންޏެވެ.

ޖާބިރު ދަތުރުކުރައްވަމުން ގެންދެވި ދޯންޏެއް ފަރަށް އަރާފައިވާ ކަމަށް ޑީއާރްޕީން ބުނެފައި ވާއިރު، އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ކޮމެންޓެއް އަދި ނުލިބެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން މިއަދު ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް