ލުއި ދިނަސް ނުރައްކާ ލުޔެއް ނުވޭ، ނާޖާއިޒް ފައިދާ ނުނަގާތި: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުނަށް ލުއި ދެވުނު ނަމަވެސް، އެ ލުއިތަކުގެ ނާޖާއިޒް ފައިދާ އެއްވެސް ރައްޔިތަކު ނުނެގުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުނަށް މާދަމާއިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމާފައިވާ އިރު، އެކަމާ ގުޅިގެން ހޯމް މިނިސްޓަރު ކުރެއްި ޓްވީޓެއްގައި ވިދާޅުވީ ލުއި ދިން ނަމަވެސް ކޮވިޑް19ގެ ނުރައްކާ ބޮޑުތަނުން ލުއި ނުވާ ކަމަށެވެ.

އެހެންކަމުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ތަބާވެ ކޮންމެހެން ނުކުންނަން ނުޖެހޭ ނަމަ ބޭރަށް ނުނިކުތުމަށާއި ދެވޭ ހުއްދަތަކުގެ ނާޖާއިޒް ފައިދާ ނުނެގުމަަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލުއިތަކަކާ އެކު މާލެ ސިޓީގެ ލޮކްޑައުން ވަނީ 14 ދުވަހަށް އިތުރުކޮށްފައެވެ. އެ ލުއިތަކަކީ:

  • ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަށް ދެވޭ ހުއްދަތައް އިތުރުކުރުން
  • އުމުރުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިޔަކާއެކު ހުއްދަ ލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާދެމެދު ތިން ގަޑިއިރަށް ބޭރަށް ނުކުތުމުގެ އުޅުން
  • މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
  • މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަ ދިނުން އިތުރުކުރުން
  • ހުއްދަ ލިބިގެން ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަށް ދިއުމާއި އެ މީހުން ދިރިއުޅޭ ތަނަށް އެނބުރި ދިއުން
  • އިކޮނޮމިކް މިނިސްޓްރީގެ ކަނޑައަޅާ އުސޫލެއްގެ ދަށުން ފިހާރަތަކާއިި އަމިއްލަ އޮފީސްތައް ހުޅުވުން
  • ކޮންސްޓްރަކްޝަން މަސައްކަތްތައްް މާލެ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން، އެ ފަރާތްތަކަށް ހުއްދަ ލިބިގެން ކުރިއަށް ގެންދިއުން
  • ބޭންކުން ކަނޑައަޅާ އުސޫލެއްގެ ދަށުން ބޭންކުތަކުން ދެވޭ ހިދުމަތްތައް އިތުރުކުރުން
  • ސިއްހީ ހިދުމަތާއި އެހެނިހެން އާންމު ހިދުމަތްތައް ދިނުން އިތުރުކުރުން

އެޗްޕީއޭ އިން ބުނެފައި ވަނީ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ބަލި ފެތުރުން އިތުރުވާނަމަ، އަނެއްކާވެސް އެ ފިޔަވަޅުތައް ހަރުކަށިކުރަން ޖެހިދާނެ އެވެ.

ރާއްޖެއިން މިހާތަނަށް 1،471 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 242 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި މަރުވެފައި ވަނީ ފަސް މީހެކެވެ.

comment ކޮމެންޓް